ދުނިޔެ

ލަންކާގެ ހާލަތަށް ބަދަލެއް ނާދޭ، އޮތީ ދެޝަރުތެއް

ލަންކާއަށް އިގުތިސޯދީ ގޮތުން ދިމާވެފައި އޮތް ދަތި ހާލަށް ނުރުހުން ފާޅު ކުރަން މަގުތަކަށް ނުކުތް މީހުންގެ ރާގު ބަދަލުކޮށް ސަރުކާރު ވައްޓާލަން އޮތީ ޑިމާންޑް ކޮށްފަ އެވެ.

މުޒާހަރާކުރާ މީހުން މުޅި ގޯލްފޭސް ހިފައި އެއްއަޑަކުން ސަރުކާރު އިސްތިއުފާ ދޭން ގޮވާލާ ގޮވުން މުޅި ލަންކާއަށް ފެތުރި މިހާރު އެންމެ ބޮޑު ނުތަވަސްކަމެއް އޮތީ ރަމްބުއްކަނާގަ އެވެ.

ރަމްބުއްކަނާގައި ފުލުހުންނާއި މުޒާހަރާ ކުރާ މީހުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި އެއްވުންތައް ރޫޅަން އެކަށީގެން ނުވާ ވަރަށް ފުލުހުން ބާރުގެ ބޭނުންކުރި ކަމުގެ ހެކިތައް މިހާރު ދަނީ ފެންނަމުންނެވެ.

ރަމްބުއްކަނާގެ ޕޮލިސް ސްޓޭޝަން ދޮށަށް އާންމުން އެއްވެ ގާ އުކައި ވަނީ އިމާރާތަށް ގެއްލުންދީފަ އެވެ. އަދި ރޭލު ދަގަނޑުތައް ބަންދުކޮށް އާންމު ދަތުރުފަތުރަށް ވެސް ވަނީ ހުރަސްއަޅާފަ އެވެ. ހާލަތަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ބެލެވިފައި ނުވާތީ ރަމްބުއްކަނާގައި ވަކި މުއްދަތެއް ނެތި މިހާރު އޮތީ ކާފިއު އިއުލާނު ކޮށްފަ އެވެ.

ފުލުހުން އާންމުންގެ ތެރެއަށް ބަޑިޖެހުމުގެ ސަބަބުން އެކަކު މަރުވެ 24 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.
ޝޯޝަލް މީޑިއާ ލަންކާ ޗެނަލްތަކުން ޔޫޓިއުބަށް ލާފައި ހުރި ވީޑިއޯ ކްލިޕްތަކުން ފެންނަ ގޮތުގައި ފުލުހުންގެ އަމަލުތައް ހުރީ ކަމަކަށް ގަސްދު ކޮށްފައި ހުރި ގޮތަށެވެ. އާންމުންނަށް އަނިޔާވިޔަސް ހެޔޮ ގޮތަށެވެ.

ލަންކާގެ ހާލަތަށް ހެޔޮ ބަދަލެއް ގެނެވޭތޯ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާ މުޒާހަރާކުރާ މީހުންނާ ބައްދަލު ކުރަން އެދިވަޑައިގަތުމުން އެކަން އޮތީ ބޮލާލާ ޖަހަފާއެވެ. އޭގެ ބަދަލުގައި މުޒާހަރާކުރާ މީހުން ބޮޑުވަޒީރަށް އަދި ސަރުކާރަށް ހުށަހެޅީ ދެ ޝަރުތެކެވެ.

ސަރުކާރަށް ހުށަހެޅި ފުރަތަމަ ޝަރުތަކީ ރައީސް ގޯޓާބޭ ރާޖަޕަކްސާ އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމެވެ. ދެވަނަ ޝަރުތަކީ ރާޖަޕަކްސާ އާއިލާގެ އެކަކުވެސް ސަރުކާރުގައި އަދި ސަރުކާރު ހިއްސާވާ މުއައްސަސާއެއްގައި ވެސް ނުތިބުމެވެ.

ރައީސް ގޯޓާބޭ ވިދާޅުވީ ގައުމަށް ދިމާވެފައި އޮތް ހާލަތާ މެދު ހިތާމަކުރައްވާ ކަމަށާއި އިސްތިއުފާ ދެއްވާނެ ގޮތެއް އެއީ ނެތް ގޮތް ކަމަށެވެ.

ލަންކާގެ އިގުތިސޯދަށް ހެޔޮ ބަދަލެއް ގެނެވޭތޯ ސަރުކާރުން ވަނީ އިންޓަނޭޝަނަލް މަނީޓަރީ ފަންޑް (އައިއެމްއެފް) އާއެކު މަޝްވަރާ ފަށާފަ އެވެ. އައިއެމްއެފްގެ ޝަރުތުތަކަށް ބޯ ލެނބުމަށް މަޝްވަރާތަކުގެ ކުރިން އާ ކެބިނެޓެއް ވެސް ވަނީ އެކުލަވާލާފަ އެވެ.

ގައުމުގައި އުފެދިފައި އޮތް ނުތަނަވަސްކަން މައިތިރި ކުރަން ސަރުކާރުން ކުރާ އެއްވެސް ކަމަކުން ހެޔޮ ނަތީޖާއެއް އަދި ނުނިކުމެ އެވެ. ހާލަތު އަދިވެސް ވަނީ ގޯހެވެ. ސަރުކާރަށް ލަފާދޭ ކޮމިޓީތައް ވެސް ވަނީ ފޭލިވެފަ އެވެ.