އޮފްބީޓް

ހޭލުންތެރިކުރުވަން އިންޑިއާ ފުލުހުން ލަވަ ކިޔައިދެނީ

އިންޑިޔާ 21 ދުވަހުގެ ލޮކްޑައުން އަކަށް ގޮސްފައިވާއިރު ބަސް ގަބޫލު ނުކޮށް މަގުމަތީގައި ގިނަ އަދަދެއްގެ މީހުން އުޅޭ މައްސަލަ ވަނީ ވަރަށް ބޮޑުވެފަ އެވެ. ބައެއް ފުލުހުން މިފަދަ މީޙުންނަށް ދަނޑިބުރިން ހަމަލާދީ ވަރަށް އަނިޔާ ކުރާއިރު މަހަރަޝްތުރާގެ ފުލުހަކު ޚިޔާރު ކުރީ މިއާ މުޅީން ތަފާތު އުކުޅެކެވެ.

ބޮޑު މަގެއްގެ މެދުގައި މައިކެއް ހިފައިގެން ހުރެގެން އޭނާ މީހުން ގެޔަށް ދިއުމަށް އެދި ކިޔަނީ ވަރަށް މާނައިން ފުރިފައިވާ އަސަރުގަދަ ވަތަނީ ލަވަ އެކެވެ. "ޒިންދަނީ މައުތު ނާ ބަންޖާއޭ ޔާރޯ" -- ދިރިއުޅުން މަރަށް ބަދަލުވިޔަ ނުދޭށޭ، ސަމާލުވާށޭ، އެކުވެރިންނޭ -- އެވެ.

މިއީ ފިލްމު "ސަރްފަރޯޝް" އަށް އާމިރު ޚާން ތަމްސީލް ކޮށްދީފައިވާ ލަވަ އެކެވެ.

މި ފުލުސް މީހާ ލަވަކިޔާ މަންޒަރު ފެންނަ ވީޑިއޯއެއް މީހަކު ވަނީ ސޯޝަލް މީޑިއާގައި ޓުވީޓްކޮށްފަ އެވެ. މި ވީޑިއޯއިން ފެންނަނީ ހަ ފުލުހުން އެކުލެވޭ ޓީމެއް މަގުމަތި ބެލެހެއްޓުމުގެ މަސައްކަތް ކުރަމުންދާ ތަނެވެ. މިއީ މާލެގާއޮން ކިޔާ ސަރަހައްދެއްގައި ނަގާފައިވާ ވީޑިއޯ އެކެވެ. ވީޑިއޯގައި ފެންނަނީ މާސްކް އަޅައިގެން ތިބި ފުލުހުންގެ ތެރެއިން އެކަކު މައިކްރޯފޯނުން ލަވަ ކިޔަމުންދާ މަންޒަރެވެ.

އިންޑިޔާގައި ކޮރޯނާވައިރަސް ޖެހިފައިވާ އެންމެ ގިނަ މީހުން ތިބީ މަހަރަޝްތުރާ ސްޓޭޓުގަ އެވެ.

ހަމަ މިފަދަ ހާދިސާއެއް ބެންގަލޫރޫގައި ވެސް ހިނގާފައި ވެއެވެ. މި ވީޑިއޯގައި ފެންނަނީ ސާރާ ފާތިމާ ކިޔާ އަންހެން ފުލުހަކު މީހުން ހޭލުންތެރިކުރުވުމުގެ ގޮތުން ލަވަ ކިޔައިދޭ ތަނެވެ. އެ ލަވައިގައި އޭނާ ކިޔަނީ ފޭސް މާސްކް އެޅުމާއި ސެނެޓައިޒާ ބޭނުންކުރުމުގެ މުހިއްމުކަމުގެ ވާހަކަ އެވެ. ފާތިމާ އަކީ ބެންގަލޫރު އީސްޓްގެ އެސިސްޓެންޓް ކޮމިޝަނަރާ އޮފް ޕޮލިސް އެވެ.