ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

"ކަރަންޓީން ރިސޯޓްތަކަށް އެ މުއްދަތުގައި ކުލި މައާފު"

ކަރަންޓީން ފެސިލިޓީތަކަށް ބޭނުން ކުރަމުންދާ ރިސޯޓްތަކުން އެ މުއްދަތުގައި ދައުލަތަށް ދައްކަން ޖެހޭ ކުލި ސަސްޕެންޑް ކުރެވޭނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ކޮވިޑް19 ގެ މައުލޫމާތު ދިނުމަށް ސިލްސިލާކޮށް ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލްވުންތަކުގެ ތެރެއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ކޮވިޑް-19އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ ސަރުކާރަށް ކަރަންޓީން ފެސިލީޓީއަށް ދޫކޮށްފައިވާ ރިސޯޓް ރަށްތަކަށް ކުލީގެ ގޮތުގައި އެއްވެސް އެއްޗެއް ދައްކަން ނުޖެހޭ ކަމަށެވެ. ނަމަވެސް ކަރަންޓީން މުއްދަތުގައި އެ ރިސޯޓްތަކުން ދައުލަތަށް ދައްކަންޖެހޭ ކުލި ސަސްޕެންޑް ކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން ރިސޯޓްތަކުގައި ބޭނުން ކުރަމުންދާ ކޮންމެ ކޮޓަރިއަކަށް ދުވާލަކު 750 ރުފިޔާ ސަރުކާރުން ދޭނެ ކަމަށާ އެއީ އެތަނުގައި ކަރަންޓީން ކުރާ މީހާއަށް ކުރަންޖެހޭ ހަރަދުތަކަށް ހޭދަކުރާ ފައިސާއެއް ކަމަށެވެ. އެއީ މިފަދަ ކަމަކަށް ބޮޑު އަދަދެއް ނޫންކަން ފާހަގަކުރައްްވާ މަބްރޫކް ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ އެހެން މީހުންނަށްވެސް ދުވާލެއްގެ މައްޗަށް އެފަދަ އަދަދެއް ހަރަދުވާނެ ކަމަށެވެ.

"މި 750 ރުފިޔާއަކީ އެ މީހުންގެ ކެއިން ބުއިމާއި، ލޯންޑްރީއާ ސާފުކުރުމާއި މި ހުރިހާ ކަމަކަށް، ކޮޓަރިއަކަށް... ކޮޓަރިއެއްގައި ހުންނާނެ ދެއްތޯ ދެ އެނދު. އެހެންވީމަ އެއީ ކޮޓަރިއަކަށް ހޭދަކުރާ ވަރު. އާންމު އުސޫލަކުން ރާއްޖޭގެ އެހެން ކަންކަމަށް ހަރަދު ހިނގާ ގޮތަށް މި ކަހަލަ ފެސިލިޓީތައް، މިސާލަކަށް ހޮސްޕިޓަލެއްގައި ބޭއްވިޔަސް، މިސާލަކަށް ބަލަންޏާ ޖަލުގައި ހުންނައިރުވެސް ބޮލަކަށް ހިނގާނެތާ ހަރަދުތަކެއް ދެއްތޯ. އެ ގޮތަށް ބަލާއިރު މިއީ ބޮޑު އެމައުންޓެއް ނޫން. އެއީ 325 ވަރަކަށް ރުފިޔާ އެ ހިނގަނީ ބޮލަކަށް ކޮޓަރިއެއްގައި ދެ މީހުން އޮންނަ ކަމަށް ވެއްޖިއްޔާމު. މުޅި ކޮޓަރިއަށް އެ ހިންގަން 750 ރުފިޔާ." މަބްރޫކް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރިސޯޓްތައް ކަރަންޓީން ފެސިލީޓީތަކަށް ބޭނުން ކުރަން ލިބުމަކީ ސަރުކާރަށް ލިބުނު ވަރަށް ބޮޑު ލުޔެއް ކަމަށެވެ. އަދި އިގްތިސާދީގޮތުން ބެލިޔަސް އެއީ އެންމެ ރަނގަޅު ގޮތް ކަމަށާ އެއީ އެންމެ ފަސޭހަ އަދި ތަނުގައި ތިބޭ މީހުންނަށްވެސް އެންމެ ރަނގަޅު ގޮތް ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ނަމަވެސް މިހާރުވެސް ކަރަންޓީގައި 550 މީހުން އެބަ ތިބި ކަމަށާ އެހެން ކަމުން ޖުމްލަކޮށް ކުރަންޖެހޭ ހަރަދަކީ ބޮޑު ހަރަދެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަނެއްހެން މިކަމަށް އަޅުގަނޑުމެން ވަރަށް ބޮޑު ހަރަދެއް މި ކުރަންޖެހެނީ، ވަރަށް ބޮޑެތި ނަންބަރުތައް މި ހުރީ. މުޅި އެކު 550 މީހުން އެބަތިބި މި ފެސިލިޓީތަކުގައި. އެހެންވީމަ ފުދޭވަރެއްގެ ހަރަދެއް ހިނގާކަމެއް މިއީ. އެހެން ނަމަވެސް އެހެން ގޮތަކަށް މިކަން ކުރަން އަޅުގަނޑުމެން ވިސްނައިފިއްޔާ، ބޭރު ގައުމުތަކުގައި ތި ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ މިކަންކުރުމުގައި އާންމުކޮށް ބޭނުންކުރާނީ ސުކޫލްތަކެއް ނަގައިގެން ނޫނީ ބޮޑެތި ހޯލްތަކެއް ނަގައިގެން. ދެން އެ ތަންތަނަށް ގަންނަންޖެހޭނެ ކޮންމެ މީހަކަށް އެނދާ، އެ ތަންތަނަށް ކަރަންޓްލުމާއި ފެންލުމާ މިހެން ބައިވަރު ކަންތައްތައް ކުރަންޖެހޭނެ އެއިން ތަނެއް ފަންގްޝަނަލް ކުރުމަށްޓަކައި." މަބްރޫކް ވިދާޅުވިއެވެ.

ދިހަ ރިސޯޓެއްގެ 2288 އެނދު ކަރަންޓީން ފެސިލިޓީ ބޭނުން ކުރަން ލިބިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކަރަންޓީން ފެސިލިޓީގެ ގޮތުގައި މިހާރު ބޭނުން ކުރާ ދިހަ ރިސޯޓަކީ ވިލިވަރާއި ބިޔާދޫ އާއި ފަން އައިލެންޑާއި ހޮލިޑޭ އައިލެންޑާއި މަލަހިނި ކުޑަބަނޑޮހާއި އެނބޫދޫ ވިލެޖާއި ވަރު ބައި އެޓޮމޮސްފިއާ އާއި ވެލިދޫ އައިލެންޑާއި ދިއްގިރި އަދި ރޯޔަލް އައިލެންޑެވެ.

މީގެ އިތުރުން ހުޅުލޭ އައިލެންޑް ހޮޓެލްގެ އެނދުތައް ވެސް ކަރަންޓީން ފެސިލިޓީއަށް ދަނީ ބޭނުން ކުރަމުންނެވެ.