ދުނިޔެ

"މީގެ 25 އަހަރު ފަހުން އިޒްރޭލެއް ނޯންނާނެ"

Sep 11, 2015

ފަންސަވީސް އަހަރުގެ ވާހަކައިން ހާމަނާއީ އެ އިޝާރާތް ކުރައްވަނީ ދުނިޔޭގެ ފަސް އަސްކަރީ ބާރާއެކު އެކު އެމެރިކާ އިސްވެ އޮވެ އީރާނާއެކު ހަދާފައިވާ ނިއުކްލިއާ އެއްބަސް ވުމުގެ ބައެއް ބައިތަށް ފަންސަވީށް އަހަރަށް ދެމިގެންދާތީ އެކަމަށެވެ.

"ކަލާންގެ އިރާދަފުޅުން ޒަޔަނިސްޓުންގެ ވެރިކަމެއް ކުރިއަށް އޮތް ފަންސަވީސް އަހަރު ނިމޭއިރަކު ނޯންނާނެ. އެދުވަސް އަންނަންދެން، އުނދަގުލުގައި ތިބި ޖިހާދީ ވިސްނުމުގެ ބަތަލުން ޒަޔަނިސްޓުންނަށް ހަމަޖެހިލައިގެން ތިބެވުނަކަ ނުދޭނެ." ހާމަނާއީ ވިދާޅުވިއެވެ.

ހާމަނާއީގެ ވާހަކަތަކަށް ރައްދު ދެއްވަމުން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ އިޒްރޭލު ނައްތާލާނެ ކަމަށާއި އެމެރިކާއަކީ އެންމެ ބޮޑު ޝައިތާނުކަމަށް ހާމަނާއީ ވަރަށް ސާފުކޮށް ވިދާޅުވެއްޖެ ކަމަށާއި އެކަމަކު އެކަން އެހެން ނުވާނެ ކަމަށެވެ. އަދި އިޒްރޭލަކީ ވަރުގަދަ ގައުމެއް ކަމަށާއި ކުރިއަށް އޮތްތާންގައި އަދިވެސް ވާނީ އިތުރަށް ވަރުގަދަ ކަމަށެވެ. ނަތަންޔާހޫ އިތުރަށް ވިދާޅުވީ، ޒިންމާ އުފުލަން ޖެހޭ ހުރިހާ ގައުމަކުން އީރާނުގެ ރުޅިވެރިކަމާއި ޓެރަރިޒަމް ހުއްޓުވަން ޖެހޭ ކަމަށާއި އެގައުމާއެކު ހަދާފައިވާ ނިއުކްލިއާ ޑީލް ގެ ސަބަބުން އީރާނުގެ ނުރައްކާ ވާނީ އިތުރު ކަމަށެވެ.

ހާމަނާއި ވަނީ އެމެރިކާއާއި އެކު ނިއުކްލިއާ ޑީލްގެ ބޭރުން އެއްވެސް މަޝްވަރާއެއް ނުކުރާނެ ކަމަށާއި، އެމެރިކާއިން އީރާނާއެކު މަޝްވަރާ ކުރަނީ އީރާންގެ މައްޗަށް ބާރު ފޯރުވާނެ ގޮތެއް ހޯދަން ކަމަށް ބުނެ އެމެރިކާއަށް ވެސް ފާޑުކިޔާފައެވެ. ހާމަނާއީގެ ކުރިން ރޫހީ ލީޑަރަކަށް ހުންނެވި ހުމޭނީ އެމެރިކާއަށް ނިސްބަތްކޮށް މުޅިންވެސް ކިޔާ އުޅުނީ "ބޮޑު ޝައިތާނެވެ،"

"ބައެއް މީހުން އުޅެނީ މި ބޮޑް ޝައިތާނު، އަހަރެމެން ސަލާމަތްކޮއްދޭނެ މަލާއިކަތެއްގެ ގޮތުގައި އަހަރެމެންނަށް ދައްކުވައިދޭން. އެކަމަކު އަހަރެމެން ކުރިން ވެސް މި ޝައިތާނު އަހަރެމެންގެ ގައުމުން ބޭރުކުރިން. އަހަރެމެން ބޮޑު ދޮރުން ބޭރުކޮއްލީމާ އެނބުރި އައިސް ކުޑަދޮރުން ވަދެ އަހަރެމެންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ދީގެންނުވާނެ." ހާމަނާއީ ވިދާޅުވިއެވެ.

އީރާނުގެ ރައީސާއި އަޅާބަލާއިރު ރޫހީ ލީޑަރަކީ ހަރުކަށި ހިޔާލުގެ ބޭފުޅެކެވެ. ހާމަނާއީ އީރާނުގެ ނިއުކްލިއާ އެއްބަސް ވުމާމެދު ވެސް އެހާ ހިއްހަމައެއް ނުޖެހެއެވެ. އަދި އެމެރިކާގެ މަގްސަދާމެދު ޝައްކު ކުރައްވައި ސުވާލު އުފައްދަވައެވެ. އިޒްރޭލާއި އެމެރިކާގެ ރިޕަބްލިކަން ޕާޓީން ވެސް މި ޑީލާއި ވަރަށް ދެކޮޅެވެ.