ދުނިޔެ

ރެފިއުޖީންގެ މައްސަލައިގާ އީޔޫ ގެ ޕްލޭން އަދި ކިރިޔާ

Sep 9, 2015

ޔޫރަޕް (ބީބީސީ) ރެފިއުޖީންގެ މައްސަލައަށް ގޮތެއް ނުނިމި އެތައް ދުވަހެއް ފަހުން އީޔޫ އިން މި މައްސަލަ ހައްލުކުރުމަށް ހަދާފައިވާ ޕްލޭން ހާމަ ކުރުމަށް ތައްޔާރު ވެއްޖެއެވެ. މި ޕްލޭންގައި ހިމެނޭނެ ކަމަށް ޔަގީން ކުރެވިފައިވާ ކަންކަމުގެ ތެރޭގައި އެއްލައްކަ ވިހިހާސް ރެފިއުޖީން އީޔޫ މެންބަރު ގައުމުތަކުގެ މެދުގައި ބަހާލުން ހިމެނެއެވެ.

އީޔޫގެ މެންބަރު ގައުމުތަކަށް އެއްބަސްވެވޭ އުސޫލެއް ކަނޑައެޅުން މިހާތަނަށް ވެސް އޮތީ ދަތި ކަމަކަށް ވެފައެވެ. މެންބަރު ގައުމުތަކަށް ވަކި އަދަދަކަށް ރެފިއުޖީންނަށް ހިމާޔަތް ދޭންޖެހޭ އުސޫލެއް އީޔޫއިން ކަނޑައެޅުމާ ބައެއް ގައުމުތައް އަދިވެސް ދެކޮޅެވެ. އޭގެ ތެރޭގައި ސްލޮވާކިޔާއާއި، ޕޮލެންޑް އަދި ރޯމޭނިޔާ ހިމެނެއެވެ. އީޔޫ އިން ކަނޑައަޅާ އަދަދަށް ރެފިއުޖީންނަށް ހިމާޔަށް ނުދޭ މެންބަރު ގައުމުތަކާ ދެކޮޅަށް އެ ޖަމާއަތުން ފިޔަވަޅު އަޅާނެއެވެ. ބެލެވޭ ގޮތުގައި އެ ފިޔަވަޅަކަށް ވާނީ ޖޫރިމަނާ ކުރުމެވެ.

ރެފިއުޖީން ގައުމުތަކަށް ބަހާލުމުގައި އީޔޫ އިން ބަލަނީ ޖީޑީޕީ އަށާއި، އާބާދީ އަށާއި، ވަޒީފާނެތް މީހުންގެ ނިސްބަތަށާއި، މިހާތަނަށް އެގައުމަކުން ރެފިއުޖީންނަށް ހިމާޔަތް ދީފައިވާ މިންވަރަށެވެ.

ރެފިއުޖީން ގައުމުތަކުގައި ބަހާލުމުގެ އިތުރުން އީޔޫގެ ޕްލޭންގައި ދެން ހިމެނޭނީ މެދު އިރުމަތީގެ ގައުމުތަކުގެ އިގްތިސޯދު ހަރުދަނާ ކުރުމަށް އެހީތެރިވެދިނުމާއި، ހިއުމަން ޓްރެފިކިންނަށް ހައްލެއް ހޯދުމަށް އަޅާނެ ފިޔަވަޅުތަކެކެވެ.

ރެފިއުޖީންގެ މައްސަލައަށް ޕްލޭނެއް އެކުލަވާލުމަށް އީޔޫ މިހާރުވެސް ލަސްވެފައި ވާއިރު، އދ ގެ ރެފިއުޖީންނާބެހޭ ޖަމިއްޔާގެ ހައި ކޮމިޝަނަރު ވިދާޅުވީ އީޔޫ އަދި ފެންނަނީ ހަދާނެ ގޮތެއް ނޭންގި ބަލިކަށި ވެފައިވާތަން ކަމަށެވެ. "މިއީ ސީރިއަސް ކާރިސާއެއްކަން އެނގޭ. އެކަމަކު އީޔޫއަށް މިކަން ގެންދާނެ ރަނގަޅު ޕްލޭނެއް އެކުލަވާލެވިފައި އޮތްނަމަ، މިއީ ހައްލު ކުރެވޭ ވަރުގެ ކަމެއް. މި ދައްކަނީ ފަސްސަތޭކަ މިލިއަނަށް ވުރެ ބޮޑު އާބާދީއެއް އޮތް ޔޫނިއަންއަކަށް ދުވާލަކު ހަތަރު ފަސްހާސް މީހުން އެތެރެވާން އުޅޭ މައަސަލައެއްގެ ވާހަކަ."

މިއީ ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން ޔޫރަޕަށް އެންމެ ގިނަ ރެފިއުޖީން ޖަމާވި ފަހަރެވެ.