މައިކްރޮސޮފްޓް ޓީމް އެޕްލިކޭޝަން މެދުވެރިކޮށް އޮންލައިންކޮށް ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ މައުލުމާތުތައް ކޮމަންވެލްތު ޕާލިމެންޓަރީ އެސޯޝިއޭޝަނާއި އިންޓަ ޕާލިމެންޓަރީ ޔުނިއަން (އައިޕީޔޫ) އާ ހިއްސާ ކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ދެ ޖަމިއްޔާއަށް ވަކިވަކިން ފޮނުއްވި ސިޓީފުޅުތަކުގައި، ކޮވިޑް-19ގެ ނުރައްކަލާ ގުޅިގެން އެ ކަމުން ރައްކާތެރިވުމަށް ދިވެހި ސަރުކާރުން އަޅާފައިވާ މުހިންމު ފިޔަވަޅުތަށް ބަޔާން ކުރައްވާފައިވެ އެވެ.
އެ ގޮތުން މަޖިލީހުގެ މަސައްކަތްތައް އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމާފައި ވަނީ ވެސް ސަރުކާރުން އަޅާފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށް އެ ސިޓީގައި ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ. ސަރުކާރުން ބޭނުންވާ އެހީ ފޯރުކޮށްދިނުމަށް މަޖިލީހުން އަބަދުވެސް ތައްޔާރަށް ތިބޭނެ ކަމަށާއި ދާއިރާތަކުގެ ކަންބޮޑުވުންތައް އަޑުއަހާ މައްސަލަތަކަށް މަޖިލީހުން ހޯދަން މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.
އެ ސިޓީގައި ނަޝީދު ވިދާޅުވެފައިވާ ގޮތުގައި މި ބަލިމަޑުކަމުގެ ހާލަތުގައި ވެސް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ދާނެ އެވެ. ރާއްޖޭން ހުރިހާ ގައުމުތަކަށް ވެސް އެދެނީ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންގޮސް ގުޅިގެން އެ ބަލިން އަރައިގަތުމަށް ކަމަށް ނަޝީދުގެ ސިޓީފުޅުގައިވެ އެވެ.
ވެބް ކޮންފެރެންސް މެދުވެރިކޮށް ރާއްޖޭގެ މަޖިލީހުގެ މަސައްކަތް ފެށިއިރު މިއީ ދުނިޔޭގައި ވެސް އޮންލައިންކޮށް މަޖިލީހެއްގެ ޖަލްސާތައް ބޭއްވި ފުރަތަމަ ފަހަރެވެ. އެ ކަން ދަނީ ބޭރުގެ ގިނަ މީޑިއާތަކުގައި ވެސް ރިޕޯޓް ކުރެވެމުންނެވެ.