ދުނިޔެ

އައިއެސް އާއި އަލްގައިދާ ގުޅެނީ!

Sep 10, 2015

އައިއެސް އަކީ ގާނޫނީ ހިލާފަތެއް ނޫން ކަމަށާއި އެކަމަކު ސީރިޔާ އާއި އިރާގުގައި ހުޅަނގުގެ ބާރުތައް ބަލި ކުރުމަށް އަލްގައިދާގެ ހަނގުރާމަވެރިން އައިއެސް އާއި ބައިވެރިވާނެ ކަމަށް އަލްގައިދާއިން ބުނެފި އެވެ.

އިންޓަނެޓުގައި އާންމުކުރި އޯޑިޔޯ މެސެޖެއްގައި އަލްގައިދާގެ ލީޑަރު އައިމަން އަލް ޒަވާހިރީ ބުނީ"މިއީ އަހަރެމެން ގަބޫލުކުރާ ހިލާފަތެއް ނޫން" ކަމަށެވެ.

މިއީ ކޮންއިރަކު ރެކޯޑް ކުރެވިފައިވާ މެސެޖެއްކަން ނޭންގުނު ނަމަވެސް، މެސެޖުގައި ހުރި ވާހަކަތަކަށް ބަލާއިރު، މި މެސެޖު ރެކޯޑް ކުރެވިފައި ވާނީ ފާއިތުވި އަށް މަސް ދުވަހުގެ ތެރޭގައި ކަމަށް ފެނެއެވެ.

އައިއެސް އާއި އަލްގައިދާ އަކީ އެކުގައި މަސައްކަތްކުރާ ދެ ޖަމާއަތަށް ނުވިޔަސް، ޒަވާހިރީ ބުނީ ދެ ޖަމައާއަތް އެކުގައި މަސައްކަތް ކުރުމުގެ ފުރުސަތް އެބަ އޮތް ކަމަށެވެ.

"އައި އެސް އަކީ ގޯހެއް ކަމަށް ވިޔަސް، ސޮލީބީންނާއި، އިލްމާނީންނާއި، ޝީއީން މެރުމުގައި އަހަރެން އެމީހުންނާ ބައިވެރި ވާނަން. އެ ޖަމާއަތުގެ ހައިސިއްޔަތާމެދު އަހަރެން ދެބަސް ވިޔަސް، މި މީހުން މެރުމަކީ އެއަށް ވުރެ މުހިންމުކަން ބޮޑު ކަމެއް" ޒަވާހިރީގެ މެސެޖުގައި ބުނެފައިވެއެވެ.

އިސްލާމިކް ސްޓޭޓުން ވަނީ އިރާގާއި ސީރިޔާގެ ބޮޑުބައެއް އެމީހުންގެ ބާރުގެ ދަށަށް ގެންގޮސް ހިލާފަތެއް އިއުލާނު ކޮށްފައެވެ. އަދި މެދު އިރުމަތީގެ ބޮޑު ބައެއް އެމީހުންގެ ބާރުގެ ދަށަށް ގެންދަން ވަނީ އަމާޒު ހިފާފައެވެ. އެހެން ކަމުން މި ޖަމާއަތް ބެލެވެނީ އަލްގައިދާ އަށް ވުރެ ވެސް ނުރައްކާތެރި ޖަމާއަތެއް ކަމަށެވެ.

އަލްގައިދާ ފާހަގަ ކުރެވިފައިވަނީ ބޮން ގޮއްވުން ފަދަ ހަމަލާތައް ދޭ ބައެއްގެ ގޮތުގައެވެ. އެކަމަކު އައިއެސް އަކީ ސަރަހައްދުތައް ހިފައި، އަމިއްލަ މިނިވަން ދައުލަތެއްގެ ގޮތުގައި ހިންގާ ގުރޫޕެކެވެ.