ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ނަމާދުގެ ޖަމާއަތް ނުހަދާ މުއްދަތު އިތުރު ކޮށްފި

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން މުޅި ރާއްޖޭގައި ނަމާދުގެ ޖަމާއަތް މެދުކަނޑާލާފައިވާ މުއްދަތު އިތުރުކޮށްފި އެވެ.

މުޅި ރާއްޖޭގައި ނަމާދުގެ ޖަމާއަތް މެދުކަނޑާލީ މިމަހުގެ 19 ވަނަ ދުވަހުއެވެ. ނަމަވެސް މިދިޔަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން މާލެ ސިޓީގައި ނަމާދުގެ ޖަމާއަތް ހެދުން ވަނީ ހުއްޓާލާފައެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިން ނަމާދުތަކުގެ ޖަމާއަތް މެދުކަނޑާލާފައިވާ މުއްދަތު މެއި މަހުގެ 14 ވަނަ ދުވަހުގެ އަސުރު ނަމާދާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

މި ހާލަތުގައި މިސްކިތުގައި ހަމައެކަނި ބަންގި ގޮވުމަށާ ބަންގީގެ ފަހުގައި ދިވެހި ބަހުން "ހުރިހާ ބޭފުޅުން ގޭގައި ނަމާދު ކުރައްވާ!" މިގޮތަށް ދެ ފަހަރު ގޮވުމަށް އިމާމުންނަށް ވަނީ އަންގާފައެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މިސްކިތް ޖަމާއަތުގައި ނަމާދު ނުކުރެވުނު ނަމަވެސް ފަރުޟް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ތަރާވީހް ނަމާދު ކުރުމަށާ، ސުންނަތް ނަމާދު ކުރުން ގިނަކޮށް، ކީރިތި ގުރުއާން ކިޔަވައި މާތްﷲ ގެ ރަހުމަތަށް މާޔޫސްނުވެ، ސަބަބުތަކުގައި ހިފާ، ފުރިހަމައަށް ﷲ އަށް ވަކީލުކޮށް ގިނަގިނައިން ދުއާކޮށް، އިސްތިއުފާރު ކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.