ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޑރ. މުހައްމަދު މުއިއްޒު

ކޮވިޑް ލޯންތަކުގެ އިންޓްރެސްޓް މައާފްކޮށްފި

ކޮވިޑުގެ ތެރޭގައި އެސްޑީއެފްސީ އަދި އެޗްޑީއެފްސީ މެދުވެރިކޮށް އެކި ފަރާތްތަކުން ނަގާފައިވާ ލޯނުތަކަށް އަރާފައިވާ އިންޓްރެސްޓް މައާފުކޮށްދޭން ނިންމައިފި އެވެ.

ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ ލ. ފޮނަދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަަކަދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އީދު ބަންދަށްފަހު ސަރުކާރު ހުޅުވާއިރު މި ލޯނުތަކަށް އަރާފައިވާ އިންޓްރެސްޓް މައާފުކުރުމަށް އެދި ހުށަހެޅޭނެ ކަމަށެވެ. އެމަނިކުފާނު ވަނީ ކޮވިޑާ ގުޅިގެން އެކި ފަރާތްތަކުން ނެގި ލޯނުތަކަށް އިންޓްރެސްޓް އަރަމުންގޮސް މީހުންނަށް އެ ފައިސާ ދައްކަން އުނދަގޫވާވަރު ވެފައިވާކަން ފާހަގަކުރައްވާފަ އެވެ.

"އެހެންކަމުން މިއީ ސަރުކާރުން ރައްޔިތުންނަށް އިތުރު ލުޔެއް ހޯދައިދިނުމަށް ފަހިކޮށްދިން ކަމެއް،" ރައީސް ވިދާޅުވި އެވެ.

ފޮނަދޫގެ ތަރައްގީއަށް ރާވާފައިވާ ކަންކަމުގެ މައުލޫމާތު ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ ފޮނަދޫއާއި މުޅި ލ. އަތޮޅާއި، މުޅި ރާއްޖޭގެ ތަރައްގީއަށް ކޮށްދިނުމަށް ވައުދުވި ހުރިހާ ކަމެއް ފުރިހަމަ ކޮށްދެއްވާނެ ކަމަށެވެ. ހަމައެހެންމެ ފޮނަދޫ ތަރައްގީކުރާނީ ރާއްޖޭގެ ހަތް ސަރަހައްދެއްގައި ކަނޑައަޅާ އާބަން ސެންޓަރުތަކުގެ ތެރޭގައި ހިމެނޭ ރަށެއްގެ ގޮތުގައި ކަމުގައިވެސް ވިދާޅުވި އެވެ. އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީކުރާއިރު އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ގެދޮރުވެރިކަމަށް އިސްކަން ދޭނެ ކަމަށާއި، އަދި ފޮނަދޫގެ ބިން އިތުރަށް ހިއްކައި، އެރަށުގައި ގެދޮރުވެރިކަމުގެ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދަވާނެ ކަމުގައި ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މުޅި ލ. އަތޮޅުގެ ފުދުންތެރިކަން އިތުރުކުރުމަށް ކުރާ ބައެއް މަސައްކަތްތައްވެސް ހިއްސާކުރައްވާފަ އެވެ. އެގޮތުން ހައްދުންމަތީގެ އެކި ދާއިރާތަކުގެ ރަށްތައް ކައިރިން އެކި ކޮންސެޕްޓުތަކުގެ ފަތުރުވެރިކަމުގެ އުފެއްދުންތައް ތަރައްގީކުރާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.