ދިރާގު

ދިރާގާއި ބަޓެލްކޯ އެއްބަސްވުމެއްގައި ސޮއިކޮށްފި

Oct 7, 2022

ދިރާގާއި ބަހްރައިންގެ މަޝްހޫރު ޓެލެކޮމިއުނިކޭޝަން ކުންފުނި -- ބަޓެލްކޯއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ދިރާގަކީ މިހާރުވެސް ބަޓެލްކޯގެ 52 ޕަސަންޓް ހިއްސާއާއި ދިވެހި ސަރުކާރުގެ 41.8 ޕަސަންޓް ހިއްސާގެ އިތުރުން އާންމުންގެ 6.2 ޕަސަންޓް ހިއްސާވާ ކުންފުންޏެކެވެ.

ބަޓެލްކޯއާއި ދިރާގާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިހާރު ބަހްރައިންއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މިއެއްބަސްވުމުގައި ދިރާގުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިސްމާއީލް ރަޝީދާއި ދިވެހި ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުގެ އިތުރުން ބަޓެލްކޯގެ ޗެއާމަން ޝައިޚް އަބްދުﷲ ބިން ހަލީފާ އަލް ހަލީފާ އެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހާއި، ބަހްރައިންގެ ފޮރިން މިނިސްޓަރު އަބްދުއްލަތީފް ބިން ރާޝިދު އަލް ޒަޔާނީ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ދިރާގާއި، ނެޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އަދި ބަޓެލްކޯ ގުޅިގެން، ސައިބާ ސެކިއުރިޓީގެ މުހިއްމު ދާއިރާތަކުން މަސައްކަތްތައް ކުރާނެ އެވެ.

ރައީސް ސޯލިހް މިއަދު ވަނީ ބަޓެލްކޯގެ ޗެއާމަން އަބްދުﷲއާ އެ ކުންފުނީގެ އިސްވެރިންނާ ބައްދަލުވެސް ކުރައްވާފަ އެވެ. މިބައްދަލުވުމުގައި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އިސްމާއީލް ރަޝީދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ވަނީ ރާއްޖެއާ ބަހްރައިނާއި ދެ ގައުމަށްވެސް ފައިދާ ހުރި ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމާއި، ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް ކުރަމުންދާ ކަންކަމުގެ މައުލޫމާތު ހިއްސާކުރައްވާފަ އެވެ. އަދި ރާއްޖޭގެ އިގްތިސާދު ކުރިއެރުމުގައި ބަޓެލްކޯއިން ދެމުްނދާ އެއްބާރުލުން ފާހަގަކުރައްވާ ޝުކުރު އަދާކުރެއްވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ އިންޓަނެޓު އަގުހެޔޮ ކުރުމަކީ މިސަރުކާރުން ހާއްސަ އިސްކަމެއްދޭ ކަމެއް ކަމަށެވެ. އަދި އެލަނޑުދަނޑިއަށް ވާސިލްވުމުގައި ބަޓެލްކޯއިން ވެދޭ އެހީތެރިކަން ބޮޑު ކަމަށެވެ.

ރައީސް ސޯލިހް އިތުރަށް ވިދާޅުވީ ބަޓެލްކޯ އާއި އެކު ވެވުނު ސައިބާ ސެކިއުރިޓީ އެއްބަސްވުމުގެ ސަބަބުން، ސައިބާ ސެކިއުރިޓީ އާއި ޑިޖިޓަލް ހިދުމަތްތައްދޭ ގައުމީ އަދި ބައިނަލްއަގްވާމީ ފަރާތްތަކާއި އެކު ގުޅުން ބަދަހިކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ބަޓެލްކޯގެ ޗެއާމަން އަބްދުﷲ ވިދާޅުވީ އެ ކުންފުނިން ދެކޭ ގޮތުގައި ކޮންމެ އިގްތިސާދެއްގެ ބިންގަލަކީވެސް، ޓެކްނޮލޮޖީ ކަމަށާއި، ރައީސް ސޯލިހް ބަހްރައިންއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދިރާގާއި ބަޓެލްކޯއިން އެއްބަސްވުމެއްގައި ސޮއިކުރެވިގެން ދިއުމަކީ އުފަލެއް ކަމަށެވެ.