ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ގެއްލުންތަކުން އަރަން އިސްކަން ދެއްވާނީ މީހުން ބިނާކުރަން: ރައީސް

Nov 11, 2020
2

ކޮވިޑް-19 އާ ގުޅިގެން އައި އިގުތިސާދީ ގެއްލުންތަކުން އަރައިގަތުމަށް މަސައްކަތްކުރާއިރު، ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭނެ އެއްކަމަކީ، މީހުން ބިނާކުރުމަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ގައުމާ މުހާތަބު ކުރައްވައި ރައީސް ވިދާޅުވީ މުޅި ދުނިޔެ ބަނަކުރަމުންދިޔަ ކޮވިޑް-19 އިގެ ވިލާގަނޑު، ރާއްޖެއަށް ހިޔަނި އެޅުމާ ގުޅިގެން، ހުރިހާ ކަމަކަށް ހުރަސްއެޅިގެންދިޔަ ކަމަށެވެ.

"މީގެކުރިން މުޅި ދުނިޔެވެސް ތަޖުރިބާނުކުރާ އަދި ރާއްޖެ ދުވަހަކުވެސް ތަހައްމަލުނުކުރާފަދަ، އިގުތިސާދީ ވަރަށް ބޮޑު ކާރިސާއެއްގެ ގޮތުގައި،" މިއީ ހަމައެކަނި ބަލިމަޑުކަމެއް ނޫން ކަމަށް ސިފަކުރައްވަމުން އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން އައި އިގުތިސާދީ ގެއްލުންތަކުން އަރައިގަތުމަށް މަސައްކަތްކުރާއިރު، ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭނެ އެއްކަމަކީ، މީހުން ބިނާކުރުން ކަމަށެވެ.

މިގޮތުން، އަންނަ އަހަރުގެ ބަޖެޓުގައި ހިމެނިފައިވާ ރާއްޖޭގެ ފަސް ސަރަޙައްދެއްގައި ފެންވަރު ރަނގަޅު، ތައުލީމީ ނިޒާމަކަށް ބޭނުންވާނެ، އިންސާނީ އަދި އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމުގެ މަޝްރޫއުތައް ރައީސް ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، މީހުން ބިނާކުރުމުގެ ގޮތުން، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޒަމާނީ ޓިވެޓް އިންސްޓިޓިއުޓްތައް ތަރައްޤީ ކުރުމަށާއި، ޖޫނިއަރ ކޮލެޖް ޤާއިމުކުރުމަށާއި، ޕޮލިޓެކްނިކްގެ ހިދުމަތް ފުޅާކުރުމުގެ މަސައްކަތް އަންނަ އަހަރު ފެށިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މި ސަރުކާރުގެ ފުރަތަމަ އަހަރު ތައާރަފުކުރި ޑިގްރީ ފެންވަރަށް ހިލޭ ކިޔަވައިދިނުމުގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 8200 އަށްވުރެ ގިނަ ކުދިންނަށް ހިލޭ ކިޔެވުމުގެ މަގު ސަރުކާރުން ފަހިކޮށްދިނުމުގެ އިތުރުން، ސްޓޫޑެންޓް ލޯނުގެ ލުއިތަކާއެކު، 23 ގައުމެއްގައި، 1،082 ދަރިވަރަކު ތަޢުލީމް ހާސިލުކުރަމުންދާ ކަމަށް އެ ހިތާބުގައި ފާހަގަކުރެއްވި އެވެ.

"އިގުތިސާދީ ގޮތުން، ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރިކަން ދެނެތިބެ، ވެރިކަމުގެ ތިންވަނަ އަހަރަކާ އަޅުގަނޑުމެން މި ކުރިމަތިލަނީ، ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ، ވަރަށް މުހިންމު ރޭވުންތަކަކާއެކު،" ގައުމީ ތަރައްގީއާ ގުޅޭ ހުރިހާ ދާއިރާތަކުން، މަޝްރޫއުތައް ހިންގުމަށް، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވި އެވެ.