ހަބަރު

އިންޓަނެޓްގެ އަގަށް ބަދަލު ގެންނަނީ

މި ދުވަސްވަރު އިންޓަނެޓް އަގަށް ހެޔޮ ބަދަލުތަކެއް އަންނަން ޖެހޭ ކަމަށާ އެކަމާ ގުޅޭ މައުލޫމާތުތައް ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާ ބައްދަލްކުރައްވާ މިއަދު ވާހަކަދައްކަވަމުން ރައީސް ވަނީ މިދުވަސްވަރު އިންޓަނެޓްގެ އަގު ހެޔޮ ކުރައްވާނެ ކަމުގެ އިޝާރާތެއް ކުރައްވާފައެވެ.

މި ދުވަސްވަރު އިންޓަނެޓް ބޭނުންކުރާ މިންވަރު އިތުރުވެފައިވާތީ އެކަމަށް ހެޔޮ ބަދަލެއް އަންނަން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވާ ރައީސް ވިދާޅުވީ ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި އެ މައުލޫމާތު އާންމުންނާ ހިއްސާ ކުރާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި މިކަމުގެ މައުލޫމާތު ރައްޔިތުންނާ އަޅުގަނޑުމެން ހިއްސާ ކުރާނަން". ރައީސް ވިދާޅުވިއެވެ.

އިންޓަނެޓްގެ އަގު ހެޔޮ ކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ. އަދި މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް19 އާ ގުޅިގެން އިންޓަނެޓް އަގު ހެޔޮ ކުރުމުގެ އަޑު ވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ. ކޮވިޑުން ރައްކާތެރިވުމަށް އެންމެ ގޭގައި ތިބުމަށް ސިއްހީ މާހިރުން އިލްތިމާސް ކުރަމުންދާއިރު އެކަމަށް ބާރު އެޅުމުގެ ގޮތުން ގައުމުތަކުން ދަނީ އިންޓަނެޓްގެ އަގު ވަރަށް ބޮޑުތަނުން ހެޔޮ ކުރަމުންނެވެ. އަދި ބައެއް ގައުމުތަކުގައި އިންޓަނެޓް ހިލޭ ލިބޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ. -މި ސަރުކާރުން އިންޓަނެޓް އަގު ހެޔޮކުރާނެ ކަމަށް ބުނެފައިވަނީ 2023 ވަނަ އަހަރުއެވެ.-

އިންޓަނެޓްގެ އަގުގެ މައްސަލައިގައި ކޮމިއުނިކޭޝަންސް އޮތޯރިޓީ މަޖިލީހަށް ހާޒިރު ކުރަން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް ވަނީ ހުށައަޅާފައެވެ.

އޭނާ، މަޖިލީހުގެ ރައީސަށް ފޮނުވި ސިޓީގައި ބުނެފައިވަނީ މި ދަނޑިވަޅަކީ ގިނަ ރައްޔިތުންތަކެއް ގޭގައި ތިބެގެން ވަޒީފާ އަދާ ކުރަން މަޖުބޫރުގެ ދަރިވަރުންވެސް އެމީހުންގެ އުނގެނުމުގެ ކަންކަން ގޭގައި ކުރަން މަޖުބޫރު ވެފައިވާއިރު މުވާސަލާތީ ހިދުމަތުގެ ތެރެއިން އިންޓަނެޓު ޒަރޫރީ ހިދުމަތަކަށް ވެފައިވާ ކަމަށެވެ.

އެހެންނަމަވެސް ރާއްޖޭގައި މުވާސަލާތީ ހިދުމަތްދޭ ކުންފުނިތަކުން އެކަށީގެންވާ ލުޔެއް ރައްޔިތުންނަށް ފޯރުކޮށްދީފައިނުވާކަން ވަނީ ފާހަގަކޮށްފަ އެވެ. އަދި އެ ކުންފުނިތައް ރެގިއުލޭޓް ކުރުމުގެ ބާރާއި ހިދުމަތުގެ އަގުތައް ކޮންޓްރޯލްކޮށް އެ އަގުތައް ފާސްކުރުމުގެ ބާރު ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް އަށް ލިބޭއިރު އެކަމަށް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް ސިޓީގައި ވަނީ ބަޔާންކޮށްފަ އެވެ.

އެހެންކަމުން، އެ އޮތޯރިޓީގެ ޒިންމާ އެންމެ ފުރިހަމަ އަށް އަދާ ކުރަމުން ނުދަނީ ކީއްވެތޯ ސާފު ކުރުމަށް އޮތޯރިޓީގެ އިސްވެރިޔާ މަޖިލީހަށް ހާޒިރު ކުރުމަށް ވަނީ އެދިފަ އެވެ.

ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް އަށް ގާނުނުގެ 17 ވަނަ މާއްދާގެ (އ) އާއި އެ މާއްދާގެ ދަށުން ހެދިފައިވާ ގަވައިދުގެ 38 ވަނަ މާއްދާއިން، ކުންފުނިތައް ރެގިއުލޭޓް ކުރުމުގެ ބާރާއި ހިދުމަތުގެ އަގުތައް ކޮންޓްރޯލްކޮަށް އަގުތައް ފާސް ކުރުމުގެ ބާރު ލިބެ އެވެ.