ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޓޫރިޒަމް

މިހާތަނަށް 50 ރިސޯޓް ބަންދުކޮށްފި: ރައީސް

ޮކޮވިޑް19 އާ ގުޅިގެން ގައުމުތައް ލޮކްޑައުންކުރުމުގެ ސަބަބުން ރާއްޖޭގައި ހިންގަމުންދާ ރިސޯޓްތަކުގެ ތެރެއިން 50 ރިސޯޓް ބަންދުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކޮވިޑް19 އާ ގުޅިގެން ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކުގެ މައުލޫމާތު ހާމަކުރުމަށް މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލްވުމުގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އަންނަ ހުކުރު ދުވަހުން ފެށިގެން، ރާއްޖޭން އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލަން ނިންމާފައިވާކަމަށާއި، އެއާއެކު ބޭރު އެއްވެސް ގައުމަކުން މީހުން ރާއްޖެއަށް އެތެރެނުވެވޭނަކަމަށެވެ. އެހެން ކަމުން ދެން ރާއްޖެއަށް ފަތުރުވެރިންނަށް ނާދެވޭނެ ކަމަށާ އެކަމާ ގުޅިގެން ރިސޯޓްތައް ހުއްޓުމަކަށް އަންނާނެ ކަމަށެވެ.

ރައީސް ވިދާޅުވީ މިހާރުވެސް 50 ރިސޯޓް ބަންދުކޮށްފައިވާ ކަމަށާ ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ހުރިހާ ރިސޯޓްތައް ބަންދުވާނެ ކަމަށެވެ. މި މުއްދަތުގެ ތެރޭގައި މިހާރު ރާއްޖޭގައި ތިބި ހުރިހާ ފަތުރުވެރިން ރާއްޖެއިން ފުރައިގެންދާނެ ކަމަށް ބެލެވޭ ކަމަށް ވިދާޅުވިއެވެ.

ރިސޯޓްތައް ބަންދުކުރި ނަމަވެސް ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން މިވަގުތު އެ ރިސޯޓެއްގައި ތިބޭ މުވައްޒިފުން އެ ރިސޯޓުން އެންމެ ފަހު ފަތުރުވެރިޔާ ފުރައިގެންދާތާ 14 ދުވަސްވަންދެން ތިބެން ޖެހޭނެ ކަމަށް ވިދާޅުވިއެވެ. އަދި 14 ދުވަހުގެ ފަހުން އެ މުވައްޒިފަކަށް ފުރައިގެން އެހެން ތަންތަނަށް ދިއުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.