ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އެންމެ ގިނަ ރޭގެ ނިދިން މަހްރޫމްވާން މަޖުބޫރުކުރީ ކޮވިޑް 19: ރައީސް

ހަޔާތުގައި އެންމެ ގިނަ ރޭގެ ނިދިން އެމަނިކުފާނު މަހްރޫމްވާން މަޖުބޫރުވި ހާލަތަކީ ކޮވިޑް 19ގެ ދަތި އުދަނގޫ ދުވަސްތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މީގެ ތިން އަހަރު ކުރިން ދުނިޔެއާއި ރާއްޖެއަށް ކުރިމަތިވި ކޮވިޑް 19ގެ ހިތްދަތި އުދަނގޫ ދުވަސްތަކުގެ ހަނދާން ރައީސް ސޯލިހް އާކުރެއްވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދިވެހި ގައުމާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ސޯލިހް ވިދާޅުވީ ފާއިތުވި ފަސް އަހަރު އެ މަނިކުފާނުގެ ސަރުކާރުގައި ކުރަންފެށި މަސައްކަތްތަކަށް ކޮވިޑް 19އާ ގުޅިގެން ބޮޑެތި ހުރަސްތަކެއް ކުރިމަތިވި ކަމަށެވެ.

"2020 ވަނަ އަހަރު ފެށުމާއެކު ކުރިމަތިލާން ޖެހުނީ ކޯވިޑް-19-ގެ ޢާލަމީ ބަލިމަޑުކަމާ. ދުނިޔެއަށް އެރި ހުއްޓުމުން ރާއްޖޭގެ ބޯޑަރު ބަންދުކުރުން ނޫން ގޮތެއް ނެތިގެންދިޔަ. ފަތުރުވެރިންގެ ބަދަލުގައި ރިޒޯޓުތަކަށް ރެޔާއި ދުވާލު އުފުލަން ޖެހުނީ ބަލީގެ ނުރައްކަލަށް ހުށައެޅުނު މީހުން. ރަށްތައް ތަޅުލެވި، މަގުތައް ފަޅުވެ، ވިޔަފާރިއާއި އާންމު ހޭލަމޭލަވުން ހުއްޓުނު. އާމްދަނީގެ ގޮތުން އަތްފައި ބަނދެވި ގައުމު ފުރަބަންދުވި،" ކޮވިޑާ އެކު ކުރިމަތިވި ގޮންޖެހުންތައް ހިއްސާކުރައްވާ ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކޮވިޑާ އެކު ދަތިތަކެއް ކުރިމަތިވި ނަމަވެސް ރައްޔިތުންނަށް ބޭނުންވާ ކާޑާއި ބޭހާއި ތެޔޮ، ދަތިނުވެ ލިބޭނެ ގޮތް ކަށަވަރުކޮށް ސަރުކާރުން ހިންގަމުންދިޔަ ތަރައްގީގެ މަޝްރޫއުތައް ހުއްޓާނުލައި ކުރިއަށްދާނެ ގޮތް ރައްޔިތުންނަށް ހޯދައިދީފައިވާނެ ކަމަށެވެ. އަދި އުދަނގޫ ވަގުތުވެސް ސަރުކާރުގެ އެންމެ މުވައްޒަފެއްގެވެސް ވަޒީފާ ނުގެއްލި މުސާރަވެސް ދިން ކަމަށާއި ވަޒީފާ ގެއްލި، އާމްދަނީ ނާޒުކު ހާލަތަށް ދިޔަ އަމިއްލަ މީހުންނާއި ވިޔަފާރިތަކަށްވެސް އެ ވަގުތުގައި ސަރުކާރުން އެހީ ދިންކަން ރައީސް ފާހަގަކުރެއްވި އެވެ. ބިރުވެރިކަން ދެ އަހަރަށް ދެމިގެންދިޔަ ކޮވިޑް 19ގެ ދުވަސްވަރު ބިލް ނުދެއްކިގެން ކަރަންޓާއި ފެން ނުލިބޭ އެއްވެސް ރައްޔިތަކު ނެތްކަންވެސް ސަރުކާރުން ކަށަވަރުކުރި ކަމުގައި ރައީސް ވިދާޅުވި އެވެ.

"ކޯވިޑް-19 އާ ގުޅިގެން އެހެން ގައުމުތަކުގައި ޕައިލެޓުން ތިބެން ޖެހުނީ ގޭގައި. ނަމަވެސް ޕީޕީއީގައި ރާއްޖޭގެ ޕައިލެޓުން ތިބީ ބޭހާއި ވެކްސިން އަދި ބަލިމީހުން ގޮވައިގެން ކޯވިޑް-19ގެ ކުރިއަށްވުރެ އަވަދިނެތި އުދުހުމުގައި. ދޭސީއެއް ބިދޭސީއެއް މިކަމުގައި ތަފާތެއް ނުކުރަން. އެންމެ ފުރަތަމަ އެންމެން ވެކްސިނޭޓް ކުރި ދުނިޔޭގެ މަދު ގައުމުތަކުގެ ލިސްޓަށް ރާއްޖެއެރި،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކުރެވުނު ގިނަ މަސައްކަތުން އެންމެ ފުރަތަމަ ބޯޑަރު ހުޅުވި އެއް ގައުމަކަށް ދިވެހިރާއްޖެ ވެގެން ދިޔަ ކަމަށެވެ. އަދި ފަތުރުވެރިކަމާއި އިގްތިސާދު އިހުހުރި ހިސާބަށް ކުރު މުއްދަތެއްގައި ރުޖޫއަވުމުގައި ރާއްޖެއިން ބޮޑު ކާމިޔާބެއް ހޯދިކަމުގައިވެސް ވިދާޅުވި އެވެ.

ރައްޔިތުންނާއި ރާއްޖެ ސަލާމަތް ކުރުމުގައި ކޯވިޑް-19 އަކީ އަޅުގަނޑުގެ ހަޔާތުގެ އިމްތިހާނު. އެންމެ ގިނަ ރޭ ނިދިން އަޅުގަނޑު މަހްރޫމްވާން މަޖުބޫރުވި ހާލަތަކީ އެއީ. އެހެން ނަމަވެސް، اللهُ سُبْحَانَهُ وَتَعَالَىގެ ރަހްމަތްފުޅު ކިތަންމެހާވެސް ތަނަވަސް،" ކޮވިޑް 19ގެ ދުވަސްވަރު އުޅުއްވަންޖެހިވަޑައިގެންނެވި ނުތަނަވަސް ދިރިއުޅުއްވުން ހިއްސާކުރައްވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހް ވަނީ ކޮވިޑް 19ގެ ހާލަތުން އަވަހަށް އަރައިގަތުމަށް އެތައް ބައެއްގެ ގުރުބާނީ ހިމެނޭ ކަމަށް ވިދާޅުވެ އެ ހުރިހާ ފަރާތްތަކަކަށް ޝުކުރުވެސް އަދާކުރައްވާފަ އެވެ.

"ކޯވިޑް-19 އަކީ އާންމުކޮށް ދައުލަތުގެ ހުރިހާ ހިދުމަތްތެރިންގެ ގުރުބާނީ ގައުމަށް ވެދުންކުރި ކާރިސާ. އަދި ވަކިން ހާއްސަކޮށް، ރާއްޖޭގެ ސިއްހީ ހިދުމަތްތެރިންނާއި، ސިފައިންނާއި ފުލުހުން އެ ދެއްކެވި ފުރިހަމަ ނަމޫނާއަކީ ގައުމަކުން ފެންނާނެ އެންމެ ރީތި މިސާލު،" ރައީސް ވިދާޅުވި އެވެ.

ކޮވިޑް 19ގައި ރާއްޖެއިން 350އާ ގާތްކުރާ އަދަދަކަށް މީހުން މަރުވެފައިވެ އެވެ.