ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިސްކިތް

ވަކިން ނަމާދު ކުރުމަށް މިސްކިތްތައް ހުޅުވާލަން ނިންމާލައިފި

ވަކިން ނަމާދު ކުރުމަށް މާލެ ސަރަހައްދުގެ މިސްކިތްތައް ހުޅުވާލަން ނިންމާލައިފި އެވެ.

ކޮވިޑް-19 ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމާއި ގުޅިގެން ގެނައި ހަރުކަށި ފިޔަވަޅުތަކާއެކު މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލި އެވެ. އަދި ފަހުން މިސްކިތްތައް ބަންދު ކުރިއެވެ. އަދި މިސްކިތަށް އަރާ މީހުން ހުއްޓުވާ ކަމަށް ބުނެ އާންމުންގެ ފަރާތުން ކުރިމަތިވި ފާޑުކިޔުންތަކާއެކު ވަކިން ނަމާދު ކުރުމަށް މާލެ ސަރަހައްދުގެ ބައެއް މިސްކިތްތައް ހުޅުވާލި އެވެ.

ނަމަވެސް މާދަމާއިން ފެށިގެން ބައެއް ފިޔަވަލުތައް ދޫކޮށްލުމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ. އެ ނިންމުންތައް ހާމަކޮށް އެޗްއީއޯސީން ބުނީ ވަކިން ނަމާދު ކުރުމަށް މިސްކިތްތައް ހުޅުވާލަން ނިންމާލާފައިވާ ކަމަށެވެ.

ކޮވިޑް ޖެހޭ މީހުންގެ އަދަދު މަދުވާން ފެށުމުން ސަރުކާރުން ވަނީ އިތުރު ބައެއް ފިޔަވަޅުތަކަށްވެސް ލުއި ދީފައެވެ. މާދަމާއިން ފެށިގެން ކާފިއު ވަގުތު ކުރުކުރުމަށްވެސް ނިންމާފައިވެއެވެ. އެގޮތުން ދެން ކާފިއު ހިންގާނީ ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށެވެ.

އޭގެ ފަހަށް ފަތިހު ހަތަރަކުން ހެނދުނު އަށަކަށް އެކަނި ކުރާ ކަސްރަތު ތަކަށް ހުއްދަ ދިނުމަށްވެސް ވަނީ ނިންމާފައެވެ. އެ ވަގުތު ކަސްރަތަށް ނިކުންނަ މީހުން ހާއްސަ ހުއްދައެއް ހޯދަން ނުޖެހޭނެ އެވެ.

ބައެއް ފިޔަވަޅުތަކަށް ލުއިދޭން ނިންމި ނަމަވެސް ކާފިއު ނޫން ވަގުތު ބޭރަށް ނިކުމެވޭނީ އަދިވެސް ޕޮލިސް ޕާމިޓް ލިބިފައިވާ މީހުންނަށެވެ. އެގޮތުން ހެނދުނު އަށަކުން ހަވީރު ހަތަރަކަށް ބޭރަށް ނިކުމެވޭނީ ކޮންމެ ގޭބީސީއަކުން ޕޮލިސް ޕާމިޓް ލިބިފައިވާ މީހުންނަށް އެ މީހުންނަށް ހުއްދަ ދީފައި އޮތް ހަތަރު ގަޑިއިރަށެވެ.

ލުއި ދީފައިނުވަނީ ކެފޭ،ހޮޓާ އަދި ރެސްޓޯރަންޓްތަކަށް އަޅާފައިވާ ފިޔަވަޅުތަކާއި ފިހާރަތައް ހުޅުވާ ހިދުމަތް ދިނުމަށް ކަނޑައަޅާފައިވާ ވަގުތަށެވެ. މީގެ ތިން ހަފްތާ ކުރީން އޮތްގޮތަށް ހަވީރު ހަތަރަކާ ހަމައަށް ޓޭކް އަވޭ އަދި މެންދަމު 12 ޖަހަންދެން ޑެލިވަރީގެ ހިދުމަތް ދެވޭނެ އެވެ.