ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިޓަލީގެ 200 އަށްވުރެ ގިނަ ފަތުރުވެރިން މިއަދު ފުރުވާލަނީ

Mar 16, 2020

ރާއްޖޭގައި މިވަގުތު ތިބި އިޓަލީ ފަތުރުވެރިންގެ ތެރެއިން 200 އަށްވުރެ ގިނަ ފަތުރުވެރިން މިއަދު ފުރުވާލަން ނިންމާފައިވާ ސަރުކާރުން މިއަދު ބުނެފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން މި ބަލީގެ ކަންކަމަށް ހައްސަކޮށްފައިވާ ތަރުޖަމާނު މަބުރޫކު އަޒީޒް ވިދާޅުވީ ރައްޖޭގައި ތިބި އެކި ގައުމުތަކުގެ ފަތުރުވެރިން އެމީހުންގެ ގައުމުތަކަށް ގެންދިއުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށެވެ. އެގޮތުން ރާއްޖޭގައި މިހާރު ތިބި މީހުންގެ ތެރެއިން އިޓަލީގެ ފަތުރުވެރިން ގެންދިޔުމަށް، އެ ގައުމުގެ ސަރުކާރާއެކު ކުރި މަޝްވަރާތަކާ ގުޅިގެން އަލިޓާލިއާ އެއާލައިންގެ ފްލައިޓެއް މިއަދު ރާއްޖެ އައިސްފައިވާ ކަމަށެވެ.

މި ފްލައިޓްގައި އިޓަލީގެ 200 އަށްވުރެ ގިނަ ފަތުރުވެރިން ފުރުވާލުމަށް ހަމަޖެހިފައިވާ ކަމަށް މަބުރޫކް ވިދާޅުވި އެވެ. އިޓަލީއަކީ ރާއްޖެއަށް މީހުން އައުން މަނާ ކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.

ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކަށް އެ ބަލި ޖެހިފައިވަނީ ރާއްޖޭގައި ޗުއްޓީ ހެދަކޮށްފައި ދިޔަ އިޓަލީގެ ފަތުރުވެރިއެއްގެ ފަރާތުންނެވެ.

އެއާއެކު ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 13 އަށް އަރާފަ އެވެ.

އެއީ އަންނަންތަރާ ދިގު ރިސޯޓްގެ ދެ މީހަކާއި ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ.

އެ މީހުން ނިސްބަތްވާ ގައުމުތައް ސަރުކާރުން މިއަދު ހާމަކޮށްފައިވާއިރު، އޭގެ ތެރޭގައި އިޓަލީގެ ނުވަ މީހަކު ހިމެނެ އެވެ. ދެން ބާކީ ތިބި ހަތަރު މީހުން ނިސްބަތްވަނީ، ތުރުކީ، ދެކުނު އެފްރިކާ، ޖަރުމަނު އަދި އިނގިރޭސި ވިލާތަށެވެ.