ބޮލީވުޑް

ކެރިއަރުގައި ޕޫޖާ ބަޓް ހިތާމަކުރާ އޮތީ އެންމެ ކަމެއް!

ޕޫޖާ ބަޓް އަކީ ނުވަދިހައިގެ އަހަރުތަކުގައި ބޮލީވުޑްގައި އެންމެ ފިޔަޖެހި އެއް ތަރި އެވެ. ޕޫޖާގެ ކޮއްކޮ އާލިއާ ބަޓަށް މިހާރު ލިބެމުންދާ ލޯތްބަކީ މީގެ 25 ވަރަކަށް އަހަރު ކުރިން ޕޫޖާއަށް ލިބެމުން ދިޔަ ފަދަ ލޯތްބެކެވެ. "ދިލް ހޭ ކެ މާންތާ ނެހީ" އާއި "ސަޅަކް" އައި "ޒަޚަމް" ފަދަ ރީތި މޮޅު ފިލްމުތައް ޕޫޖާ ވަނީ އޭރު ކުޅެފަ އެވެ. ނަމަވެސް މިހާރު ޕޫޖާ އަކީ ވަރަށް މަދުން ނޫނީ ސްކްރީނުން ފެންނަ މޫނެއް ނޫނެވެ.

އިންޑިޔާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ޕޫޖާ ބުނީ އޭނާގެ ކޮއްކޮ އާލިއާއަށް ލިބެމުންދާ ލޯތްބާ މެދު އޭނާ އުފާކުރާ ކަމަށާއި އާލިއާ އެކަމާ އެއްގޮތަކަށް ވެސް ހަސަދަވެރި ނުވާ ކަމަށެވެ. އެ ދެބެންނަކީ ދެ ޖެނެރޭޝަނަކަށް ނިސްބަތްވާ ބަޔަކަށް ވާތީ އެއްގޮތަކަށް ވެސް އެމީހުންގެ ކެރިއާ އަޅާ ނުކިޔޭނެ ކަމަށް ވެސް ޕޫޖާ ބުންޏެވެ.

ޕޫޖާގެ ފިލްމީ ކެރިއަރުގައި އޭނާ ހިތާމަ ކުރާ އޮތީ އެންމެ ކަމެކެވެ. ނަމަވެސް އެއީ އެ ދުވަސްވަރު ވަރަށް ބޮޑު ކާމިޔާބެއް ހޯދި "ރާޖާ ހިންދުސްތާނީ" ނުކުޅެ ދޫކޮށްލުމެއް ނޫނެވެ. ޕޫޖާ ހިތާމަކުރަނީ ނުވަދިހައިގެ އަހަރު ތަކުގައި ބަތަލާއިންނަށް އެކަށީގެންވާ ރަނގަޅު ރޯލުތައް ކުޅެން ނުލިބުމެވެ.

"އަހަރެންގެ ބައްޕަ ދިން ކަހަލަ މޮޅު ރޯލުތައް ކުޅެލަން އެހެން މީހުން ވެސް އަހަންނަށް ދިން ނަމައޭ އަހަރެން ހިތަށް އަރާ. އަހަރެން އެއްވެސް ހީރޯއެއްގެ އާމް ކެންޑީ އަކަށް ވާކަށް ބޭނުމެއް ނޫން. އަހަރެންނަށް ފިލްމެއް ހުށަހެޅުމުން އެ ފިލްމެއްގައި އަހަރެން ކުޅެން ޖެހެނީ ކޮން ރޯލެއްތޯ ސުވާލު ކުރާއިރަށް ބުނާނެ އަކްޝޭ ކުމާރުގެ ހިރޮއިންގެ ރޯލޭ. އަހަރެން އަނެއްކާވެސް އަހަން މަގޭ ރޯލަކީ ކޮބައިހޭ؟ އެގޮތަށް އަހާތީ އަހަރެންނަކީ ވަރަށް ބޮޑާ މީހެއް ގޮތަކަށް ލޭބަލް ކުރަނީ،" ފިލްމު ކުޅުން ހުއްޓާލި ސަބަބު ކިޔައިދެމުން ޕޫޖާ ބުންޏެވެ.

ޕޫޖާ ބުނި ގޮތުގައި އޭނާ ދެކެ މީހުން ރުޅި އައީ އޭނާގެ ސިކުނޑި ރަނގަޅު ކަމުންނެވެ. އޭނާއަކީ މަހޭޝް ބަޓްގެ ދަރިއެއް ކަމަށް ދެކޭތީ އެވެ. އަދި ހިންދީ ފިލްމުތަކުގައި ބަތަލާއިންނަކީ ހަމައެކަނި ލޮލުން ބަލާލަން ތިބޭ ބަޔެއް ކަމާއި އެމީހުންގެ އެއްވެސް އަޑެއް ނެތް ކަމަށް އޮންނަ އޮތުން ގަބޫލު ނުކުރާތީ އެވެ.

ހިތްހަމަޖެހޭ ރޯލުތައް ނުލިބޭތީ އެންމެ ފަހުން ޕޫޖާ ފިލްމު އުފެއްދުމުގެ މަސައްކަތް ފެށީ އުމުރުން އެންމެ 25 އަހަރުގަ އެވެ. "ތަމަންނާ" އާއި "ޖިސްމް" އާއި "ޖިސްމް 2" އަކީ އެ ދުވަސްވަރު ޕޫޖާ ޑައިރެކްޓްކުރި ފިލްމު ތަކެވެ. ޕޫޖާ ކިތަންމެ ހަގަސް ފިލްމު އުފެއްދުމުގައި ބައްޕަގެ ހުރި ކުޅަދާނަކަން އޭނާއަށް ވާރުތަ ވެފައި ވެއެވެ. އެހެންކަމުން އެހާ ހަގު އުމުރުގައި ވެސް އޭނާ އުފެއްދި ހަމަ ކޮންމެ ފިލްމެއް ވެސް ވަރަށް މޮޅެވެ.

ފިލްމު ކުޅުމުގައި ކުރެވިފައިވާ ތަޖުރިބާގެ އަލީގައި ކޮއްކޮ އާލިއާ ފިލްމު ކުޅެން ފަށަން ތައްޔާރުވިއިރު ވެސް ޕޫޖާ ވަރަށް ރަނގަޅު ނަސޭހަތެއް އޭނާއަށް ދިނެވެ. އެންމެންގެ ހިތްހަމަޖައްސަން ނޫޅެ ކެރިއަރަށް ފޯކަސްކޮށް އަމިއްލައަށް އިންޑަސްޓްރީގައި ފައިތިލަ ސާބިތުކުރުމަށެވެ.

ނަމަވެސް ފިލްމު ކުޅުން ހުއްޓާލައި ފިލްމު އުފެއްދުމުގެ މަސައްކަތްފަށައި ކައިވެނިކޮށް ވޭތުކުރި ދުވަސްތަކުގައި ޕޫޖާއަށް ވަރަށް ހިތްދަތި ތަޖުރިބާތަކެއް ކުރަން ޖެހުނެވެ. ނާކާމިޔާބު އަދި ހިތްދަތި ކައިވެންޏެއްގައި ގިނަ ދުވަސްތަކެއް އުޅެން ޖެހުމާއި ބަނގުރަލުގެ މަސްތުގައި ގިނަ ދުވަސްތަކެއް ހޭދަވުމެވެ. ނަމަވެސް މިހާރު އޭނާ ވަނީ ފިރިމީހާ ކައިރިން ވަރިވެ އަދި ބަނގުރަލާ ވެސް މުޅިން ދުރުވެ އަލުން އާ ދިރިއުޅުމެއް ފަށާފަ އެވެ.

އަދި ހެޔޮއެދޭ ގިނަ ބައެއްގެ ހިތްވަރުދިނުމާއެކު އަލުން ފިލްމީ މަސައްކަތް ވެސް ޕޫޖާ ވަނީ ފަށާފަ އެވެ. އެގޮތުން އޭނާ މިހާރު ދަނީ "ސަޅަކް 2" ގައި ސަންޖޭ ދަތު އާއެކު މަސައްކަތް ކުރަމުންނެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ޕޫޖާގެ ބައްޕަ މަހޭޝް ބަޓް އެވެ. މިއީ ޕޫޖާ އާއި ސަންޖޭ ދަތު މީގެ 25 ވަރަކަށް އަހަރު ކުރިން ކުޅުނު "ސަޅަކް" ގެ ދެ ވަނަ ބައެވެ. އަދި "ސިޓީ އޮފް ޑެތު" ކިޔާ ވެބް ސީރީޒް އެއް ވެސް ޕޫޖާ މިހާރު ދަނީ ކުޅެމުންނެވެ.

ޕޫޖާ ބުނި ގޮތުގައި ވެބް ސީރީޒްގައި އޭނާ ކުޅެނީ 45 އަހަރުގެ ޕޮލިސް އޮފިސަރެއްގެ ރޯލެވެ. ޕޫޖާ ބުނި ގޮތުގައި ކޮންމެ މީހަކީ ވެސް ދުނިޔޭގައި ދުވަސްކޮޅަކު އުޅޭ މީހެކެވެ. އެހެން ދިރިއުޅުމާ ދޭތެރޭ މާ ބޮޑަށް ނުވިސްނައި އެމީހަކަށް ކުރެވުނު ކަމެއް ކުރީމަ ނިމުނީ އެވެ.