އޮންލައިންކޮށް ހުށަހެޅި މި ޕެޓިޝަންގައި ރެފިއުޖީންގެ މައްސަލައިގާ މިހާރަށްވުރެ ބޮޑަށް ބައިވެރިވެ އެހީތެރިކަން ދިނުމަށް އެމެރިކާ ސަރުކާރަށް ގޮވާލާފައިވެއެވެ.
މޫވްއޯން ޑޮޓް އޯގް ވެބްސައިޓް ގައި ހުށަހެޅި މި ޕެޓިޝަންގައި އެއްހާސް ތިން ސަތޭކަ މީހުން ވަނީ އެމީހުންގެ ގެތައް ރެފިއުޖީންނަށް ހުޅުވާލާފައިވާ ކަމަށް ބުނެ ސޮއި ކޮއްފައެވެ.
އދ. އިން ލަފާކުރާ ގޮތުގައި 2011 ވަނަ އަހަރު ސީރިޔާގައި ދާހިލީ ހަނގުރާމަ ފެށުނު ފަހުން ހަތަރު މިލިއަނެއްހާ މީހުން ވަނީ ރެފިއުޖީންގެ ގޮތުގައި ގައުމު ދޫކޮއްފައެވެ. އެމެރިކާއިން މީހާތަނަށް ހިމާޔަތް ދީފައިވަނީ ސީރިޔާގެ 1500 ރެފިއުޖީންނަށެވެ.
ޕެޓިޝަނުގައި ސޮއިކުރި މީހަކު ބުނީ ގައުމަށް އެތެރެވާ ބީރައްޓެހިންނަށް އެމީހުންގެ ގެދޮރު ހުޅުވާލުމަކީ އެމެރިކާގެ ސަގާފަތް ކަމަށެވެ. އަދި މެދު އިރުމަތީގައި ހިނގާ ހަނގުރާމަ ތަކުގައި އެމެރިކާގެ ދައުރު ވަރަށް ބޮޑު ކަމަށާއި ގިނަ ބަޔަކު ރެފިއުޖީންނަށް ވުމުގެ ޒިންމާ އެމެރިކާއިން ވެސް އުފުލަން ޖެހޭނެ ކަމަށެވެ.
އެމެރިކާއިން ރެފިއުޖީންގެ މައްސަލައިގައި އަދި ފެންނަނީ ވަރަށް ހިމޭނުން އޮތް ތަނެވެ. އެގައުމުގެ ސަރުކާރާއި އާންމުންގެ މެދުގައިވެސް ރެފިއުޖީންނަށް ގައުމު ހުޅުވާލުމުގައި ޖެހިލުންވާ ކަންކަން އެބަ ހުރި ކަމަށް އެފަރާތް ތަކުން ފާހަގަ ކުރެއެވެ. އެމީހުންގެ އެންމެ ބޮޑު ބިރަކީ ރެފިއުޖީން ކަމަށް ހެދިގެން ޓެރަރިސްޓުން އެމެރިކާއަށް އެތެރެވެދާނެތީއެވެ.
ޔޫރަޕުގެ ގައުމުތަކަށް ނުކަތާ ވަރަށް ރެފިއުޖީން ތޮއްޖެހި އެހެނިހެން ގައުމުތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށް ޔޫރަޕުން ދަނީ ބުނަމުންނެވެ.