ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް މައުމޫން އަބްދުލްގައްޔޫމް

މި ހާލަތުގައި ޖަމާއަތުގައި ނަމާދު ކުރާއިރު ގައިދުރުކުރުން މުހިންމު: މައުމޫން

މި ހާލަތުގައި ޖަމާއަތުގައި ނަމާދު ކުރާއިރު ގައިދުރު ކުރުން މުހިންމު ކަމަށް ދީނީ އިލްމުވެރިޔާ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ކޮވިޑްޖެހޭ މީހުންގެ އަދަދު ދަނީ ބޮޑުތަނުން އިތުރުވަމުންނެވެ. މި މަހުގެ މިދިއަ 21 ދުވަހު ވެސް ޕޮޒިޓިވް އަދަދު ހުރީ 100 އިން މަތީގައެވެ. މި މަހު އެކަނިވެސް އަށް މީހަކު ވަނީ ކޮވިޑްގައި މަރުވެފަ އެވެ. މިދިޔަ ޖަނަވަރީގައި އެކަނިވެސް 3،400 ވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވެ ހަތަރު މީހަކު މަރުވި އެވެ.

އެކަމަށް އިޝާރާތް ކުރައްވާ މައުމޫން ވިދާޅުވީ ތިމާގެ ފުރާނަ އާއި ނަފުސު ރައްކާތެރި ކުރުމަކީ އިސްލާމްދީން އެންމެހާ މުސްލިމުންގެ މައްޗަށް ލާޒިމު ކުރާ ކަމެއް ކަމަށެވެ. ކޮވިޑް ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ކަމަށް ސިއްހީ މާހިރުން ލަފާދޭ ކަންތައް ކުރުން މި ހާލަތުގައި ލާޒިމު ކަމަށްވެސް މައުމޫން ވިދާޅުވި އެވެ.

"ވީމާ މި ވަގުތު ޖަމާއަތުގައި ނަމާދު ކުރާއިރު ގައިދުރު ކުރުން މުހިންމު،" އިސްލާމިކް މިނިސްޓްރީގެ ރަސްމީ ޓްވިޓާ އެކައުންޓް ޓެގް ކުރައްވާ މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

ކޮވިޑްގެ ހާލަތު ގޯސްވުމުން މީގެ ކުރިންވެސް ނަމާދުގެ ޖަމާއަތުގައި ގައިދުރުކޮށް ތިބެން ވަނީ އަންގާފައެވެ. ބައެއް އިސްލާމީ ބޮޑެތި ގައުމުތަކުގައިވެސް އެ ގޮތަށް އަމަލުކޮށްފައިވެއެވެ.

މި ފަހުންވެސް އިތުރު ފިޔަވަޅުތައް އެޅުމާމެދު އިލްމުވެރިންނާއެކު ސިއްހީ މާހިރުންގެ ޓީމުން ވަނީ މަޝްވަރާކޮށްފައެވެ. ނަމަވެސް ބައެއް އިލްމުވެރިން ވަނީ ގައިދުރުކޮށް ނަމާދުގެ ޖަމާއަތް ހެދުމަށް ދެކޮޅު ހައްދަވާފައެވެ. އާންމުތަންތަނުގައި މީހުން އެއްވެ އުޅުން ނުހުއްޓުވާ ނަމާދުގެ ޖަމާއަތުގައި އެކަނި ގައިދުރުކުރުމުން ނެރެވޭނެ ނަތީޖާއެއް ނޯންނާނެ ކަމަށް އެ އިލްމުވެރިން ވިދާޅުވެއެވެ.

މިހާތަނަށް ކުރެވުނު ދިރާސާތަކުން ދައްކާގޮތުން ބަލި ފެތުރުން އެންމެ ކުޑައީވެސް މިސްކިތްތަކުންނެވެ.