މާލެ ސަރަހައްދުގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލާފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ކަމާގުޅޭ އިދާރާތަކާއިއެކު މަޝްވަރާ ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި ނަމާދުގެ ޖަމާއަތް ހުއްޓާލީ މެއި މަހުގެ 12 ވަނަ ދުވަހު އެވެ. އަދި ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވުމުން މެއި 26 އިން ފެށިގެން މިސްކިތްތައްވެސް ބަންދުކުރި އެވެ. ނަމަވެސް މިދިޔަ ބުދަ ދުވަހުން ފެށިގެން ވަކިން ނަމާދު ކުރުމަށް މިސްކިތްތައް ވަނީ ހުޅުވާފައެވެ.
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އަވަސް އަށް ވިދާޅުވީ ކޮވިޑްގެ ހާލަތު ރަނގަޅުވަމުން އައިސް ޕޮޒިޓިވްވާ އަދަދު ދަށަށް ދާން ފެށުމުން ވަކިން ނަމާދު ކުރުމަށް ފުރުސަތު ހުޅުވާލުމަށް ފަހު މިހާރު މަޝްވަރާ ކުރަމުން ދަނީ ޖަމާއަތުގެ ނަމާދު ފެށުމާއި ގުޅޭގޮތުންނެވެ. ނަމަވެސް އެ އެފަދަ ނިންމުމެއް ނިންމާނީ ރައްކާތެރިކަމުގެ ގޮތުން ބަލަން ޖެހޭ ކަންކަމަށް ބެލުމަށް ފަހު ކަމާގުޅޭ އިދާރާތަކުގެ ހުއްދައާއެކު ކަމަށް ވިދާޅުވިއެވެ.
"އެ މަޝްވަރާތައް ވަނީ ފެށިފައި. ނަމަވެސް އަދި ވަކި ގޮތްތަކެއް ނިންމާފައެއް ނުވޭ. އުންމީދަކީ ހާލަތު ރަނގަޅުވެ ވީހާވެސް އަވަހަށް ނަމާދުގެ ޖަމާއަތް ފެށިގެން ދިއުން،" މިނިސްޓަރު ވިދާޅުވިއެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލާފައިވަނިކޮށް މިދިޔަ ހުކުރު ދުވަހުވެސް ޖަމާއަތް ހަދައިގެން ތިން މިސްކިތެއްގައި ހުކުރި ކުރިއެވެ. އަދި ހުކުރުގެ ޖަމާއަތް ނެތި ދިޔަ ފަސް ހަފްތާގައި ވިޔަފާރިވެރިންގެ މިސްކިތުގައި ޖަމާއަތުގައި ހުކުރުކޮށްފައިވެއެވެ.
މިނިސްޓަރު ވިދާޅުވީ ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލީ އެންމެންގެ ރައްކާތެރިކަމަށްޓަކައި ކަމުން އެ އުސޫލާއި ހިލާފަށް އަމަލު ކުރުމަކީ މުޅި މުޖްތަމައުއަށް ދެވޭ ގެއްލުމެއް ކަމަށެވެ. އަދި އަވަހަށް ޖަމާއަތް ފެށުމަށްޓަކައި ހުރިހާ އެންމެވެސް އުސޫލުތަކުގައި ހިފެހެއްޓުން މުހިންމު ކަަމަށެވެ.