ރާއްޖޭގެ ދަރަނީގެ ހާލަތު 2020 ވަނަ އަހަރަށް ވުރެ ވެސް އިތުރަށް ގޯސްވެފައިވާ ކަމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ބުނެފި އެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅުވައިގެން އޭޑީބީން މިމަހު ނެރުނު ރިޕޯޓް -- ފެކްޓް ޝީޓްގައިވާ ގޮތުން ރާއްޖޭގެ ދަރަނީގެ ހާލަތު 2020 ވަނަ އަހަރަށް ވުރެ ވެސް މިހާރު ވަނީ ގޯސްވެފަ އެވެ.
މި ރިޕޯޓްގައި ބުނެފައިވަނީ 2020 ވަނަ އަހަރުގެ ކުރިންވެސް ރާއްޖޭގެ ދަރަނީގެ ނިސްބަތް ހުރީ ވަރަށް މަތީގައި ނުވަތަ "ހައި ލެވެލް"ގައި ކަމަށެވެ. ނަމަވެސް ދެން އައި އަހަރުތަކުގައި ދަރަނި އިތުރަށް މަތިވެ ހާލަތު އިތުރު ގޯސްވިކަން ފާހަގަކޮށްފައިވެ އެވެ. މިގޮތަށް ދިމާވި ސަބަބަކީ ކޮވިޑް 19 އިން އަރައިގަތުމަށް ކުރަންޖެހުނު ބޮޑު ހޭދައާއި، ހަރަދުކުރަންޖެހުނު ނިސްބަތާ އެއްވަރުގެ އާމްދަނީއެއް އޭރު ސަރުކާރަށް ލިބިފައި ނުވުމާއި، ދުނިޔޭގެ ތެލުގެ އަގު އިންތިހާއަށް މައްޗަށް ދިއުމުން ސަރުކާރުން ކުރަންޖެހުނު ހޭދަ އިތުރުވުމެވެ.
ރާއްޖޭގެ ދަރަނީގެ ހާލަތު ރަނގަޅުކުރުމަށް އޭޑީބީ އިން އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށްވެސް ރިޕޯޓްގައިވެ އެވެ. އެގޮތުން އާންމު ދަރަނި މައްޗަށް ދިޔަ ނުދީ ދެމެހެއްޓިނިވި ގޮތެއްގައި ހިފެހެއްޓުމަށާއި، ޓެކްސްގެ ހާމަކަން އިތުުރުކުރުމަށާއި، ޓެކްސްގެ ސިޔާސަތުތައް އިސްލާހުކުރުމާއި، އިދާރީ ހަރަދުތައް ކުޑަކުރުމަށް އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.
މިރިޕޯޓްގައިވާ ގޮތުން ރާއްޖެއާއި ތަރައްގީވަމުން އަންނަ ގައުމުތަކުގެ ދަރަނި ހަމައަކަށް އެޅުވުމަށް ގެންގުޅޭ ސްޓްރެޓެޖީތައް އިސްލާހު ހާލަތު ހަމައަކަށް އެޅުވުމަށް އޭޑީބީ އިން ވަނީ ގައުމުތަކަށް 1.5 މިލިއަން ޑޮލަރުގެ ފަންނީ އެހީވެސް ދީފަ އެެވެ.
އޭޑީބީ އަކީ ރާއްޖޭގައި ހިންގާ ގިނަ މަޝްރޫއުތަކަކަށް މާލީ އެހީ ދީފައިވާ ބޭންކެކެވެ. އެގޮތުން 2018 އިން 2022 ވަނަ އަހަރާ ދެމެދު ހަތް މަޝްރޫއަކަށް 122.9 މިލިއަން ޑޮލަރުގެ އެހީއެއް ދީފައިވެ އެވެ. އެއީ ލޯނާއި ހިލޭ އެހީގެ އިތުރުން ފަންނީ އެހީގެ ގޮތުގައި ދީފައިވާ ފައިސާ އެވެ. މީގެތެރެއިން އެހެން ގައުމުތަކުގެ އެހީއާ ނުލާ އޭޑީބީގެ އެކަނި އެހީގެ ގޮތުގައި ދީފައިވާ 15.91 މިލިއަން ޑޮލަރުވެސް ހިމެނެ އެވެ.