ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދިނުމަށް މަސައްކަތް ކުރިން: ރައީސް

ވެރިކަން ކުރުމުގެ ވާޖިބު އަދާކުރުމުގައި އިންސާފުވެރި އޯގާތެރި ހެޔޮވެރިކަމެއް ހުރިހާ ރައްޔިތުންނަށް ކޮށްދިނުމަށް މަސައްކަތް ކުރެއްވި ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރިޔާސީ ދައުރުގެ ވަދާއީ ހިތާބު ދެއްވަމުން ރައީސް ސޯލިހް މިއަދު ވިދާޅުވީ ފާއިތުވި ފަސް އަހަރު ގައުމަށް ގެނެވުނު ހަމަޖެހުމާއި ސުލްހަމަސަލަސް ކަމަކީ ލިބުނު އެންމެބޮޑު ކުރިއެރުން ކަމަށެވެ. މާލޭގެ މަގުތައް އަމާންކަމާއެކު ބޭއްވުނީ ގިނަ މަސައްކަތްތަކެއް ސަރުކާރުން ކޮށްގެން ކަމަށާއި ކުށްކުރާ ގްރޫޕްތަކާއި، ޑްރަގުގެ ވިޔަފާރިއާ ދެކޮޅަށް އުނދަގޫ އަދި ބުރަ މަސައްކަތްތަކެއް ކުރަންޖެހުނު ކަމަށްވެސް ވިދާޅުވި އެވެ. މި މަސައްކަތުގައި ފުލުހުންނާއި ސިފައިން އަދާކުރި ދައުރު ބޮޑުކަން ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ ޝަރުއީ ދާއިރާއާއި ފުލުހުންނާއި ސިފައިން އަދި މިނިވަން މުއައްސަސާތައް ސިޔާސީ ނުފޫޒުން މިނިވަންވުމަކީ ގައުމަށް ކޮންމެހެން ބޭނުން ކަމެކެވެ. ނުފޫޒުން އެއްކިބާވެ މަސައްކަތްކުރުމުގެ ފުރުސަތު އެ ދާއިރާތަކަށް މި ފަސް އަހަރު ދީފައިވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ވެރިކަމުގެ ހައްގުތައް އަދާކުރުމުގައި ހަމަހަމަކަމާއެކު އިޖުތިމާއީ އަދާލަތު ގާއިމުކުރުމަށް މި ފަސް އަހަރު އިސްކަންދީފައިވާނެ ކަމުގައިވެސް ރައީސް ސޯލިހް ވިދާޅުވި އެވެ.

"ރަށްތަކުގެ މެދުގައި އޮތް ޒަމާންވީ ފަރަގު ކުޑަކުރުމަށް ސަރުކާރުން އިސްކަންދިނިން. ހިދުމަތްތައް ހަމަހަމަކުރެވި، ވަސީލަތްތައް ފުރިހަމަކޮށް، ކޮންމެ ރަށެއްގެ، ކޮންމެ ރައްޔިތެއްގެ މައްޗަށް ސަރުކާރުން އަދާކުރަންޖެހޭ ހައްގުތަކަށް އިސްކަންދިނިން. ފަރުދީ ގޮތުން ރައްޔިތުންނަށް ހިދުމަތް ކުރުމަށް އޮތް ކޮންމެ ފުރުސަތެއްގެ ބޭނުން ސަރުކާރުން ހިފިން. ވާޖިބު އަދާކުރުމުގައި އިންސާފުވެރި އޯގާތެރި ހެޔޮވެރިކަމެއް ހުރިހާ ރައްޔިތުންނަށް ކޮށްދިނުމަށް އަޅުގަނޑު މަސައްކަތް ކުރިން،" ވެރިކަން ކުރެއްވުމުގައި ސަމާލުވެވަޑައިގެންނެވި ކަންކަން ހިއްސާކުރައްވަމުން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ މަސައްކަތުގައި ފާއިތުވީ ފަސް އަހަރު ސަރުކާރަށް އެއްބާރުލުމާއި އެހީތެރިކަން ދިން ވަރަށް ގިނަ ބަޔަކުވެސްވާ ކަމަށެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަކުރެއްވީ އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ލީޑަޝިޕާއި، ޕާލިމަންޓަރީ ގްރޫޕާއި އަދި އާންމު މެންބަރުންނެވެ. އޭގެފަހުގައި ސަރުކާރާއެކު ތިއްބެވި ކޯލިޝަން ޕާޓީތަކުގެ ލީޑަޝިޕްގެ ބޭފުޅުންނާއި ވަޒީރުންގެ މަޖިލީހާއި އަދި ސަރުކާރާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުންގެ މަސައްކަތްވެސް ރައީސް ފާހަގަކުރެއްވި އެވެ.

"ދިވެހިރާއްޖޭގެ ސިފައިންނާއި ފުލުހުން އަދާކުރެއްވި މުހިއްމު ގައުމީ ވާޖިބުތައް ފާހަގަކޮށް ޝުކުރު އަދާކުރަން. އަދި ހަމަ އެއާއެކު، ދިވެހި ނޫސްވެރިން އަދާކުރި ދައުރު ފާހަގަކުރަން. އަޅުގަނޑުގެ ނަޒަރުގައި ސަރުކާރުން ހޯދި ހުރިހާ ކާމިޔާބީއެއްގެ އެއް ބައިވެރިޔަކީ ދިވެހި ލޮބުވެތި ރައްޔިތުން. އެކަމަށްޓަކައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހިތުގެ ފުންމިނުން ޝުކުރު ދަންނަވަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހް އިތުރަށް ވިދާޅުވީ އެމަނިކުފާނު އެދެނީ އާ ސަރުކާރަށް ކާމިޔާބު ދުވަސްތަކެއް ކަމަށެވެ. އަދި ރައްޔިތުންނަށް ސުލްހަވެރި އުފާވެރި އަމާން ދުވަސްތަކަކަށްވެސް އެދިވަޑައިގެންނެވި އެވެ.

"ދިވެހި ގައުމަށް ނަސްރާއި ނަސީބާއި ކާމިޔާބު މިންވަރު ކުރެއްވުން [އެދެން]،" ރައީސް ވިދާޅުވި އެވެ.