ދުނިޔެ

ޕާކިސްތާނުން ހަނގުރާމަވެރިންނަށްވުރެ ގިނައިން މަރުގެ އަދަބު ދެނީ އާންމުންނަށް

Sep 9, 2015

މަރުގެ ހުކުން ތަންފީޒު ނުކުރާ ގައުމެއްގެ ގޮތުގައި އޮތުމަށްފަހު ތާލިބާނުން ސްކޫލަކަށް ހަމަލާދީ އެތައް ކުޑަކުދިންނެއް ހިމެނޭގޮތަށް 150 މީހުން މަރާލި ހާދިސާއާ ގުޅިގެން އެގައުމުން ވަނީ އަނެއްކާވެސް މަރުގެ ހުކުން ތަންފީޒު ކުރަން ފަށާފައެވެ.

މިގޮތުން މިދިޔަ ޑިސެމްބަރުން ފެށިގެން މިހާތަނަށް 226 ކުއްވެރިންނަށް މަރުގެ އަދަބު ދީފައިވެއެވެ. މީގެތެރެއިން ޓެރަރިސްޓް ހަމަލާ ތަކާ ގުޅިގެން މަރާލާފައި ވަނީ ކޮންމެ ދިހަ މީހަކުން އެކަކެވެ. މިއީ ޕާކިސްތާނުގައި ދެވޭ ހަމަލާ ތަކާ އަޅާބަލާއިރު މަދު އަދަދެކެވެ.

މަރުގެ އަދަބު ދޭން އަނެއްކާވެސް ފެށީ ހަނގުރާމަވެރިން މަތަކުރުމަށް ކަމަށް ވިޔަސް ހިސާބުތަކުން މިކަން ނުފެންނާތީ ބައިނަލްއަގްވާމީ މުޖްތަމައުއިންނާއި ޕާކިސްތާނުގެ އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރެއެވެ. ޕާކިސްތާނުގެ ސަރުކާރުން މަރުގެ އަދަބު ދެވޭ މީހުންނާބެހޭގޮތުން ވާހަކަ ދައްކަން ދެކޮޅު ހަދައެވެ.

ޕާކިސްތާނުގައި މިދިޔަ އަހަރު އަނެއްކާވެސް މަރުގެ އަދަބު ދޭންފެށީ 2008 ގައި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުގެ ޕްރެޝަރާހެދި މަރުގެ އަދަބު ދިނުން ހުއްޓާލުމައްފަހުއެވެ.