ތެހްރާން (ރޮއިޓާސް): ނިއުކްލިއާ އެއްބަސް ވުމުގެ އިތުރުން އެމެރިކާއާއެކު އެއްވެސް މަޝްވަރާއެއް ނުކުރާނެ ކަމަށް އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ ހާމަނާއީ އިއްޔެ ވިދާޅުވެއްޖެ އެވެ.
"އަހަރެމެން އެމެރިކާއާއެކު ނިއުކްލިއާ މައްސަލައިގާ ވާހަކަ ދެއްކީ ވަކި ސަބަބު ތަކަކާހުރެ. އެމެރިކާއިން އެ ވާހަކަތަކުގައި ކަންކުރީ ރަނގަޅު އުސޫލުތަކެއްގެ މަތީގައި ތިބެ. އެކަމަކު އަހަރެމެން އެމީހުންނާއެކު އިތުރު އެއްވެސް މައްސަލައެއްގައި މަޝްވަރާއެއް ނުކުރަން. އަދި ނުވެސް ކުރާނަން." ހާމަނާއީ ގެ ރަސްމީ ވެބްސައިޓުގައި އޭނާ ވިދާޅުވެފައިވެއެވެ.
ހާމަނާއީގެ މިވާހަކަތައް އީރާނުގެ ރައީސް ހަސަން ރޫހާނީ ގެ ވާހަކައާއި ފުށުއަރައެވެ. އަންގާރަދުވަހު ރައީސް ރޫހަނީ ވިދާޅުވީ ސީރިޔާގެ ދާހިލީ ހަނގުރާމައާއި މެދު އެމެރިކާއާއި މަޝްވަރާ ކުރުމަށް އީރާނުން ތައްޔާރަށް އޮތް ކަމަށެވެ.
ހާމަނާއީގެ ވާހަކަތަކުގައި އޭނާ ވަނީ އެމެރިކާއަށް ބަހުގެ ހަމަލާތަކެއް ވެސް ދީފައެވެ. "އެމެރިކާއިން އީރާނާމެދު އޮތް ދުޝްމަނުކަން ސިއްރެއް ނުކުރޭ. އެމެރިކާގެ ކޮންގްރެސްގައި މިހާރުވެސް އެދަނީ އަހަރެމެންނާ ދެކޮޅަށް ކަންކަން ރަވަމުން ބިލްތައް ފާސް ކުރަމުން. އީރަނާއެކު ބާއްވާ މަޝްވަރާ ތަކަކީ އެމެރިކާއިން އަހަރެމެންގެ މައްޗަށް ބާރު ފޯރުވައި އެމީހުން ބޭނުންވާ ކަންކަން ހާސލު ކުރުމަށް ބޭނުން ކުރާ ހަތިޔާރެއް."
އެމެރިކާއިން އީރާނާއެކު ވެފައިވާ އެއްބަސް ވުމާއެކު، ދުނިޔޭގެ ވަރަށް ގިނަ ޑިޕްލޮމެޓުން ވަނީ އީރާނަށް ޒިޔާރަތް ކޮއްފައެވެ. މިއީ ވަރަށް ޒަމާނު ބައިނަލްއަގްވާމީ މުޖްތަމައު އިން އެކަހެރި ކޮއްފައި އޮތް އީރާނާމެދު ދެކޭ ގޮތް ބަދަލުވަމުން އަންނަ ކަމުގެ ހެއްކެކެވެ.