ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިސްލާމިކް މިނިސްޓްރީ

ހުރިހާ ނަމާދެއްގައި ގުނޫތު ނާޒިލާ ކިޔަން އަންގައިފި

ކޮވިޑް-19ގެ ބަލިމަޑުކަން އިތުރަށް ގޯސްވާން ފެށުމާއެކު އެ ބަލިމަޑުކަމުން ސަލާމަތް ކޮށް ދެއްވުން އެދި ފަރުލު ނަމާދުތަކުގައި ގުނޫތު ނާޒިލާ ކިޔާ ގޮތަށް ހަމަޖައްސައިފި އެވެ.

އަވަސްއާ ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު މިރޭ ވިދާޅުވީ ފަރުލު ހުރިހާ ނަމާދެއްގެ ފަހު ރަކުއަތުގައި ގުނޫތު ނާޒިލާ ކިޔުމަށް ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގެ އިމާމުންނަށް އަންގާފައިވާ ކަމަށެވެ. އެ އެންގުމާއި ގުޅިގެން މިއަދު ދަނީ ގުނޫތު ނާޒިލާ ކިޔަމުންނެވެ.

"މީގެ ކުރިންވެސް ކިޔަމުން އައި ގޮތަށް ގުނޫތު ނާޒިލާ ކިޔުމަށް އަޅުގަނޑުމެންވާނީ އަންގާފައި. ހާރު ކޮންމެ ނަމާދެއްގެ ފަހު ރަކުއަތުގައި ގުނޫތު ކިޔަމުންދާނީ،" މިނިސްޓަރު ވިދާޅުވިއެވެ.

ގުނޫތު ނާޒިލާއަކީ ބޮޑު ކާރިސާއެއް ކުރިމަތިވުމުން ނަމާދުގެ ފަހު ރަކްއަތުގައި ކިޔާ ހާއްސަ ގުނޫތު (ދުއާ) އެކެވެ. މާތް ރަސޫލާގެ ދުވަސްވަރުވެސް ބޮޑެތި ކާރިސާތައް ދިމާވުމުން ނަމާދުގެ ތެރޭގައި ގުނޫތު ނާޒިލާ ކިޔުއްވިއެވެ.

އެގޮތުން ހަނގުރާމައެއްގައި ވަރަށް ގިނަ ހާފިޒުން ޝަހީދުވުމާއި ގުޅިގެންވެސް ވަނީ ގުނޫތު ނާޒިލާ ކިޔުއްވާފައެވެ.

ރާއްޖެއަށް ކޮވިޑްގެ ހަތަރުވަނަ ރާޅެއް ކުރިމަތިވެ ނުރައްކާ ވަނީ ބޮޑުވެފައެވެ. ކޮންމެ ދުވަހު ރެކޯޑް އަދަދަކަށް އެ ބައްޔަށް މީހުން ދަނީ ޕޮޒިޓިވްވަމުންނެވެ. ހާހުން މަތިން ޕޮޒިޓިވް ރޭޓް ހުރިއިރު ކުރީން ދީފައިވާ ލުއިތަކަށް ބަދަލު ގެނެސް، ފިޔަވަޅުތައް ވަނީ ހަރުކަށި ކޮށްފައެވެ. އިތުރު ފިޔަވަޅުތައް އެޅުމުގެ މަޝްވަރާތައްވެސް މިހާރު ދަނީ ހިނގަމުންނެވެ.