ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ޔޫކޭ އަށް ދަތުރުކުރުމުގައި ދިވެހިންނަށް ލުއި ދީފި

Oct 8, 2021

ރާއްޖޭގައި ކޮވިޑް 19 އިން ރައްކާތެރިވުމަށް ބޭނުންކުރަމުންދާ ތިން ވެކްސިނެއް އިނގިރޭސިވިލާތުން ބަލައިގަނެ ރާއްޖެއިން ވެކްސިން ޖަހާ މީހުންނަށް ކަރަންޓީނު ވާން ނުޖެހޭ ގޮތަށް އިނގިރޭސިވިލާތަށް ދަތުރުކުރުމުގެ ހުއްދަ ދޭން ނިންމައިފި އެވެ.

މި ނިންމުމަށް އަމަލުކުރަން ނިންމާފައިވަނީ އަންނަ ހޯމަ ދުވަހުގެ ފަތިހު 4:00 އިން ފެށިގެންނެވެ.

އިނގިރޭސި ސަރުކާރުން ބަލައިގެންފައިވާ ތިން ވެކްސިނަކީ އިންޑިއާގެ ކޮވިޝީލްޑް ވެކްސިނަކީ ސިންގަޕޫރުގެ އެސްޓްރާޒެނެކާ ވެކްސިންގެ އިތުރުން ޖަރުމަނުގެ ފައިޒާ ވެކްސިނެވެ.

ރާއްޖޭގައި ގިނަ ބަޔަކު ވަނީ ޗައިނާގެ ސިނަފާމް ވެކްސިން ވެސް ޖަހާފަ އެވެ. އެކަމަކު އިނގިރޭސި ސަރުކާރުން ޗައިނާގެ ވެކްސިނާ ގުޅޭ ގޮތުން އަދި ވަކި ނިންމުމެއް ނިންމާފައެއް ނުވެ އެވެ.

ރާއްޖޭގައި ހުންނަ އިނގިރޭސި ސަފީރު ވެސް ވަނީ ރާއްޖޭގައި ބޭނުންކުރާ ތިން ވެކްސިނެއް އިނގިރޭސި ސަރުކާރުން ބަލައިގަނެ ދިވެހިންނަށް ލުއިތަކެއް ދީފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އިނގިރޭސި ސރުކާރުގެ ނިންމުމާ ގުޅިގެން ވެކްސިން ފުރިހަމަ ކޮށްގެން އެ ގައުމަށް ދަތުރުކުރާ ދިވެހިންނަށް ކަރަންޓީނު ވާކަށް ނުޖެހޭނެ އެވެ. އަދި އެގައުމުން ހިދުމަތް ހޯދުމުގައިވެސް ބައެއް ކަހަލަ ފަސޭހަތައް ލިބިގެންދާނެ އެވެ.

އިނގިރޭސީންގެ ނިންމުމަށް ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި ރާއްޖޭގެ ފޮރިން މިނިސްޓަރު އދ. އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ޝާހިދު ވިދާޅުވީ އިނގިރޭސިވިލާތުން ދިވެހިންނަށް ދީފައިވާ ލުއިތަކުގެ ސަބަބުން އެނގިގެން ދަނީ ކޮވިޑުން ރައްކާތެރިވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ގެންގުޅުއްވާ ސިޔާސަތުގެ ހަރުދަނާ ކަމެވެ.

ކޮވިޑްގެ ހާލަތު ގޯސް ގައުމުތައް އިނގިރޭސިވިލާތުން ވަނީ ރެޑް ލިސްޓަށް ލާފަ އެވެ. ނަމަވެސް މިދިޔަ މަހުގެ 22 ވަނަ ދުވަހު އެ ލިސްޓުން ވެސް ރާއްޖޭގެ ނަން ވަނީ އުނިކޮށްފަ އެވެ.

އިނގިރޭސިވިލާތަކީ މިހާރު ރާއްޖެއަށް އައްވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެވެ.