ލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ އެ ގައުމު ދޫކުރައްވާ ވަޑައިގަތުމުގައި އިންޑިއާގެ އެހީތެރިކަން ހޯއްދަވާފައިވާ ކަމަށް ދެކެވޭ ވާހަކަތައް އެ ގައުމުން ދޮގުކޮށްފި އެވެ. ރައީސް ގޮޓަބަޔަ ރާޖަޕަކްސަ ވަނީ ލަންކާއިން ފިއްލަވައިގެން ރާއްޖެ ވަޑައިގެންފައެވެ. އެމަނިކުފާނު ވަނީ ވައިގެ މަގުންނާއި ކަނޑުގެ މަގުންވެސް ފިއްލެވުމަށް ދެ ފަހަރެއްގެ މަތީން މަސައްކަތް ކުރައްވާފައި ކަމަށް ބައިނަލްއަގްވާމީ ރިޕޯޓްތައް ބުނެެއެވެ. ރޭ ދަންވަރު ކުއްލި ގޮތަކަށް އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވީ އަސްކަރީ ޖެޓެއްގައި ކަމަށް ބުނެވެއެވެ.
ރައީސް ގޮޓަބަޔަ ރާޖަޕަކްސަ ފިއްލެވުމަށް ކުރެއްވި މަސައްކަތަށް އިންޑިއާގެ އެހީތެރިކަން ލިބުނު ކަމަށް ބުނާ ރިޕޯޓްތައް ދޮގުކޮށް ލަންކާގައި ހުންނަ އިންޑިއާ އެމްބަސީން ބުނީ އެއީ މުޅީންވެސް ހަގީގަތެއް ނެތް ދޮގު ރިޕޯޓްތައް ކަމަށެވެ. ރައީސް ގޮޓަބަޔަ ރާޖަޕަކްސަ ފިއްލެވުމަށް އެއްވެސް ގޮތަކަށް އެހީތެރިވެފައި ނުވާނެ ކަމުގެ ޔަގީންކަން ލަންކާގެ ރައްޔިތުންނަށް އިންޑިއާ ސަރުކާރުން ދެއެވެ.
އަދި ބުނީ އިންޑިއާ ދެމި އޮންނާނީ ލަންކާގެ ރައްޔިތުންނާ އެކު ކަމަށެވެ.
އިގްތިސާދީ ބޮޑު ކާރިސާއެއްގެ ތެރޭގައި އޮތް ސްރީލަންކާއަށް މިދިޔަ ދުވަސްތަކުގައި އެންމެ ބޮޑު އެހީތެރިކަމެއް ދިނީ އިންޑިއާ އިންނެވެ. އެކި ގޮތްގޮތުން ގިނަ އެހީތަކެއް އިންޑިއާއިން ދީފައިވެއެވެ.
ގޮޓަބަޔަ ރާޖަޕަކްސަ އެ ގައުމު ދޫކުރައްވާ ވަޑައިގެންފައިވާ ކަމަށާ ރޭ ދަންވަރުގެ ވަގުތެއްގައި އެމަނިކުފާނު ރާއްޖެ ވަޑައިގެންފައިވާ ކަމަށް އޭއެފްޕީ އާއި ބީބީސީ އިންވެސް ވަނީ ރިޕޯޓް ކޮށްފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ރޭ މެންދަމުގެ ވަގުތެއްގައި ގޮޓަބަޔަ ރާޖަޕަކްސަ ރާއްޖެ ވަޑައިގެންފައި ވަނީ އަސްކަރީ މަތިންދާ ބޯޓެއްގައެވެ. އެމަނިކުފާނަށް އެއާޕޯޓުން ރައްޔިތުންގެ މަޖިލީހުގެ ރަައީސް މުހައްމަދު ނަޝީދު މަރުހަބާ ވިދާޅުވި ކަމުގެ އަޑުތައްވެސް އެބަ އޮތެވެ.
އަދި ގޮޓަބަޔަ ރާއްޖޭގައި ހުންނެވިކަން ސިއްރު ކުރެއްވުމުގެ ގޮތުން ވީއައިއޭ -- ދިވެހީންގެ ބައިނަލްއަގްވާމީ އެއާޕޯޓް -- ގެ މުވައްޒިފުންނަށް ވެސް ތަފާތު މައުލޫމާތުތަކެއް ދީފައިވާ ކަަމަށް އަޑުތައް ފެތުރިފައިވެއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ލަންކާގެ ބައިނަލްއަގްވާމީ އެއާޕޯޓުން ފުރި އެންޓޮނޯވް-32 މަތިންދާބޯޓެއް ގައި ތިބި ހަތަރު ފަސިންޖަރުންގެ ތެރޭގައި އުމުރުން 73 އަހަރުގެ ރައީސް ގޮޓަބަޔާ އަދި އެމަނިކުފާނުގެ އަނބިކަނބަލުންނާއި ބޮޑީގާޑަކު ހިމެނެއެވެ.
ލަންކާގެ އެއާފޯސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުތަކާ އެއްގޮތަށް އަދި ޑިފެންސް މިނިސްޓްރީގެ ރުހުން ލިބިގެން ދިވެހިރާއްޖެއަށް ފުރުމަށް އެސްއެލްއޭއެފްގެ މަތިންދާބޯޓެއް ރައީސުލްޖުމްހޫރިއްޔާ ތައްޔާރު ކުރެއްވި ކަމަށެވެ. އަދި އެމަނިކުފާނު އެ ދަތުރުފުޅު ކުރައްވާފައިވާ ކަމަށެވެ.