ކޮވިޑް19 އަށް މިހާތަނަށް ޕޮޒިޓިވްވެފައިވާ ދިވެހިންގެ ތެރެއިން ދެ މީހަކު ކުރިން އެއް ކޮޓަރިއެއްގައި ތިބީ ތިމާގެ ކަމުގެ ގުޅުން އޮތުމުން ކަމަށް ސަރުކާރުން ބުނެފި އެވެ.
މިހާތަނަށް މި ބައްޔަށް ރާއްޖެއިން ތިން ދިވެހިން ވަނީ ޕޮޒިޓިވްވެފައެވެ. އެއީ އިނގިރޭސިވިލާތުން ރާއްޖެ އައި ދެ މީހުންނެވެ.
އެންމެ ފަހުން މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި ދެ މީހުން ފުރަތަމަ ކަރަންޓީގައި ތިބީ އެއް ކޮޓަރިއެއްގައެވެ. އެތަނުން އެކަކު ކޮވިޑް19 އަށް ޕޮޒިޓިވްވުމުން ދެ މީހުން ވަނީ ދެ ކޮޓަރިއަކަށް ބަދަލުކޮށްފައެވެ. ނަަމަވެސް އަނެއް މީހާވެސް މިއަދު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ.
އެ ދެ މީހުން ކަރަންޓީންގައި އެއް ކޮޓަރިއެއްގައި ބޭތިއްބީ ކީއްވެގެންތޯ ދެންނެވުމުން ސަރުކާރުގެ ތަރުޖަމާން މަބުރޫކް އަޒީޒް މިރޭ ވިދާޅުވީ އެއީ އެ ގައުމަކުން އެއް ފްލައިޓެއްގައި ރާއްޖެ އައި ދެމީހުން ކަމަށެވެ. އަދި އެއީ އާއިލީ ގުޅުން އޮތް ބަޔަކަށްވާތީ އެއް ކޮޓަރީގައި ބޭތިއްބީ ކަމަށެވެ. އެގޮތަށް އެކަން ކުރީ އެދިގެން ކަމަށް ވިދާޅުވިއެވެ.
"...ކޭސް 17 އާ ކޭސް 18 އާ، އެ ދެމީހުން އެއް ޓްރެވަލް ހިސްޓްރީއެއްގައި ރާއްޖެ އައީ. ދެ މީހުންވެސް އެއް ފްލައިޓަކުން ފްލައިކޮށްފައި އެއް ގައުމަކުން އައި ދެ މީހުން. އަދި ތިމާގެ ކަމުގެ ގުޅުންވެސް ހުރި ދެ މީހުން. އެހެންވީމަ އެ ދެ މީހުން އެއް ކޮޓަރިއެއްގައި ތިބީ." މަބުކޫރް ވިދާޅުވިއެވެ.
މަބުރޫކް ވިދާޅުވީ ދެމަފިރިން ނުވަތަ ދަރިފުޅާއެކު ނޫނީ އާއިލީ ގުޅުން އޮތް ބަޔަކަށް އެގޮތަށް އެއްކޮޓަރީގައި ތިބެން ފުރުސަތު ދެނީ ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ކަމަށެވެ.
އިނގިރޭސިވިލާތުން މީގެކުރިން އައިސްފައިވާ ދިވެހިންނާއި އެމީހުން ކޮންޓެކްޓްވި އެންމެން ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އެއީ 50 ވުރެ ގިނަ މީހުން ކަމަށް މަބުރޫކް ވިދާޅުވިއެވެ.
މިހާރު ރާއްޖޭގައި ކޮވިޑް-19 އަށް ފަރުވާދެމުން ދަނީ ތިން ދިވެހިންނަށް އެކަންޏެވެ. ޕޮޒިޓިވްވި 13 ބިދޭސީން ވަނީ ބަލިން ރަނގަޅުވެފަ އެވެ. އެމީހުން މިހާރު ތިބީ 30 ދުވަހު މޮނީޓަރިންގަ އެވެ.