ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރީތިކޮށް ވެރިކަން ބަދަލުވާ މިއީ ފުރަތަމަ ފަހަރު: ރައީސް

ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަށް ރާއްޖެ ބަދަލުވި ފަހުން އޮމާންކަމާއެކު ވެރިކަން ބަދަލުވުމުގެ މަރުޙަލާ ހިނގަމުން މިދަނީ ހަމައެކަނި މިފަހަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވާ މިއަދު ދެއްވި ހިތާބުގަ އެވެ.

"ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަށް ރާއްޖެ ބަދަލުވި ފަހުން އޮމާންކަމާއެކު ވެރިކަން ބަދަލުވުމުގެ މަރުޙަލާ ހިނގަމުން މިދަނީ ހަމައެކަނި މިފަހަރު. މީގެކުރިން އެކަން ހިނގާފައި އޮތީ ވޯޓުން ނުވިއްޔާ، ކޯޓުން ނުވަތަ މަގުމަތިން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ މީގެ ފަސް އަހަރު ކުރިން އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިހާބުކުރިއިރު ގައުމު އޮތް ހާލަތު ތަފާތު ކަމަށެވެ.

"ރައްޔިތުން އެދުނީ މަގުމަތީގެ ނާމާންކަމާއި ހަމަނުޖެހުމާއި ހަލަބޮލިކަމަށް ހަމަޖެހުމެއް ގެނައުމަށް. ސަރުކާރާ ހިޔާލު ތަފާތުވުމުގެ އަގު ޖަލުގެ އަނިޔާއިން ދައްކަން ޖެހުން ނިމުމަކަށް ގެނައުމަށް. ރައްޔިތުން އަޅުގަނޑާ ހަވާލުކުރީ، ނޫސްވެރިންނަށް އޭރު އޮތް ބިރުވެރިކަން ނައްތައިލުމަށް. ދައުލަތުގެ ބާރުތަކުގެ މައްޗަށް ވެރިކަމުގެ ބާރު އިސްކުރުން ނިމުމަކަށް ގެނައުމަށް. ރައްޔިތުން މި މަސްއޫލިއްޔަތު އަޅުގަނޑާ މަތިކުރީ ނުލިބިހުރި ޒަމާންވީ އަސާސީ ޚިދުމަތްތައް ހޯދުމަށް ޑިމޮކްރަސީ އާ އިންސާނީ ކަރާމަތާ މިނިވަން ސިޔާސީ މާހައުލު ރާއްޖެއަށް ގެނައުމަށް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ އޭރުގެ ބިރުވެރި ހާލަތު ފިލައިގޮސް، މަގުތަކުގެ އަމާންކަން މިއަދު އިހުސާސް ކުރެވޭ ކަމަށެވެ.

ހިޔާލު ތަފާތުވުން ހުރި ވިޔަފާރިވެރިންނާއި އާންމު ފަރުދުންނަށް އެ މީހުންގެ ދިރިއުޅުމައިގެން ކުރިއަށް ދެވޭނެކަން މި ފަސް އަހަރު ކަށަވަރުކޮށްދީފައިވާ ކަމަށާއި ނޫސްވެރިންނަށް އޮތް ބިރު ނައްތާލާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން ރައްޔިތުން ބޭނުންވި އަސާސީ ހިދުމަތްތައް މުޅި ރާއްޖެއަށް ދީފައިވާ ކަމަށް ވިދާޅުވި އެވެ.