ލައިފްސްޓައިލް

ކުކުޅުގެ ހަން: ހަށިގަނޑަށް ރަނގަޅުވެއްޖެ!

ސިއްހަތަށް ބަލައިގެން އުޅޭ ގިނަ މީހުން ކުކުޅުގެ ހަންގަނޑެއް ނުކަ އެވެ. އޭގައި ސަރުބީ ވަރަށް ގިނައިން ހުންނަ ކަމަށާއި ކުކުޅުގެ ހަންގަނޑު ކާނަމަ ފަލަ ވާނެ ކަމަށް ގަބޫލު ކުރެވޭތީ އެވެ. ކުކުޅުގެ ހަންގަނޑު ކާ ނަމަ ލޭ މައްޗަށް ދިއުމާއި މި ނޫންވެސް ސިއްހަތަށް ގެއްލުންވާ ބަލިބަލި ޖެހޭ ކަމަށް ވަރަށް ގިނަ މީހުންނަށް އޮންނަނީ ހީވެފަ އެވެ. ނަމަވެސް ފަހުގެ ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި ކުކުޅުގެ ހަންގަނޑަކީ ހީކުރާ ސިއްހަތަށް ގެއްލުން ލިބޭ އެއްޗެއް ނޫނެވެ.

ހާވަޑް ޔުނިވަސިޓީގެ ސައިންސްވެރިން ވަނީ ކުކުޅުގެ ހަންގަނޑުގައި ވަރަށް ގިނަ ގުނަ ފައިދާތައް އެކުލެވޭ ކަމުގެ ހެކި ހޯދާފަ އެވެ. އެ ޔުނިވަސިޓީގެ ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި ކުކުޅުގެ ހަންގަނޑަކީ ހިތުގެ ދުޅަހެޔޮ ކަމަށް ކާން ވަރަށް ރަނގަޅު އެއްޗެކެވެ.

ކުރީގައި ބެލެވިފައިވަނީ ފެޓްގެ ބައި ގިނަ ކޮންމެ އެއްޗަކީ ހަށިގަނޑަށް ގެއްލުން ހުރި އެއްޗެއް ކަމަށެވެ. އެހެންވެ އެފަދަ އެއްޗެތި ނުކެއުމަށް އިރުޝާދު ދެމުން ދެއެވެ. ނަމަވެސް މިހާރު ސައިންސްވެރިން ބުނަނީ ފެޓްގެ ބާވަތާއި ފެޓް ބޭނުންކުރާ މިންވަރުގެ މައްޗަށް ސިއްހަތަށް ފައިދާ ކުރުމާއި ގެއްލުންވުން ބިނާވާ ކަމަށެވެ.

ކުރީގައި އެވަކާޑޯ ވެސް ބެލެވިފައި އޮތީ ފެޓީ-ފުރުޓް އެއްގެ ގޮތުގަ އެވެ. އަދި އެއްގޮތަކަށް ވެސް އެ ކާން ހެޔޮ ނުވާނެ ކަމަށް ދުށް ދުވަސްވަރެއް ވެސް ދިޔަ އެވެ. ނަމަވެސް މިހާރު އެވަކާޑޯ އަކީ އެންމެ ސިއްހަތަށް ފައިދާ ހުރި އެއް މޭވާ ކަމުގައި އެންމެން ވެސް ގަބޫލު ކުރެ އެވެ.

އެވަކާޑޯ އާއި ކުކުޅުގައި އެއްގޮތް ކަމަކަށް އޮތީ ކޮން ކަމެއް ހެއްޔެވެ؟ އެއީ އަންސެޗުރޭޓެޑް ފެޓް އެވެ. އަންސެޗުރޭޓެޑް ފެޓް އަކީ ހިތުގެ ދުޅަހެޔޮކަމަށް ފައިދާހުރި އެއްޗެކެވެ. ސަބަބަކީ މި ވައްތަރު ފެޓްގެ ސަބަބުން ލޭގެ ޕްރެޝަރާއި ކޮލެސްޓްރޯލް ދަށް ވާތީ އެވެ. މި ދެ ކަމަކީ ހިތުގެ ބަލިތައް ޖެހުން ދަށްކުރުވާ ދެ ކަމެވެ.

އެހެންކަމަށްވާނަމަ ސައިންސްވެރިން މިހާރު މި ބުނަނީ ކުކުޅުގެ ހަން ރަނގަޅޭ ދޯ އެވެ. ނަމަވެސް ކުކުޅުހަމުން ހަށިގަނޑަށް އެތެރެވާނެ ކެލޮރީޒްގެ މިންވަރު ވަރަށް މަތިވާ ނެތީ ކަންބޮޑުވާނެތާ އެވެ. ހަގީގަތުގައި މިއީ މާ ބޮޑު ކަންބޮޑުވުމެއް އޮތް ކަމެއް ނޫނެވެ. ސަބަބަކީ ހަންގަނޑާއެކު ފިހެފައި އޮންނަ ކުކުޅަކާއި ހަންގަނޑު ނަގާފަ ފިހެފައި އޮންނަ ކުކުޅެއްގެ މެދުގައި ކެލޮރީޒްގެ ތަފާތު އުޅެނީ ވަރަށް ކުޑަކޮށެވެ. ހަންގަނޑާއެކު ފިހެފައި އޮންނަ ކެލޮރީޒްގެ އިތުރުވަނީ އެންމެ 50 ކެލޮރީޒް އެވެ. އެއީ ހަގީގަތަކަށް ބުނާނަމަ ވަރަށް ކުޑަކުޑަ މިންވަރެކެވެ.

ހަންގަނޑާއެކު ކުކުޅު ފިހެލުމުން އެހުންނަ މީރުކަން ހަންގަނޑު ނަގައިގެން ފިހުނީމަ ނުހުރުން އެއީ މުޅިން އެހެން ކަމެކެވެ. މިގޮތަށް ހަންގަނޑާއެކު ކުކުޅު ފިހާއިރު ލޮނު ނުލާ ފިހެލުމުން ލޮނުން ކުރާ ނޭދެވޭ އަސަރު ދަށްކުރެވޭނެ އެވެ. މިއީ ގެއްލުމާއި ފައިދާ ބެލެންސް ކުރަން ރަނގަޅު ގޮތެކެވެ.

ހަންގަނޑާއެކު ކުކުޅު ރޯ ފިލުވުމުން ވަރަށް ބައިވަރު ތެޔޮތައް އޭގައި ހުރެ އެވެ. މި ތަކެތި ހަށިގަނޑަށް ދިއުމުން ހަށިގަނޑަށް ލިބޭނެ ގެއްލުމާ މެދު ވަރަށް ގިނަ ބަޔަކު ވިސްނާނެ އެވެ. ހަގީގަތުގައި ކުކުޅުގެ ހަންގަނޑަކީ އޭގައި ހުންނަ ތެޔޮބައި ކުކުޅުގެ މަސްގަނޑުގެ ތެރެއަށް ދިޔަ ނުދިނުމަށް ލެވިފައި އިންނަ ދުއްޔެކެވެ. ނުވަތަ ފާރެކެވެ. އެހެންވީމާ ހަންގަނޑާއެކު ފިހުނީމަ ހުރިހާ ތެލެއް މަސްގަނޑަށް ވަދެގެން ދިއުމުގެ ކުރިން ހަންގަނޑުން އެ ތެޔޮތައް އެއްކުރާނެ އެވެ. ހަމާއެކު ފިހުނީމަ ރަހަގަނޑު އެހާ މީރުވާ ސަބަބަކީ މިއީ އެވެ.

މިވަރުން ވެސް ހަންގަނޑާ ދޭތެރޭ ހިތްހަމަނުޖެހޭނަމަ ދެން އޮތް ގޮތަކީ ހަންގަނޑާއެކު ކުކުޅު ތައްޔާރު ކުރުމަށްފަހު ކެއުމުގެ ކުރިން ހަންގަނޑު ވަކިކޮށްލުމެވެ. މީގެން ކޮންމެ ގޮތެއް ހެދިޔަސް ސިއްހަތަށް ފައިދާ ހުރި ރަނގަޅު ތެލެއް ބޭނުންކޮށްގެން ކުކުޅު ހަދާފައިވާނަމަ މައްސަލައެއް ނެތެވެ. ކައްކަން ބޭނުންކުރާ އޮލިވް އޮއިލް އަކީ ކުކުޅު ހަދަން އެންމެ ރަނގަޅު ތެލެވެ.

ކޮންމެ އެއްޗެއް ކާއިރުވެސް ކެއުމުގައި ވަކި މިންވަރެއް ގެންގުޅުމަކީ ވެސް ވަރަށް މުހިއްމު ކަމެކެވެ. އެއީ ކުކުޅު ހަންގަނޑާއެކު ނުވަތަ ހަންގަނޑާ ނުލާ ނަމަވެހެވެ. މީގެން އެއްވެސް ގޮތަކަށް މާ ގިނައިން ކުކުޅު ކެއުން ރަނގަޅެއް ނުވާނެ އެވެ. ކުކުޅުގައި އޮމެގާ-3 ފެޓްސް ހުރެ އެވެ. އަދި އޮމެގާ-6 ވެސް އެކުލެވެ އެވެ. މިއީ ހަށިގަނޑަށް ވަރަށް ގިނަ ފައިދާކުރާ މާއްދާތަކެވެ.

ނަމަވެސް ކިތަންމެ ސިއްހަތަށް ރަނގަޅަށް ކޮންމެ ދުވަހެއްގެ ކެއުމުގައި ކުކުޅު ބޭނުން ކުރުމަކީ ވެސް ރަނގަޅު ކަމެއް ނޫނެވެ. ދޭތެރެއަކުން ކުކުޅެއް ހަދާލައިގެން ކެއުމަކީ އެންމެ ހަށިގަނޑަށް ފައިދާ ކުރާނެ ގޮތެވެ.