ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިސްލާމިކް މިނިސްޓްރީ

މިސްކިތް ހުޅުވާނުލަނީ 25 ރަށެއްގައި

ކޮވިޑް-19ގެ ބަލި ނެތް ރަށްރަށުގައި މިއަދުގެ ހުކުރު ނަމާދަށްފަހު މިސްކިތްތައް ހުޅުވާލިއިރު 25 ރަށެއްގެ މިސްކިތްތައް ހުޅުވާލުމުގެ ހުއްދަ ދީފައިނުވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

މަހަކަށްވުރެ ދިގު މުއްދަތަކަށްފަހު މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދީފައިވާއިރު މިސްކިތްތައް ހުޅުވާލުމުގެ ހުއްދަ ދީފައިނުވަނީ އެކި ސަބަބުތަކާއި ގުޅިގެން މިދިޔަ ދުވަސްތަކުގައި އެޗްޕީއޭގެ މޮނިޓަރިންއަށް ގެނެސްފައިވާ ރަށްރަށެވެ.

އޭގެ ތެރޭގައި ކޮވިޑްގެ ބަލި މީހުން ފެނިގެން އަދި އެ މީހުންނާ ކޮންޓެކްޓްވި މީހުން ތިބެގެން އެޗްޕީއޭގެ މޮނިޓަރިންއަށް ގެނެވުނު ރަށްތައް ހިމެނެއެވެ.

އެ ރަށްތަކުގައި މިސްކިތްތައް ހުޅުވާލާފައިނުވަނީ އެޗްޕީއޭގެ މޮނިޓަރިންގައިވާތީއާއި އަދި ބައެއް ރަށްރަށް މޮނިޓަރިންގެ ހާލަތު ނެގިތާ 28 ދުވަސް ވެފައިނުވާތީ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

މިސްކިތް ހުޅުވާނުލާ ރަށްތައް

  • ހއ. ތަކަންދޫ
  • ހއ. އުލިގަމް
  • ހއ. ދިއްދޫ
  • ހއ. އުތީމް
  • ހދ. ކުޅުދުއްފުށި
  • ހދ. ކުމުންދޫ
  • ހދ. ހިރިމަރަދޫ
  • ށ. ނަރުދޫ
  • ށ. މިލަންދޫ
  • ށ. މާއުނގޫދޫ
  • ށ. ފީވައް
  • ށ. ފުނަދޫ
  • ށ. ގޮއިދޫ
  • ށ. ޅައިމަގު
  • ނ. މަނަދޫ
  • ނ. ހޮޅިދޫ
  • ނ. ހެނބަދޫ
  • ނ. ކެނދިކުޅުދޫ
  • ނ. މިލަންދޫ
  • ނ. މާފަރު
  • ނ. ވެލިދޫ
  • ބ. ކެންދޫ
  • ކ. މާފުށި
  • ކ. ތުލުސްދޫ
  • ކ. ހިންމަފުށި

މި ރަށްތަކުގެ އިތުރުން މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ މިސްކިތްތައް ވަނީ ބަންދުކޮށްފައެވެ. މާލޭގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލި ފަހުން ދެ މަސް ދުވަސް ވަނީ ފާއިތުވެފައެވެ.

ގިނަ ރަށްރަށުގައި މިސްކިތްތައް އަލުން ހުޅުވާލާފައިމިވަނީ އީދުގެ ކުރިން މިސްކިތުގެ ޖަމާއަތް ފެށުމުގެ ހުއްދަ ދިނުމަށް ބައެއް އިލްމުވެރިންނާއި ކައުންސިލްތަކުންވެސް ގޮވާލާފައި ވަނިކޮށެވެ.

ކަލަންޑަރު ބުނާ ގޮތުން މިއަހަރުގެ ފިތުރު އީދު ދުވަހަކީ އާދިއްތަ ދުވަހެވެ. މިސްކިތުގެ ޖަމާއަތް ފަށާފައިނުވާ ރަށްރަށުގެ ރައްޔިތުން ގޭގައި އީދު ނަމާދު ކުރުމަށް މިނިސްޓްރީން ވަނީ އަންގާފައެވެ.