ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ޖަމާއަތް ނުހުއްޓޭ، ދެ ބަހުން އިރުޝާދު ދެނީ

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޖަމާއަތުގައި ކުރެވޭ ފަރުޟު ފަސްނަމާދާއި، ހުކުރު ނަމާދު، ވަކި މުއްދަތަކަށް މިސްކިތްތަކުގައި ގާއިމު ނުކުރާގޮތަށް ހަމަޖައްސާފައި ވަނިކޮށް ބައެެއް މިސްކިތްތަކަށް އަދިވެސް ގިނަ އަދަދަކަށް މީހުން އަރަމުން ގެންދާތީ ބަންގިއަށްފަހު ދިވެހި ބަހާއި، ބަންގާޅު ބަހުން އިރުޝާދުދޭން ފަށައިފި އެވެ.

މި މަހުގެ 28 ވަނަ ދުވަހުގެ އަސުރު ނަމާދާ ހަމައަށް މާލެ، ހުޅުމާލެ، ވިލިމާލެ އަދި ރިސޯޓްތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ. ނަމަވެސް މިސްކިތްތައް ބަންދު ނުކުރާ ކަމަށާ ކޮންމެ ވަގުތަކު މިސްކިތްތަކުގައި ބަންގި ގޮވާނެ ކަމަށް އިސްލާމިިކް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް މިސްކިތްތަކުން ބަންގި ގޮވަމުންދަނީ ގޭގައި ނަމާދު ގާއިމްކުރުމަށެވެ.

އިސްލާމިކް މިނިސްޓްރީން މިފިޔަވަޅުތައް އެޅިނަމަވެސް ގިނަ މިސްކިތްތަކެއްގައި ނަމާދު ވަގުތުތަކުގައި ޖަމާއަތް ހަދައިގެން ނޫން ނަމަވެސް ގިނަ ބަޔަކު އެއް ފަހަރާ ނަމާދު ކުރުމަށް ގެންދެއެވެ. އޭގެ ތެރޭގައި ގިނައީ ރާއްޖޭގައި އުޅޭ ބިދޭސީންނެވެ.

މިއީ އެންމެންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި އަޅާފައިވާ ފިޔަވަޅެއް ކަމުން އެކަމަށް ބިދޭސީން ސަމާލުކަން ނުދޭތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިސްކިތްތަަކުގައި މިހާރު ގެންދަނީ ބަންގިއަށް ފަހު ދިވެހި ބަހާ، ބަންގާޅު ބަހުން މިވަގުތަށް އަޅާފައިވާ ފިޔަވަޅުތައް ހަނދާންވެސް ކޮށްދެމުންނެވެ. މިވަގުތު މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މަޑުޖައްސާލާފައިވަނީ ހާލަތުގެ ސަބަބުން ކަމަށާ އެހެން ކަމުން އެންމެންވެސް ގޭގައި ނަމާދު ކުރުމަށް އިރުޝާދު ދެއެވެ. އަދި މިފަދަ ހާލަތްތަކުގައި ދީނީ ގޮތުން އަމަލު ކުރުން އެންމެ ރަނގަޅު ގޮތްތައްވެސް ދަނީ ބުނެދެމުންނެވެ.

މިގޮތަށް އިރުޝާދު ދިން ނަމަވެސް އެކަމަށްވެސް ބެލުމެއްނެތި ބިދޭސީން ގެންދަނީ މިސްކިތްތަކުގައި ނަމާދު ކުރަމުންނެވެ.

މިކަމާ ގުޅޭގޮތުން އިލްމުވެރިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ބައެއް އިލްމުވެރިން ވިދާޅުވީ މިސްކިތްތަކުގައި ޖަމާއަތް ގާއިމްކުރުން ވަގުތީ ގޮތުން ހުއްޓާލީ ވަރަށް މުހިންމު ބޭނުމެއްގައި ކަމަށެވެ. އަދި މިއީ ހުރިހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ.

މީގެ އިތުުރުން މި ހާލަތުގައި ގޭގައި ނަމާދު ކުރުމަށާއި، މިސްކިތްތަކަށް ނުދިއުމަށްވެސް އެ އިލްމުވެރިން ތަކުރާރުކޮށް ވަނީ ގޮވާލާފަ އެވެ. އަދި ފުލުހުން އެކަންކަން ބަލާ އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމަށްވެސް ވަނީ ގޮވާލާފައެވެ.

ކޯވިޑް19 ގެ ވަބާ ފެތުރިފައިވާ ގައުމެއްގައި އެ ވަބާއިން އެ ގައުމުގެ ރައްޔިތުން ސަލާމަތްކޮށް ރައްކާތެރި ކުރުމަށްޓަކައި، ދައުލަތުގެ ކަމާބެހޭ ފަރާތުން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޖަމާއަތުގައި ކުރެވޭ ފަރުޟު ފަސްނަމާދާއި، ހުކުރު ނަމާދު، ވަކި މުއްދަތަކަށް މިސްކިތްތަކުގައި ގާއިމު ނުކުރާގޮތަށް ހަމަޖައްސާފައި އޮތް އޮތުމަކީ ހުއްދަ ކަމެއް ކަމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުންވެސް ވަނީ ބުނެފައެވެ.

އެ މަޖިލީހުގެ 21ވަނަ ފަތުވާގައި ބުނެފައިވަނީ މިފަދަ ހާލަތެއްގައި ޖަމާއަތުގައި ކުރެވޭ ފަރުޟު ފަސްނަމާދާއި، ހުކުރު ނަމާދު، ވަކި މުއްދަތަކަށް މިސްކިތްތަކުގައި ގާއިމު ނުކުރާގޮތަށް ހަމަޖައްސާފައި އޮތް އޮތުމަކީ ހުއްދަ ކަމެއް ކަމަށެވެ.

"މިއީ ކީރިތި ގުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތާއި ކީރިތިރަސޫލާގެ މާތްޚަލީފާއިންނާއި މާތްސަހާބީންގެ ބަސްފުޅުތަކާއި އަމަލުފުޅުތަކުން ސާބިތުވެ އެނގެން އޮތް ކަމެެއް." އެ ފަތުވާގައި ބުނެފައިވެއެވެ.