ބޮލީވުޑް

ރަންބީރުއާ ރުޅިވެއްޖެކަމަށް ދެކެވޭ ވާހަކައަށް އާލިއާގެ ޖަވާބު

ރަންބީރު ކަޕޫރާއި އާލިއާ ބަޓް އަކީ ބޮލީވުޑްގައި މިހާޜު ތިބި އެންމެ މަޝްހޫރު ޖޯޑެވެ. އެމީހުންގެ ހަގީގީ ލޯބީގެ ވާހަކަތައް މީޑިއާގައި ދެކެވޭތާ ގިނަ ދުވަސްތަކަކަށްފަހު އެ ދެ އެކްޓަރުން ވެސް ވަނީ ލޯބީގެ ގޮތުން ގުޅިފައިވާ ކަމަށް އެއްބަސްވެފަ އެވެ. އަދި އޭގެ ފަހުން ހުރިހާ ތަނަކުން ވެސް ދެ ތަރިން އެކުގައި ފެންނަމުން ދިޔަ އެވެ. އަދި ޑިސެމްބަރު މަހު ކައިވެނި ކުރަން އުޅޭ ވާހަކަތަކެއް ވެސް މީޑިއާގައި ވަނީ ވަރަށް ފަހުން ފެތުރިފަ އެވެ. ނަމަވެސް ފާއިތުވީ ދެ ތިން ދުވަހުއްސުރެ އިންޑިޔާގެ އޮންލައިން ނޫސްތަކުން ހަބަރު ފަތުރަމުންދަނީ ރަންބީރު އާއި އާލިއާގެ ލޯތްބަށް ނިމުން އައި ވާހަކަ އެވެ.

މި ވާހަކަތައް މާ ބޮޑަށް ދެކެވެން ފެށީ އާލިއާގެ އުފަން ދުވަހުގެ ޕާޓީން ރަންބީރު ނުފެނުމުންނެވެ. ނަމަވެސް އާލިއާ މިހާރު ވަނީ އޭނާ އާއި ރަންބީރު ރުޅިވި ވާހަކައަކީ ދޮގެއްކަން ވަރަށް ފުރިހަމައަށް އެންމެންނަށް ދައްކާލާފަ އެވެ.

އަމިއްލައަށް ގޭގައި ކަރަންޓީނުވެ ހުރެގެން އާލިއާ އިންސްޓަގްރާމްގައި ޝެއާކުރި ފޮޓޮއެއްގައި އިރު އަރާމަންޒަރު ބަލަން އޭނާ ހުއްޓާ ފެނެ އެވެ. އަދި މި ފޮޓޯގެ ކެޕްޝަނަކަށް އާލިއާ ލިޔެފައިވަނީ ފޮޓޯ ނަގާފައިވަނީ އޭނާގެ ފޭވަރިޓް ފޮޓޯގްރާފަރު ރަންބީރު ކަޕޫރު ކަމަށެވެ.

އާލިއާގެ މި ޕޯސްޓަށް އޭނާގެ ދައްތަ ޝާހީން ވެސް ކޮމެންޓު ކޮށްފައި ވެއެވެ. އަދި އެމީހުންނަށް ވުރެ ރަންބިރު ނަގާ ފޮޓޯތައް މާ ހަޑިކަމަށް ބުނެފައި ވެއެވެ. މި ޕޯސްޓާއެކު ރަންބީރު އާއި އާލިއާ ރުޅިވެއްޖެ ކަމަށް ދެކެވޭ ވާހަކަތަކަށް ވަރަށް އޮމާންކޮށް ފުރިހަމައަށް ވަނީ ޖަވާބު ލިބިފަ އެވެ.

އާލިއާ އާއި ރަންބީރު ރައްޓެހިވުމުގެ ކުރިން ރަންބީރު ވަނީ ބޮލީވުޑްގެ މަޝްހޫރު ބަތަލާއިންގެ ތެރޭގައި ހިމެނޭ ސޯނަމް ކަޕޫރު، ދީޕިކާ ޕަދުކޯން އަދި ކެޓުރީނާ ކައިފް އާ ރައްޓެހިވެފަ އެވެ. އަދި އާލިއާ އާއި ސިދާރްތު މަލްހޯތުރާގެ ލޯތްބަށް ނިމުން އައީ އާލިއާ އާއި ރަންބީރު އެކުގައި ކުޅޭ "ބްރަހްމަޝްތުރާ"ގެ ޝޫޓިން ފެށުނު ދުވަސްވަރު އެ ދެ ތަރިންގެ ގުޅުން މާ ބޮޑަށް ބަދަހިވުމުގެ ސަބަބުންނެވެ.