ރާއްޖެ ކުޅިވަރު

ރާއްޖެ – ޗައިނާ މެޗު ޓީވީއެމުން ދައްކަނީ

Sep 8, 2015

ރާއްޖެ އާއި ޗައިނާ ކުޅޭ މެޗު ގައުމީ ޓީވީން ވަގުތުން ދައްކަން ނިންމައިފި އެވެ.

ހަވީރު 4:35 ގައި ޗައިނާގެ ޝެންޔަން އޮލިމްޕިކް ސްޕޯޓްސް ސެންޓަރުގެ ދަނޑުގައި ފަށާ މެޗަކީ ކޮލިފައިންގައި ރާއްޖެ މިހާތަނަށް ކުޅޭ ތިން ވަނަ މެޗެވެ. ޖުމުލަ 60000 މީހުންނަށް ވަދެވޭ މި ސްޓޭޑިއަމަށް ރާއްޖެ މިއަދު ނުކުންނައިރު މީގެ ކުރިން ވަނީ ހޮންކޮން އަތުން 2-0 އިން އަދި އަމިއްލަ ދަނޑުގައި ގަތަރު އަތުން 1-0 އިން ބަލިވެފަ އެވެ.

މި މެޗަށް ނުކުންނައިރު ރާއްޖޭގެ ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) މިވަގުތު ހުރީ މާލޭގަ އެވެ. އޭނާ މެޗު ނުކުޅެން ނިންމައިފަ އެވެ.

ދަގަނޑޭ ނެތުމުން ކެޕްޓަންކަން ކުރާނީ މިޔަންމާގެ ކޭބީޒެޑަށް ކުޅޭ މުހައްމަދު އާރިފް (ބަކާ) އެވެ. އޭނާ ބުނީ މުޅި ޓީމު ވެސް އޮތީ މެޗަށް ތައްޔާރުވެފައި ކަމަށާއި ހާއްސަކޮށް ޒުވާން ކުޅުންތެރިން ތިބީ މެޗަށް ވަރަށް ބޮޑަށް ތައްޔާރަށް ކަމަށެވެ. ޗައިނާގައި މެޗު ކުޅުނު ނަމަވެސް މި މެޗުގައި ރާއްޖެ މުޅިން ދިފާއީ ގޭމެއް ނުކުޅޭނެ ކަމަށް ޓީމާ ހަވާލުވެ ހުރި އެސިސްޓެންޓް ކޯޗު އިސްމާއީލް މަހުފޫޒް (އިންމަ) ވެސް ވަނީ ބުނެފަ އެވެ. އަދި މެޗުގެ ނަތީޖާ ރަނގަޅުކުރުމަށްޓަކައި ފުރަތަމަ ހާފުގައި ރަނގަޅު ނަތީޖާއެއް ނެރެން އިންމަ ވަނީ ބާރުއަޅާފަ އެވެ.

މި މެޗަށް ނުކުންނައިރު ދިވެހި ޓީމުގެ ގޯލަށް ޖަހާ ބޯޅަތައް ގިނަކުރަންޖެހޭނެ ކަމަށް ޗައިނާ ޓީމުން ވަނީ ބުނެފި އެވެ. މިވަގުތު ގްރޫޕުގެ ތިން ވަނާގައި އޮތް ޗައިނާގެ ކޯޗު ފްރާންސްގެ އެލައިން ޕެރިން ބުނީ ރާއްޖެ އަތުން ކޮންމެހެން ވެސް މޮޅުވާންޖެހޭ ކަމަށެވެ. "އެންމެ މުހިންމު ކަމަކީ ތިން ޕޮއިންޓް ހޯދުން. އަހަރުމެން އެބަޖެހޭ ގޯލަށް ޖަހާ ބޯޅަ ގިނަކުރަން. އަދި ޖަހާބޯޅަތައް ގޯލާ އަމާޒުކުރަން ޖެހޭ ކުރީ (ހޮންކޮންއާ ދެކޮޅަށް ކުޅުނު މެޗު) މެޗަށްވުރެ ބޮޑަށް. އަހަރުމެން ބޭނުންކުރަންޖެހޭނީ ހޮންކޮންއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ބޭނުންކުރި އުކުޅުތައް. އެ މެޗުގައި އަހަރުމެން 40 ޝޮޓްހެދިން ގޯލާ އަމާޒުވި އަށް ބޯޅައާއެކު. އަދި ގިނަ ފުރުސަތުތަކެއް ހޯދިން. އެހެންވީމަ މި މެޗުގައި އެއަށްވުރެ ގިނައިން މިކަން ކުރަންޖެހޭ،" ކޯޗު ބުންޏެވެ.

މިއަދުގެ މެޗަށް ފަހު މި ދެ ޓީމު އަންނަ އަހަރު މާޗު މަހު ކުޅޭ މެޗު ވެސް އޮންނާނީ ޗައިނާގަ އެވެ. އެއީ ގަލޮޅު ދަނޑުގެ ވިނަގަނޑު ހަލާކުވެފައިވާތީވެ ރާއްޖޭގައި މިއަދު ކުޅެން ކުރިން އޮތް މެޗު ޗައިނާގައި ކުޅެން ނިންމުމުންނެވެ.