ލ. އަތޮޅު

ލ. އަތޮޅަށް އިންގިލާބީ ބަދަލުތަކެއް ގެންނާނެ ބިޔަ މަޝްރޫއުތަކެއް އިފްތިތާހްކޮށްފި

ލ. ކައްދޫ ޑޮމެސްޓިކް އެއާޕޯޓް ބައިނަލްއަގްވާމީ އެއާޕޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ކުރެވޭ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މިއެއްބަސްވުން ސޮއިކުރުން އޮތީ ރައީސުލްޖުމްހޫރިއްޔާ ލ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރޭ ލ. ފޮނަދޫގައި ބޭއްވި ރަސްމިއްޔާތު ގައެވެ.

މި ރަސްމިއްޔާތުގައި ކައްދޫ އެއާޕޯޓް ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ވަނީ ފަށާފަ އެވެ.

މި ރަސްމިއްޔާތުގެ ތެރެއިން ލާމު މެރިޓައިމް ހަބް ޑިވެލޮޕްމަންޓްގެ ކޮންޓްރެކްޓް އެވޯޑްކުރުމާއި ލާމު މެރިޓައިމް ހަބް ޑިވެލޮޕްމަންޓް އިފްތިތާހް ކުރުންވެސް ކުރިއަށް ގެންދިޔަ އެވެ.

ކައްދޫ ޑޮމެސްޓިކް އެއާޕޯޓް ބައިނަލްއަގުވާމީ އެއާޕޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ކުރެވޭ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސީއެމްއޭސީ އިންޖިނިއަރިން ކޯޕަރޭޝަނާ އެކުގައެވެ.

ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓާ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ޑރ. އަބްދުﷲ މުއްތޮލިބް އެވެ. ސީއެމްއޭސީ އިންޖިނިއަރިން ކޯޕަރޭޝަނުގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރު ލީ ވެއިވެއި އެވެ.

ކައްދޫ ޑޮމެސްޓިކް އެއާޕޯޓް ބައިނަލްއަގްވާމީ ފެންވަރަށް ތަރައްގީކުރާއިރު 2.45 ކިލޯމީޓަރުގެ ރަންވޭއަކާއެކު ޕީކް ގަޑީގައި އެއްފަހަރާ 300 ފަސިންޖަރުންނަށް ހިދުމަތް ދެވޭވަރުގެ ޓާމިނަލެއް ތަރައްގީކުރާނެ އެވެ. މީގެ އިތުރުން ފިއުލް ފާމްއާ އަދި އެއާޕޯޓަށް ބޭނުންވާ އިތުރު ވަސީލަތްތައްވެސް ތަރައްގީކުރާނެ އެވެ.

ކައްދޫ އެއާޕޯޓް ތަރައްގީކުރުމަށްޓަކައި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން 56.60 ހެކްޓަރުގެ ބިން ހިއްކައި 4433 މީޓަރުގެ ރިވެޓްމަންޓު ޖަހާނެ އެވެ.

މިރަސްމިއްޔާތުގައި ލާމު އިންޓެގްރޭޓެޑް މެރިޓައިމް ހަބުގެ ކޮންޓްރެކްޓްވެސް އެވޯޑްކޮށްފައިވަނީ ސީއެމްއޭސީ އިންޖިނިއަރިން ކޯޕަރޭޝަނަށެވެ. ސަރުކާރުގެ ފަރާތުން މިކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު މުހައްމަދު ވަޖީހު އިބްރާހީމެވެ. ސީއެމްއޭސީ އިންޖިނިއަރިން ކޯޕަރޭޝަނުގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރު ލީ ވެއިވެއި އެވެ.

ލާމު މެރިޓައިމް ހަބުގައި ގާދޫ ކޮންޒަވޭޝަން ޕްރޮޖެކްޓެއް ހިންގުމާއި، ކްރޫޒް ޓާމިނަލެއް ގާއިމުކުރުމާއި، ސުޕަޔޮޓް މެރީނާއެއް ގާއިމުކުރުމާއި، އޮފްޝޯ ބަންކަރިންގެ ހިދުމަތް ދިނުމާއި، އަދި އިކޯ ރިޒޯޓް ގާއިމުކުރުން ހިމެނެއެވެ.