ކޮވިޑް-19 ގެ ބަލިމަޑުކަން ނެތް ރަށްރަށުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދިނުމަށް ބައެއް ދީނީ އިލްމުވެރިންނާއި ކަައުންސިލްތަކުން ގޮވާލައިފި އެވެ.
ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މުޅި ރާއްްޖޭގައި މިސްކިތުގެ ޖަމާއަތް މެދުކަނޑާލީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ. އޭގެ ފަހުން މަސް ދުވަސް ފާއިތުވެފައިވާއިރު މިމަހުގެ 28 ގެ ނިޔަލަށް މިސްކިތްތަކުގައި ޖަމާއަތް ހެދުން ވަނީ މަނާކޮށްފައެވެ.
ރައްކާތެރިކަމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަަަޅާފައިވާއިރު އެއް ރަށުން އަނެެއް ރަށައް ދަތުރުކުރުންވެސް ވަނީ މަނާކޮށްފައެވެ.
މިހާތަނަށް ކޮވިޑްގެ ބަލި މީހުން ފެނިފައިވަނީ މާލޭގެ އިތުރުން ހަ ރަށަކުންނެވެ. އެ ނޫން އެއްވެސް ރަށަކުން ބަލި މީހުން ފެނިފައި ނުވާތީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅައިގެން ނަމަވެސް މިސްކިތްތައް ހުޅުވާލަން ބައެއް ދީނީ އިލްމުވެރިން ވަނީ ގޮވާލާފައެވެ.
އެގޮތުން ޝައިހް އާދަމް ޝަމީމް އަދި ޝައިހް މަންސޫރު ވަނީ ބަލި ނެތް ރަށްރަށުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދިނުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވާފައެވެ.
މީގެ އިތުރުން އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީންވެސް ވަނީ ބަލި ނެތް ރަށްރަށުގައި މިސްކިތުގެ ޖަމާއަތް ފެށުމުގެ ހުއްދަ ދިނުމަށް ސަރުކާރަށް ގޮވާލާފައެވެ. ރަށްރަށުން މީހުން އަރާ ފޭބުން މަނާކޮށްފައިވާއިރު އަދި ބަލި ފެތުރޭނެ ދޮރުތައް ބަންދުކޮށްފައިވާއިރު ބަލި ނެތް ރަށްރަށުގައި މިސްކިތު ޖަމާއަތް ނުފަށާ ލަސްކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް އެ ދެ ޕާޓީން ބުންޏެވެ.
މީގެ އިތުުރުން ބަލި މީހުން ފެނިފައި ނެތް ރަށްރަށުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދިނުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުވެސް ވަނީ ގޮވާލައްވާފައެވެ.
އަދި ބައެއް ކައުންސިލްތަކުންވެސް ވަނީ އެ ހުއްދައަށް އިސްލާމިކް މިނިސްޓްރީގައި އެދިފައެވެ. ހާއްސަކޮށް އީދު ނަމާދު ޖަމާއަތުގައި ކުރުމުގެ ހުއްދަ ދިނުމަށް އެދިފައިވެއެވެ.
ބައެއް ކައުންސިލްތަކުން ވަނީ އާންމުކޮށް ރަށުގައި ހިނގާ ހުރިހާ ކަމަކަށް ފުރުސަތު އޮތްއިރު ޖަމާއަތުގައި ނަމާދު ކުރުން މިހާލަތުގައި ހުއްޓާލައިގެން ތިބެންޖެހޭ ސަބަބެއް ނެތްކަން ފާހަގަކޮށްފައެވެ.
ކޮވިޑް-19 އިގެ ބަލާމުސީބާތުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން މިދިއަ މާޗް މަހުގެ 18 ވަނަ ދުވަހުގެ އަސުރުން ނަމާދުން ފެށިގެން މާލެ ސަރަހައްދުގައި ޖަމާއަތުގައި ނަމާދުކުރުން ވަނީ ހުއްޓާލާފަ އެވެ.
މާލޭގެ އިތުުރުން ކޮވިޑް ފެނި ފައިވަނީ ހަ ރަށުންނެވެ. އެއީ ހއ. އުލިގަމާއި އެއަތޮޅު ތަަކަންދޫ އާއި ށ. ނަރުދުއާއި އެ އަތޮޅު މިލަންދު އާއި ނ. މަނަދޫގެ އިތުރުން މާލެ އަތޮޅު ތުލުސްދޫންނެވެ. ފަހުން ސ. އަތޮޅުން ވެސް ކޮވިޑްގެ ކޭހެއް ފެނުނެވެ. އެކަމަކު އައްޑޫގެ އެ މީހާގެ ނަތީޖާ އާއި މަނަދޫން ޕޮޒިޓިވްވި މީހާގެ ދެވަނަ ނަތީޖާ ވަނީ ނެގެޓިވްވެފަ އެވެ.