ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މިނިވަން ދުވަހުގެ ހަފްލާތައް ނުބާއްވަން ނިންމައިފި

Jul 7, 2020
1

ކޮވިޑް-19 އިގެ ބަލިމަޑުކަމާ ގުޅިގެން، މިނިވަން ދުވަހުގެ މުނާސަބަތުގައި ކޮންމެ އަހަރަކުވެސް ބާއްވަވަމުން ގެންދާ ހަފްލާތައް މި އަހަރު ނުބާއްވާ ގޮތަށް ސަރުކާރުން ނިންމައިފި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ރައީސްގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުމާއި، މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ކުޅިވަރުތަކާއި އެހެނިހެން ހަރަކާތްތައް މި އަހަރު ނުބާއްވާނެ ކަމަށެވެ.

އެކަމާ ގުޅިގެން މިއަދު ބޭއްވި ކެބިނެޓު ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިގޮތަށް މި ނިންމެވީ، ކޮވިޑް-19 އާ ގުޅިގެން، ރާއްޖޭގެ އިގުތިސޯދަށް ކުރިމަތިލާންޖެހުނު ދަތިތަކާއެކު، ދައުލަތުގެ ހަރަދުތައް ކުޑަކުރެއްވުމަށް ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތަކުގެ އިތުރުން ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރެއްވުމަށްޓަކައި ކަމަށެވެ.

ނަމަވެސް، މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ގައުމާ މުހާތަބު ކުރެއްވުން އޮންނާނެކަމަށާއި، ރައީސް ސޯލިހު މުހާތަބު ކުރައްވާނީ ޖުލައި 26 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގައި ކަމަށް ރައީސް އޮފީހުން އިތުރަށް ބުންޏެވެ.

މިނިވަން ދުވަހުގެ އިތުރުން، މިއަހަރު ގައުމީ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމު ދިނުމުގެ ކަންތައް ކުރިއަށް ގެންދިޔުމާގުޅޭ ގޮތުންވެސް ރައީސް ވަނީ މަޖިލީހުގެ ލަފާ ހޯއްދަވައިފަ އެވެ.

ގައުމީ އިނާމު މިހާރު ދެއްވަނީ ގައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ ގައެވެ. ޤައުމީ ދުވަސް ކަމަށްވާ 1 ރަބީއުލްއައްވަލް މި އަހަރު ދިމާވަނީ އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހާ އެވެ. ހާއްސަ އިނާމު ދެއްވަމުން ގެންދަވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާގައެވެ.

މިއަހަރު ގައުމީ އިނާމާއި ހާއްސަ އިނާމު ދެއްވުމާއި ގުޅޭގޮތުން މަޖިލީހުގައި ވާހަކަފުޅު ދެއްކެވުމަށްފަހު، ގައުމީ އިނާމަށާއި ހާއްސަ އިނާމަށް އިއުލާނު ކުރުމަށާއި، ކޮވިޑުގެ ހާލަތު އޭރު އޮތް ގޮތެއްގެ މައްޗަށް ބައްލައި، މުނާސަބަތު ފާހަގަކުރެވޭ ގޮތަށް ހާލަތު ބަދަލުވެއްޖެނަމަ، ގައުމީ ދުވަހުގެ ޖަލްސާއާއި ޖުމްހޫރީ ދުވަހުގެ ޖަލްސާ ބާއްވައި އިނާމު ދެއްވާ ގޮތަށް ހަމަޖެއްސެވުމަށް ވަނީ ނިންމައިފަ އެވެ.

އަދި ޖަލްސާ ބޭއްވޭނެ ގޮތް ނުވެއްޖެނަމަ، އެ ވަގުތުގެ ހާލަތަށް ރިއާއަތް ކުރައްވައިގެން އިނާމު ދެއްވުމަށްވެސް މިއަދު ކެބިނެޓުން ނިންމި ކަމަށް ރައީސް އޮފީހުން އިތުރަށް ބުނެފައިވެ އެވެ.