(ފަހުބައި)
"އަހަރެން ބޭނުންވަނީ ކޯސް ނިމޭއިރަށް ކައިވެނި ކުރަން،" ޒުމުރާ އަހަރެންގެ މުޅައްދަނޑީގައި އެލިގަތެވެ. "މިހާރު ވެސް މާ ގިނަ ދުވަސް ވެއްޖެ."
"ޒުމު ހަމަ އެހައި ވަރަށް އަހަރެން ދެކެ ލޯބިވޭތަ؟" އަހަރެން ވެސް ހީލީމެވެ.
އަހަރުމެން ހިނގަމުން ދިޔައީ ޔުނިވަރސިޓީގެ ބަގީޗާއަށް ދާން އޮތް ހިނގާރިންނެވެ. ހިނގާރީގެ ދެފަރާތުގައިވަނީ ކުލަކުލައިގެ މާތަކެވެ. އެއީ އަހަރުމެން ކިޔަވާ ޔުނިވަރސިޓީއެވެ. އަހަންނާ ޒުމުރާ ދިމާވީ އެތަނުންނެވެ. އެ ޔުނިވަރސިޓީންނެވެ. އެ ތަނުގައި ދިވެހިން ކުދީން ވަރަށް ގިނައިން އުޅެއެވެ.
"ހަނދާންވޭ ދޯ." ޒުމުރާ އިޝާރާތްކޮށްލީ ޔުނިވަރސިޓީގެ ގޯތިތެރޭގައި ހުރި ފައްވާރަށެވެ.
"ހޫނ! އެއީތާ އަސްލު ފެށުމަކީ ދޯ. އެ ދުވަހު ޒުމު އަހަންނަށް ގޮވާ ނުލި ނަމަ ދޯ." އަހަރެން ވެސް ހިނިތުންވެލަމުން ޒުމުރާއަށް ބަލައިލީމެވެ.
އަހަރުމެން ދައްކަމުން ދިޔައީ ދެ މީހުން ދިމާވި ހާދިސާގެ ވާހަކައެވެ. އެ ވަރަށް ތާރީޚީ ހަނދާނެކެވެ. ހިތުން ފޮހެލަން ދަތި މަންޒަރެކެވެ. ސިކުނޑީގެ ތެރޭގައި އެ މަންޒަރު ކުރެހެމުން ދިޔައެވެ.
ޒުމުރާގެ ކުލާސް ކުދިންނާއެކު ފައްވާރު ކައިރީ ފޮޓޯ ނެގުމަށް އެތުރި ތިބި ހަނދާނެވެ. އިއްތިފާގުން އަހަންނަށް އެ މަގުން ދެވުނީ އެ ވަގުތުއެވެ. ޒުމުރާ އަހަންނަށް ގޮވާލުމުން ބަލައިލެވުނެވެ. ޒުމުރާ އަހަންނާ ވާހަކަދެއްކީ އިނގިރޭސި ބަހުންނެވެ. ޒުމުރާ ފެންނަ އިރަށް އެއީ ދިވެއްސެއްކަން އަހަންނަށް އެނގުނެވެ.
"މައްސަލައެއް ނެތް. ހިނގާ." އަހަރެން ޖަވާބު ދިނީ ދިވެހިބަހުންނެވެ.
ޒުމުރާ ހުރީ ފާޑަކަށް ރަކިވެފައެވެ. އިނގިރޭސި ބަހުން އޭނާއަށް ވާހަކަދެއްކުނީތީއެވެ.
"އަހަރެން.. އަހަރެން ހީ ކުރީ އުޒުބެކިސްތާން ހިސާބު ކުއްޖެއް ކަމަށް." ޒުމުރާ އިސް ޖަހައިގެން ހުރެ ބުނެލިއެވެ.
"އަހަރެން ވައްތަރީތަ؟" އަހަރެން ހޭންފެށީމެވެ.
"އާނ، ހީވަނީ ހަމަ އެ ހިސާބު ކުއްޖެއްހެން. ހަށިގަނޑު ބިޔަވެފަ އެކަހަލަ ގޮތަކަށް ފެންނަނީ ވެސް." ޒުމުރާ ބަލައިލީ ސީދާ އަހަރެންގެ ލޮލަށެވެ.
"މީ ރިޒާ." އަހަރެން ސަލާމަށް އަތްދިއްކޮށްލީމެވެ.
"ޒުމުރާ، ޒުމް ވެސް ކިޔާ." ޒުމުރާ ސަލާން ބަލައިގަންނަމުން ތަޢާރަފުވެލިއެވެ.
އަހަންނަށް ހުންނަން ޖެހުނީ ބަލާށެވެ. އަހަރެންގެ އަތުން ޒުމުރާ ދޫކޮށް ނުލައިގެންނެވެ. ޒުމުރާގެ ކުލާސް ކުދީން ހޯބޯ ލަވަން ފެށިއެވެ.
"ކުޗުކުޗު ހޯތާހޭ." ލާނެތް މަންޖެއަކު ރާގު އަޅުވާލަމުން ބާރަށް ގޮވާލިއަޑު އިވުނެވެ.
ޒުމުރާއަށް އެ އަޑު އިވިފައި އަހަރެންގެ އަތުން ދޫކޮށްލިއެވެ. ޒުމުރާގެ އަތުގައި އޮތް ކެމެރާ އަހަންނަށް ދިއްކޮށްލިއެވެ. އަހަންނަށް ފާހަގަވި ކަމެއް އޮތެވެ. ފޮޓޯ ނަގަންދެން ކުދީން ތަކުގެ ތެރޭގައި ޒުމުރާ ހުރި އިރު ވެސް އޭނާ އަހަންނަށް ބަލަމުން ދިޔަ ކަމެވެ. އަހަރެން މޫނުން އޭނާގެ ކަޅި ނެއްޓިގެން ނުދާކަމެވެ. ދޭތެރެ ދޭތެރެއިން އަހަންނަށް ވެސް ޒުމުރާއަށް ބަލައިލެވެއެވެ.
އެ ދުވަހަށްފަހު އަހަރެން ފެންނަ ކޮންމެ ތަނަކުން ޒުމުރާ ގޮވާން ފެށިއެވެ. އޭނާގެ ކުލާސް ކުދިންނަށް އަހަރެން ފެނުނަސް 'ކުޗުކުޗު' އޭ ގޮވަން ފެށިއެވެ. މީހުން ބުނަނީ ތެދެކެވެ. ލައިދީގޮވުމަކީ އިސްތިރިއެކެވެ. ކުރީން ވެސް އަހަންނަށް ޒުމުރާ ފެނެއެވެ. އެކަމަކު އޭނާއާ މެދު އަހަންނަކަށް ނުވިސްނެއެވެ. ނަމަވެސް، މިހާރު އަހަންނަށް ޒުމުރާ ކޮބައިތޯ ބެލެއެވެ. ކުލާހުން ނުކުންނަ ގޮތަށް އޭނާގެ ފެނޭތޯ ކަޅި އުކެއެވެ. ޒުމުރާ ގޮވާލާ ގޮވާލުންތަކާ މެދު އަހަންނަށް ވިސްނެން ފެށުނީއެވެ. ކުދީންގެ ދިމާކުރުމުގެ ވިހަ އަހަންނަށް ޖެހުނީއެވެ.
ދެމީހުން އެކަނި ރެސްޓޯރެންޓް ތަކާ ހަމައަށް ދެވެން ވެސް ފެށީއެވެ. ކުލާސް ނިމޭއިރަށް ހިނގައިލަން ދިޔުން އާއްމުވާން ފެށީއެވެ. ޒުމުރާގެ ވާހަކަތައް އޭނާ އަމިއްލައަށް ހިއްސާކުރަން ފެށީއެވެ. އޭނާގެ ބައެއް ސުވާލުތަކަށް އަހަރެން ޖަވާބު ދެމުން ދެމުން ގޮސް އަހަރެންގެ ހަޔާތުނާމާ އެކުގައި ކިޔައިދެވުނީއެވެ.
އެހައި ހިސާބުން ޒުމުރާގެ ހިތް އޮތްގޮތް އޭނާ ބުނެދިނީއެވެ. އޭނާ ފޮނުވާލި ތީރު ސީދާ ހެރުނީ އަހަރެންގެ މެޔަށެވެ. މޭ ފޫއަޅުވާލައިފައި ގޮސް ހިތަށެވެ. އެއާއެކު ތީރުގެ ތެރެއަށް ދެ ހިތް އެމުނުނީއެވެ. އެންމެ ފަހުން އަހަރުމެން ވެސް އެ ލިސްޓަށް އިތުރުވީއެވެ. ވާދީތަކާއި ކޯރުތަކުން ހިތް އުފާކުރަމުން އުދުހެން ފެށީއެވެ.
އަހަރުމެން ދެމީހުން އިށީނީ ޔުނިވަރސިޓީ ގޯތިތެރޭގައި ހުރި މާބަގީޗާ ތެރޭގައެވެ. ވަށައިގެންވަނީ މާ ގަސްތަކެވެ. މާގަސްތަކުގެ އެއް ފަރާތުގައި ފައްވާރެވެ. މުޅި މާހައުލަކީ ހިތްފަހި މާހައުލެކެވެ. ވަށައިގެން ދޫނިތައް އުދުހެމުން ދިޔައެވެ. ކޯޅިކޯޅިއަށް މީހުން ތަންތަނަށް ޖަމާވެފައި ތިބެއެވެ. ޖޯޑުޖޯޑަށް ތިބި މީހުން ވެސް މަދެއް ނޫނެވެ. އަހަރުމެން ވެސް އިށީނީ ގަސްދޮށުގައިވާ ހިޔާ ގަނޑުގައެވެ. ޒުމުރާ އިނީ އަހަރެން ގައިގައި ޖެހިފިތިގެންނެވެ. އޭނާގެ އަތް އޮތީ އަހަރެން އަތުގައެވެ.
"ރިޒާ ބޭނުންވަނީ ކިތައް ކުދިންތަ؟" ޒުމުރާ އަހައިލިއެވެ.
"ބާރަ. އެވެސް ހުސް ފިރިހެން،" އަހަރެން ސަކަރާތުގެ ރާގުގައި ބުނެލީމެވެ. "ފުޓުބޯޅަ ޓީމެއް."
"ދެން! ރިޒާ އެކަހަލަ ކަންކަމަށް ނުވިސްނަނީ ކީއްވެތަ؟" ޒުމުރާ ތުންފަތަށް ގޮތެއް ހަދައިލަމުން ބުނެލިއެވެ. "އަހަންނަށް ފާހަގަވާ ކަމެއް އެ. ދިރިއުޅުމުގެ ވާހަކަތަކަށް ރިޒާ ތި ދެނީ ވަރަށް ފިނި ޖަވާބު ތަކެއް."
"ދެން ހޫނު ޖަވާބެއްތަ ދޭންވީ؟"
"ދެން ތަންކޮޅެއް ސީރިއަސްކޮށް ވިސްނަބަލަ. ބޮޑެތި މީހުން ވިސްނާހެން ވިސްނަބަލަ." ޒުމުރާ ޝަކުވާކޮށްލިއެވެ.
"ދެން! ޒުމްއަށް ވެސް އެނގޭނެ އަހަރެން،" މަޑުމޮޅި ރާގެއްގައި ބުނެލީމެވެ. "އަހަރެން އެއްވެސް ކަމަކަށް މާ ފޮނި އުއްމީދެއް ނުކުރަން."
"އޯކޭ. އެހެންވީރު އަހަރުމެން މެރީކޮށްގެން އުޅޭނީ ކޮންތާކު؟" އަނެއްކާ ވެސް ޒުމުރާ ސުވާލުކުރިއެވެ.
އަހަރެން ފުން ނޭވާއެއް ދޫކޮށްލީމެވެ.
"ދެން ބުނެބަލަ! އަހަރުމެން އުޅޭނީ ކޮންތާކު؟" ޒުމުރާ އަނެއްކާ ވެސް ސުވާލުކޮށްލިއެވެ.
އަހަންނަށް ދޭނެ ޖަވާބެއް ނޭނގުނެވެ. ވިސްނައިލަން މަޖުބޫރުވީއެވެ.
"މާނައަކީ ރިޒާ އެކަމަށް ނުވެސް ވިސްނަމޭ ދޯ؟" ޒުމުރާ ރުންކުރު ރާގެއްގައި ބުނެލިއެވެ.
"އާނ! ހިނގާ ތިކަމާ ވިސްނަމާ ދޯ؟" އަހަރެން ވެސް ބުނެލީމެވެ.
ކައިވެންޏަށް ފަހު ކަންކަން ކުރާނެ ގޮތް އަހަރުމެން ކުރަހައިލީމެވެ. އަހަންނަށް ވެސް އެއްބަސް ވެވުނީ މާލެ ނޫން ރަށެއްގައި އުޅޭށެވެ. ދިރިއުޅުމުގެ ހާލަތާއި ގެދޮރު ދަތިކަމާ ހުރެ މާލެގައި އުޅެން ފަސޭހަ ނުވާނެތީއެވެ. ޒުމުރާއަކީ ވެސް މާ ބޮޑު އާއިލާއެއް އޮތް މީހެއް ނޫންވީމައެވެ. އޭނާގެ މުސްކުޅި ބައްޕަ ފިޔަވާ އެކަކު ވެސް ނެތުމުންނެވެ.
"އެކަމަކު އަހަރެން ބޭނުން ވަނީ ޔުނީފޯމު އެޅި ވަޒީފާއަކަށްދާން." ޒުމުރާގެ މޫނަށް ބަލައިގެން އިނދެ އަހަރެން ބުނެލީމެވެ. "އެންމެ ކުޑައިރު ވެސް ކުރަން ބޭނުންވި ކަމެއްއެ، މި ބުނީ ޕޮލިސް ނޫނީ ސިފައިންގެއަށް ވަނުން."
"ތި ހެދި ކޯ ހޯ؟ އެ މީހުންގެ ޚަރަދުގައި ކިޔަވައިފަ އެހެންތަނަކަށް ދިޔައީމަޔޯ؟" ޒުމުރާ އަހަރެންގެ މޫނަށް ބަލައިލިއެވެ.
"މިއީ ހަލީމުގެ ހެޔޮކަން... އޭނާ ދިނީ އަހަރެން ބޭނުން ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު،" އަހަރެން ފުން ނޭވާއެއް ދޫކޮށްލީމެވެ. "ޝަރުތަކަށް އޮތީ ގައުމަށް ޚިދުމަތްކުރުން."
އޭގެ ދެ މަސްފަހެވެ. އަހަރުމެން ކޯސް ނިންމުމަށްފަހު ރާއްޖެ ބަދަލުވީމެވެ. ވަރަށް ފަސޭހައިން ވަޒީފާގެ ކަންކަން ހަމަޖެހުނެވެ. އަހަރެން ބޭނުންވި ދާއިރާ އިންނެވެ. ތަމުރީނުތައް ފުރިހަމަކޮށް އަހަންނަށް ހިންދެމި ލެވުނީ އަހަރެއްހާ ދުވަސް ފަހުންނެވެ. އަހަރެން ޝައުޤުވެރިވީ ކަނޑުމަތީގައި އުޅޭށެވެ. ސަބަބެއް އަހަންނަކަށް ނުވިސްނުނެވެ.
ޒުމުރާ އުޅުނީ މާލޭގައެވެ. ސަރުކާރު އޮފީހެއް ގައެވެ. އަހަރުމެން ނިންމި ގޮތަށް ކައިވެނީގެ ކަންކަން ރޭވިގެން ދިޔައެވެ. ކުޑަ ހަފުލާއަކުން ފުއްދާލެވުނެވެ. ވަޒީފާގެ ގޮތުން ގިނަވަގުތު އަހަންނަށް ގޭގައި ހުރުމުގެ ފުރުސަތެއް ނުލިބެއެވެ. ޒުމުރާ އެކަމާ ޝަކުވާ ކުރެއެވެ. މާލޭގައި އެކަނި އުޅެން ޖެހޭތީއެވެ. އެކަނިވެރިކަން އިހުސާސް ކުރެވޭތީއެވެ. ކައިވެންނަށް ދެ އަހަރު ވީއިރު އަހަރުމެންގެ ދެވަނަ ދަރިފުޅު ލިބުނެވެ. އެހައި ހިސާބުން އަހަރެން ނިންމީ މާލެ ނޫން ތަނަކަށް ދިރިއުޅުން ބަދަލުކުރާށެވެ. މާލެ ކައިރި ރަށަކަށް ބަދަލުވީމެވެ. ހުރިހާ ކޮޅަކަށް ވެސް ވިސްނައިފައެވެ.
ސިހިފައި އަހަންނަށް ބަލައިލެވުނެވެ. ފޯނުގެ ރަނގަބީލުވާން ފެށުމުންނެވެ. އެއާއެކު ފުން ނޭވާއެއް ދޫކޮށްލެވުނެވެ. މިހުރިހާ އިރު މި ކުރެހުނީ މާޒީގެ ތަސްވީރުތަކެވެ. އޭރު ވެސް ބޮލުތެރޭގައި އެނބުރެމުން ދިޔައީ ޒުމުރާ ދެއްކި ވާހަކަތަކެވެ. މަޑުމަޑުން އުނދޯލިން ތެދުވެލީމެވެ. ދެ ލޯ ފޮހެލުމަށްފަހު ޖީބުން ފޯނު ނަގައި ބަލައިލީމެވެ. އެ ގުޅަނީ ޒުމުރާއެވެ.
"ރިޒާ ދެން އަހަންނަކަށް މިކަމެއް ނުވާނެ،" ޒުމުރާ ބާރުބާރަށް ވާހަކަދެއްކިއެވެ. "އާނ! ރިޒާއަށް ހީވާނީ މީ ވަރަށް ފަސޭހަ ކަމެކޭ."
"ކިހިނެއްތަވީ؟" ލަސްލަހުން އަހަރެން އަހައިލީމެވެ.
"އަހަންނަށް ވެސް ބުނެވިދާނެ އަރާމު ބޯޓެއްގައި ކަނޑުމަތީގައި ކުރަނީ ކޮންކަމެއްހޭ؟ ކައިކައިގެން ނިދުން ނޫން ކަމެއް ނޯންނާނޭ. އެކަމަކު ރިޒާއަށް އެނގޭނީ ރިޒާ ކުރާ ކަމެއް ވެސް،" ޒުމުރާ ހިތްހަމަ ނުޖެހިފައި ހުރެ ވާހަކަދެއްކިއެވެ. "ހަމަ އެގޮތަށް ރިޒާ ހިތަށް އަރާނެ ގޭތެރޭގަ ދެ ކުދިން ގޮވައިގެން އިނދެލުމަކީ އެއީ ދެން ބޮޑު ކަމެއްހޭ؟ އެއީ ދުނިޔެ ފުރޮޅައިލުންހޭ؟ އަތުން ފައިން ކަމެއް ކުރާނީއެއް ނޫނެއް ނޫންހޭ! ކުރަން ޖެހޭނެހާ ވެސް ކަމަކީ ކުދިން ބެލުމެއް ނޫންހޭ."
"އަހަރެން އެހެން ބުނޭތަ؟" އަހަރެން ބުނެލީމެވެ.
"އެހެން ނަމަ، ބީރައްޓެހި ރަށަކަށް ގެނެސް އަހަރެން އެއްލައިލައިފަ ރިޒާ ތިހެން ކަންތައް ކުރާނެތަ؟" ޒުމުރާ ހިތްހަމަ ނުޖެހުން އިތުރުވަމުން ދިޔައެވެ.
"ދެން އަހަރެން ކިހިނެއްތަ ހަދަންވީ؟" ދޭނެ ޖަވާބެއް ނޭނގުމުން އަހަރެން ބުނެލީމެވެ.
އަހަރެން ހީކުރީ ޒުމުރާ ހުއްޓައިލާނެ ކަމަށެވެ. އަހަރެން އެހެން ބުނެފި ނަމަ އޭނާ ހަތިޔާރު ބަހައްޓާތީއެވެ. އޭނާ ގޮތް ދޫކުރާތީއެވެ. ނަމަވެސް، އޭނާ ގާތަށް އައީ ރުޅިއެވެ.
"ކޮންމެ ފަހަރަކު އަހަރެން އަނގަ ބަންދުކޮށްލަން ރިޒާ ބުނާ ވާހަކައަކީ ތިއެއްނު."
"އަހަރެން އެހެން ބުނެފިތަ؟"
"މަށަކަށް ނޭނގެ. ރިޒާ ވެސް ދިރިއުޅުމާ މެދު ނުވިސްނާ ވަރަކުން މަށެއް ވެސް ވިސްނާކަށް ނޫޅެން. ދިރިއުޅުމަކީ ވަކި އަހަރެންގެ އެކަނި ކަމެއް ނޫން. ދަރިންނަކީ ވެސް އަހަރެންގެ އެކަނި ޒިންމާއެއް ނޫން،" ޒުމުރާ ފުން ނޭވާއެއް ދޫކޮށްލި އަޑު އިވުނެވެ. "ދެ އަހަރު ވެއްޖެ މި ޝަކުވާއެއް ކުރާތާ. ރިޒާއަކަށް އަހަރެން މުހިއްމެއް ނުވި. އަހަރެން ދައްކާ ވާހަކައެއް އަޑެއް ނޭހި."
"ޒުމޫ. އިހަށް ހަމަޖެހިބަލަ." އަހަރެން އުޅުނީ ޒުމުރާ ހަމައަކަށް އެޅުވޭތޯއެވެ.
"ދެން ރިޒާ ބޭނުންކަމެއް ކުރޭ! މަ ނުހުންނާނަން ހަމެޖެހިގެންނެއް. މަ ވެސް ހިނގާނީ ދެން ރިޒާ ހިނގާ މަގުން." ޒުމުރާގެ އަޑު ފަނޑުވަމުން ދިޔައެވެ.
އޭނާގެ އަޑުގައި މަޑުމަޑު ގިސްލުމެއް އުފެދެމުން ދިޔަކަން ފާހަގަވަމުން ދިޔައެވެ.
"އަހަރެން... އަހަރެން ކިތައް ރޭ ނުނިދިފަ މި އިންނަނީ... ކިތައް ދުވަހު ކައި އެތިކޮޅެއް އަރުތެރެއަށް ނުލެވިފަ މި އިންނަނީ. ހަމަޖެހިލައިގެން ފެންވަރައި ނުލައި އުޅޭތާ ކިތައް ދުވަސް،" ޒުމުރާއަށް ގިސްލެވެން ފެށިއެވެ. "ދަރިންގެ ކަންތައް ކޮށް ނިމޭއިރު، އަހަރެން މި ހުންނަނީ ވަރުބަލި ވެގެން ވެއްޓޭ ވަރުވެފަ. އެކަނިމާ އެކަނި އުޅެން ޖެހުމުން އަހަރެން މިހުންނަނީ ނަފުސާނީ ގޮތުން ބަލިވެފަ."
"ޒުމޫ އަހަންނަށް ވިސްނެޔޭ." އަހަރެން މަޑުމަޑުން ބުނެލީމެވެ.
"އާނ! ވިސްނޭނެ. ވަރަށް ވިސްނޭނެ. ވަރަށް ވިސްނޭ ކަމަށް ހަދާނެ،" ހަރުކަށީ ރާގެއްގައި ޒުމުރާ ބާރުބާރަށް ވާހަކަދައްކަން ފެށިއެވެ. "ރިޒާ ބޭނުން ވަނީ ރިޒާގެ ދަރިންނަށް ވެސް ރިޒާއަށް މައިންބަފައިންގެ ލޯބި ނުލިބުނީތީ އެ ލޯބި ނުދެންތަ؟"
ޒުމުރާ ޖެހީ އަހަރެންގެ ހިތުގައެވެ. އޭނާގެ ލަފުޒުތަކުން އަހަރެންގެ ހިތް ތޮރުފިގެން ދިޔައެވެ. ލޮލު ކުރި މައްޗަށް މަންޒަރުތައް ސިފަވެގެން ދިޔައެވެ. ބުނަންވީ އެއްޗެއް ނޭނގިފައި ހުރެވުނީއެވެ. ދެ ފަހަރަކު ޒުމުރާ ގޮވައިލިއެވެ. ނަމަވެސް ބުނަންވީ ވާހަކައެއް ސިކުނޑިއަކަށް ނައެވެ.
"އަހަރެން އެހެން ބުނެފިތަ؟" ބޭއިޚްތިޔާރުގައި އަހަންނަށް ވާހަކަދެއްކުނެވެ.
"ރިޒާއަކަށް ނުވިސްނޭނެ. ކުދިން އެކުރާ ޝަކުވާ. ކުދިން އެ އުޅޭ ގޮތެއް. ބައްޕަ ދުނިޔޭގައި ހުރެ ބައްޕައެއްގެ ލޯބި ނުލިބުމުން ކުދިންނަށް އެ ލިބޭ މާޔޫސްކަން. އެކަނިވެރިކަން،" ޒުމުރާގެ އަޑު ބަދަލުވިއެވެ. "ފިރިމީހާ ހުރެމެ، ފިރިއެއްގެ ލޯބިން މަހުރޫމުވުމުން އަނތްބަކަށް ކުރާނެ އަސަރު. އަޅާނެ ވޭން. ޑިއުޓީގައި ސައުވީސް ގަޑީއިރު، ޗުއްޓީއެއް ނުނަގާ ތިހެން އުޅުނީމަ ލިބޭ ޕްރޮމޯޝަން ރިޒާއަށް މާ މުހިއްމު. މަ މީ އެއްވެސް މީހެއް ނޫން. ޕްރޯމޯޝަން ހިފައިގެން ރިޒާ ރިޒާގެ ގޮތުގައި ހުރޭ."
ޒުމުރާ ފޯނު ކަނޑައިލިއެވެ. އަހަރެން ގުޅަން ވެސް ހިތަށް އެރިއެވެ. ދެވަނަ ސިކުންތުގައި ޚިޔާލު ބަދަލުވީއެވެ. ޒުމުރާގެ އެންމެ ފަހު ޖުމުލަ ބޮލު ތެރެއިން ތަކުރާރުވާން ފެށިއެވެ. ޒުމުރާގެ ވާހަކަތަކުން އެކި ޖުމުލަ އެކިފަހަރު އިވެންފެށީއެވެ.
އަހަންނަށް ބޮލުގައި އަތް އަޅައިލެވުނެވެ. ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އަނެއްކާ ވެސް ބޯދަށަށް އަތްލައިގެން ޖޯލީގައި ހަމަޖެހިލީމެވެ. ދިޔަރެސް މަތީގައި ދުވެ އުޅޭ ކަކުނި ތަކުގެ ހަރަކާތްތަކަށް ބަލަން އޮވެވުނެވެ. އެ ސޮރުމެން އެކުގައި އުޅޭގޮތެވެ. ރާޅާއެކު އެއްގަމަށް އަރާ މަންޒަރެވެ. އެއީ ކިހައި ހިތްގައިމު މަންޒަރެއް ހެއްޔެވެ؟ ކިހާ އުފާވެރި ހަރަކާތްތަކެއް ހެއްޔެވެ؟
އަހަންނަށް ބަލައިލެވުނީ އޮރެންޖު ކުލައިގެ ބައްޓަމަށް ދިއްލިފައިވާ ހަނދަށެވެ. ފެނުން މައްޗަށް ހަނދު އަރަމުންދާއިރު، މޫދުގެ ކުލަތަކުން އެ ވިދައިލާ ވިދުންތަކަށެވެ. ކަޅު އަނދިރިކަން ގެއްލި ދިއްލެމުންދާ ޖައްވަށެވެ. މިއީ ކިހާ ހިތްގައިމު ވަގުތެއް ހެއްޔެވެ؟ ހިތްގައިމު ވަގުތަކީ އަބަދު އަންނަ ވަގުތެއް ނޫނެވެ. ކޮންމެ ކަޅު އަނދިރިކަމެއްގެ ފަހަތުގައި އަލިކަމެއް ވާނޭ މީހުން ބުނެއުޅެއެވެ. އަހަންނަށް ވިސްނެމުން ދިޔައީ އެ ވާހަކަތަކާ މެދުގައެވެ. ހަޔާތުގެ ހަނދާންތައް ގުޅުވުނީ އެ މަންޒަރާއެވެ.
ބޮލަށް އަރައިފައި ހުރި ބާރު ގަނޑުގެ އަދަބު ލިބުނީ ޖީބުގައި އޮތް ސިނގިރޭޓު ފޮށްޓަށެވެ. ފަހަރަކު ސިނގިރޭޓެއް ހުލިކޮށްލެވުނީ ބޮލަށް ލުޔެއް ލިބޭތޯއެވެ. ނަމަވެސް، ވީކަމެއް ނެތެވެ. ބޮލަށް ހީވީ ފަރުބަދައެއް އަރުވަމުން ދިޔަހެންނެވެ. އިރު އިރުކޮޅާ ބަރުވަނީއެވެ. ފޮށީގައި އޮތް އެންމެ ފަހު ސިނގިރޭޓު ނެގީމެވެ. ސިނގިރޭޓަށް ބަލައިލެވުނެވެ. ފާޑަކަށް ރުޅި އާދެވުނެވެ. ސިނގިރޭޓު ހޫރައިލެވުނެވެ.
އަނެއްކާ ވެސް ފޯނު ރަނގަބީލުވާ އަޑު އިވުނެވެ. ޒުމުރާ ގުޅަނީކަމަށް ހީކޮށް ފޯނު ނުނަގާ މަޑުކޮށްލީމެވެ. ދެވަނަ ފަހަރަށް ގުޅުމުން ބަލައިލީމެވެ. އަވަސް އަވަހަށް ފޯނު ނެގީމެވެ.
"ރިޒާ އަދި އެއްފަހަރު ވިސްނައިލަންވީ ނޫންތޯ؟" ވާހަކަދެއްކީ އަހަރެންގެ ޑިޕާޓުމަންޓުގެ އިސްވެރިޔާ، ފަރުހަތެވެ.
"ސަރ. އަޅުގަނޑު ވަރަށް ވިސްނައިފިން،" އަހަރެން ލަސްލަހުން ބުނެލީމެވެ. "މި ވަގުތަށް އެންމެ ރަނގަޅު ގޮތެއް ކަމަށް ފެނުނީ މިގޮތް."
"ރިޒާ ކަހަލަ އިހުލާސްތެރި، ޚިދުމަތަށް ސާބިތު، މަސައްކަތަށް ފަރުވާތެރި މީހަކު މި ޒަމާނުގައި ވަރަށް މަދުވާނެ،" ފަރުހަތު ބުނެލިއެވެ. "އަޅުގަނޑަށް އަދި ފެނޭ ފުންކޮށް ވިސްނައިލަން."
"ސަރ. މި މިވަގުތަށް އަޅުގަނޑަށް އެންމެ ރަނގަޅު ގޮތްކަމަށް ފެންނަނީ މިގޮތް. ދިރިއުޅުމުގެ ތަޖުރިބާއަކީ ތަފާތު ތަޖުރިބާއެއް. ބައެއް ފަހަރު އަޅަން ބޭނުންނުވާ ފިޔަވަޅު ވެސް އަޅައިގެން ކުރިއަށް ދެވޭނީ." ލަސްލަހުން ބުނެލީމެވެ.
"އެންމެ ރަނގަޅު. އަޅުގަނޑު މިހެން މި ދެންނެވީ ތިޔަ ފަދަ ޚިދުމަތްތެރިއަކު ދާއިރާ ދޫކޮށްލައްވަން ވިސްނެވީތީ،" ފަރުހަތުގެ އަޑުގައި ހުރީ މާޔޫސްކަމުގެ އަސަރެވެ. "ދެން ކުރާނެ ކަމެއް ނެތް، ރިޒާ ބޭނުންވާ ގޮތެއް! ފެށޭ ހަފުތާއިން ފެށިގެން ހުރިހާ ކަމެއް ހަމަޖެހޭނެ. މާލެ ދުރުވެ އަޅުގަނޑާ ބައްދަލުކޮށްލައްވާ."
ފޯނު ކޯލު ނިންމާލުމަށްފަހު ފޯނަށް ބަލައިލީމެވެ. ފަރުހަތުގެ ވާހަކަތައް ކަންފަތުގައި ތަކުރާރުވަމުން ދިޔައެވެ. އެންމެ ލޯބިވި ދާއިރާ ދޫކޮށްލަން މި ނިންމީ ވެސް އަހަރެން އަމިއްލަ އަށެވެ. ވިސްނައިލެވުނެވެ. ފުންކޮށް ވިސްނައިލީމެވެ. އަހަންނަކީ ތަފާތު މީހެކެވެ. ކޮންމެ ކަމެއްގައި ވެސް އަހަރެން ކުރިމަތިލާން ޖެހެނީ އިމްތިހާނުތަކަކާއެވެ. އެންމެ ތުއްތުއިރުން ފެށިގެން މިއަދާ ހަމައަށް ވެސް ކުރިއަށް މި ދަނީ ފަހަތަށް ވެސް ފިޔަވަޅު އަޅަމުންނެވެ.
ބަލާ މީހުންނަށް ހީވަނީ އަހަރެން ގަސްތުގައި ފަހަތަށް ފިޔަވަޅު އަޅާހެންނެވެ. ނަމަވެސް ހަގީގަތަކީ ފަހަތަށް އަޅާ ކޮންމެ ފިޔަވަޅެއްގެ ސަބަބުން އަހަންނަށް ކުރިއަށް ދެމިގަނެވޭކަމެވެ. ރަށުން ފިލައިގެން އަހަރެން އައީ އެންމެ ލޯބިވީ މަންމައާއި އަހަރެންގެ މަސް އެ ރަށެއްގައި ވަޅުލި ރަށް ދޫކޮށްލައިފައެވެ. އެހަނދާންތައް ކަފުންކޮށްފައެވެ. މޮޅެއް ލިބެން އޮތްކަމަށް ބަލައިގެންނެއް ނޫނެވެ. އުއްމީދެއް އޮވެގެންނެއް ވެސް ނޫނެވެ. ހަމައެކަނި އެންމެ ބޭނުމަކަށެވެ. ދިރިހުންނަން ބޭނުންވީތީއެވެ. ސަލާމަތް ވާން އޮތް މަގަކީ އެއީ ކަމަށް ވިސްނުނީތީއެވެ. އެކަމަކު އެއީ ކުރިއަށް އެޅުނު ފިޔަވަޅެކެވެ. ކުރިއަށް ދިޔުމަށް ކޮށުނު މަގެކެވެ.
ބައިސްކަލުގަނޑު ހޫރައިލުމަށްފަހު ދުވެފިލީ ބައްޕައާއެވެ. މަގުތަކުގައި ދުވުނީ މާޒީއަށް ނުބަލާށެވެ. އެދުވަހު ވެސް އަހަންނަށް ދެވެނީ ކުރި އަށެވެ. މިއަދު އަހަންނަށް މި ހިސާބަށް މި އާދެވުނީ ފަހަތަށް އެޅި ފިޔަވަޅުތަކުން ހިތްވަރު ލިބިގެންނެވެ. މުނާސަބު ވަގުތުގައި ފަހަތަށް އަޅާ ކޮންމެ ފިޔަވަޅަކުން ތިމާގެ އަގު އުފުލިގެން ދާނޭ ބުނާ ބުނުމުން އުފާހޯދަމުންނެވެ. އެ ހިތްވަރު ލިބިގެންނެވެ.
މިއަދު މިއަޅަނީ ވެސް އެކަހަލަ ފިޔަވަޅެކެވެ. އަހަރެންގެ ދިރިއުޅުމަށް ޓަކައެވެ. ދިރިއުޅުން ކާމިޔާބު ކުރުމަށް ޓަކައެވެ. ޒުމުރާގެ ޝަކުވާތައް ހުއްޓޭނީ ދަރިންނަށް ބައްޕައެއްގެ ލޯބި ވެސް ދީގެންނެވެ. ބައްޕައެއް ހުރުމާ ބައްޕައެއްގެ ލޯބި ދިނުމާ ތަފާތު ވާނެއެވެ. އަހަރެން މި ފަށަނީ އަހަންނަށް ނުލިބުނު އާއިލީ ލޯބި އަހަރެންގެ ދަރިންނަށް ހޯދައި ދިނުމަށް ފަށާ ދަތުރެވެ. ވަޒީފާ ދޫކޮށްލައި އާއިލާ ގާތަށް ދިޔުމުގެ ދަތުރެވެ. އެ ދުވަހު ރަށް ދޫކޮށްލައި، އާއިލާ ދޫކޮށްލީ އަހަންނަކީ ހޮވި ކުއްޖަކަށް ވީތީއެވެ. ނަމަވެސް، މިއަދު އަހަރެންގެ ހުރިހާ ކަމެއް ދޫކޮށްލުމަށް ފަހު މި ދަނީ އާއިލާއަށް ޓަކައެވެ. އާއިލީ ލޯބި ދަރިންނަށް ހޯދައި ދިނުމަށް ޓަކައެވެ. މިއީ ހަގީގީ ވާހަކައެއްކަން ގަބޫލު ނުކުރާ މީހުން ވެސް ތިބޭނެ ކަމަށް ވިސްނައިގެންނެވެ. (ނިމުނީ)