ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

ފަތިސް ނަމާދަށް ނިކުމެވޭނެ: އެޗްޕީއޭ

ރޭގަނޑު 10 ކުން 5 އަށް ބޭރުގައި އުޅުން މަނާކުރި ނަމަވެސް ފަތިސް ނަމާދަށް މިސްކިތަށްދާ މީހުން އިސްތިސްނާ ވާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން މިހެން ބުނެފައިވަނީ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ މިރޭ ނެރެފައިވާ މިރެއިން ފެށިގެން ކޮވިޑް-19 އިން ރައްކައުތެރިވުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަން އަންގާ އާންމުކޮށްފައިވާ އިއުލާނުގައެވެ.

ޑިރެކްޓަރު ޖެނެރަލް ވަނީ މިއަދު ކަމާބެހޭ އިދާރާތަކުން އާންމުކުރި ފިޔަވަޅުތައް ތަންފީޒުކުރުމަށް ކަމާބެހޭ އިދާރާތަކަށް އަންގާ އެންގުން އާންމުކޮށްފައެވެ.

މިއަދު އިއުލާނުކުރި ފިޔަވަޅުތައް

  • މާލެ ސަރަހައްދަށް ރޭގަނޑު 10:00 އިން ފަތިހު 5:00 ކާފިއު
  • މާލޭ ސަރަހައްދުގައި ހިންގާ ފިހާރަތަކާއި ކެފޭ/ރެސްޓޯރަންޓުތައް ރޭގަނޑު 9:30 ބަންދުކުރުން
  • މާލޭ ސަރަހައްދުގައި އެއްފަހަރާ ފަސް މީހުނަށް ވުރެ ގިނައިން އެއްވެ އުޅުން މަނާ
  • ރަށްރަށުން މާލެއަށް އައުން މަނާ
  • މާލޭން ރަށްރަށަށް ދަތުރުކުރުން މަނާ
  • އެ ރަށުން އަނެއް ރަށަށް ދަތުރުކުރާއިރު މާސްކު އެޅުން މަޖުބޫރު
  • އޮފީހަށް ނެރެގެން މަސައްކަތް ކުރާ މުވައްޒަފުން އަދަދު 50 ޕަސަންޓަށް ދަށް ކުރުން

މީގެ އިތުރުން މި އެންގުންތަކުން އިސްތިސްނާވާ ފަރާތްތައްވެސް ޑިރެކްޓަރު ޖެނެރަލްގެ މި އެންގުމުގައި ފާހަގަކޮށްފައިވެއެވެ.

އޭގެ ތެރޭގައި ހިމެނެނީ ސިފައިންނާއި ފުލުހުން، ސިއްހީ ހިދުމަތްދޭ އިދާރާތަކުގެ މުވައްޒިފުންނާއި އެ މުވައްޒިފުން ދުއްވާ ވެހިކަލް، އެމްބިއުލަންސް، އެޗްއީއޯސީގެ ފާސް ލިބިފައިވާ މީހުން، ފަތިސް ނަމާދަށް މިސްކިތަށްދާ މީހުންނެވެ.

މިހާރު މާލެ އިން ރަށްރަށަށް އެއްވެސް މީހަކަށް ދެވޭނީ ސިއްހީ އަދި ޒަރޫރީ ބޭނުމެއްގައި މާލެ އައިސްފައިވާ މީހުން އެނބުރި ރަށަށް ދާންޖެހޭ ހާލަތެއްގައި އެކަނި ކަމަށެވެ.

މި ފިޔަވަޅު އަޅާފައިވަނީ، ރަށްރަށަށް ބަލި ފެތުރުން ހުއްޓުވުމުގެ ގޮތުންނެވެ.

މި ބަދަލާ އެކު، ކުރިން ދިން ލުއިތަކުގެ ތެރޭގައި ހިމެނޭ، ޕްރޮޖެކްޓްތަކުގެ މަސައްކަތްތަކަށް ރަށްރަށަށް ދެވޭ ގޮތަށް އޮންނަ ފަސް ދުވަހުގެ މުއްދަތު ވެސް ދެން ނޯންނާނެއެވެ.