ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މާދަމާ ރާއްޖެ ގެންނަ މީހުން ހޯމް ކަރަންޓީނަށް

މާދަމާ ރާއްޖެ ގެންނަ މީހުންގެ ތެރެއިން ގިނަ ބަޔަކު ހޯމް ކަރަންޓީން ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެންއީއޯސީން ބުނެފި އެވެ.

އެންއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ މާދަމާ ލަންކާއިން 262 ދިވެހިން ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ މީހުންގެ ތެރެއިން 153 މީހުން ގޭގައި ކަރަންޓީންވުމަށް އެދިފައިވާ ކަމަށް މަބުރޫކް ވިދާޅުވިއެވެ.

މަބުރޫކް ވިދާޅުވީ ގޭގައި ކަރަންޓީންވުމަށް އެދުނު މީހުންނަށް އެ ފުރުސަތު ދޭން ނިންމާފައިވާ ކަމަށެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ އެކި ރަށްރަށުގައި ކަރަންޓީންވުމަށް އެދިފައިވާ މީހުންނެވެ. އެގޮތުން 13 އަތޮޅެއްގެ އެކި ރަށްރަށުގައި ކަރަންޓީންވުމަށް އެދިފައިވާ ކަމަށް މަބުރޫކް ވިދާޅުވިއެވެ.

މަބުރޫކް ވިދާޅުވީ ރަށްރަށުގައި ކަރަންޓީވާ މީހުންގެ ދަތުރުފަތުރުގެ ކަންކަން ސިފައިން ހަމަޖައްސާނެ ކަމަށެވެ.

"އެއީ ހަމައެކަނި މާލޭގެ މީހުންނެއް ނޫން، ރާއްޖޭގެ 13 އަތޮޅެއްގައި ކަރަންޓީންވުމަށް ވަނީ އެދިފައި. އެގޮތަށް އެ ދަތުރުތައް އެމްއެންޑީއެފްއިން ކޮށްދެއްވާނެ. އަދި ކުރިއަށްހުރި ފްލައިޓްތަކުގައިވެސް އަމަލުކުރާނީ އެގޮތަށް." މަބުރޫކް ވިދާޅުވިއެވެ.

މީގެ ކުރިން ރާއްޖެ ގެންނަ ހުރިހާ އެންމެން ކަރަންޓީން ކުރަމުންދަނީ ފެސިލިޓީތަކުގައެވެ. މިވަގުތު ކަރަންޓީންގައި ތިބީ 500އެއްހާ މީހުންނެވެ.

މާލޭ ސިޓީގެ ލޮކްޑައުންއާ ގުޅިގެން ރަށްރަށަށް ނުދެވިފައި ތިބި މީހުން ރަށްރަށުގައި ކަރަންޓީނު ކުރުމުގެ އުސޫލެއްވެސް ވަނީ މިހާރު ހަމަޖައްސާފައެވެ.

އެޗްޕީއޭއިން އެކުލަވާލާފައިވާ އުސޫލުގައިވާ ގޮތުން ރަށްރަށުގައި ކަރަންޓީނުވުމަށް ފުރުސަތު ދެވޭނީ ކައުންސިލްގައި އެކަމަށް ރަޖިސްޓްރީވެފައިވާ މީހުންނަށެވެ. އަދި އެމީހުން ކަރަންޓީނުވުމަށް އެދޭ ގެއަކީ ހޯމް ކަރަންޓީނުގެ އުސޫލަށް ފެތޭ ތަނެއްތޯ ކައުންސިލްތަކުން ބަލާނެ ކަމަށެވެ.

އެކަން ކަށަވަރު ކުރުމަށްފަހު، ކައުންސިލުން އެދޭ ތަރުތީބުން ލިސްޓް ލޯކަލް ގަވަރުމެންޓް އޮތޯރިޓީއަށް ފޮނުވައި މީހުން ރަށްރަށަށް ގެންދިޔުމުގެ އިންތިޒާމް ހަމައްސަން ޖެހޭނެ ކަމަށް އުސޫލުގައިވެ އެވެ. ކަރަންޓީނަށް މީހުން ރަށްރަށަށް ގެންދާނީ ސަރުކާރުގެ ހަރަދުގަ އެވެ. އަދި ގޭގައި ކަރަންޓީނުވުމަށް އަންގާނީ 24 ދުވަހަށެވެ.

އެ 24 ދުވަހުގެ ކަރަންޓީނަށްފަހު ކޮވިޑް-19އަށް ޓެސްޓްކޮށް، ނަތީޖާ ނެގެޓިވް ވެއްޖެނަމަ، އެމީހަކު ކަރަންޓީނު ދޫކޮށްލެވޭނެ އެވެ. މިގޮތަށް ގޭގައި ކަރަންޓީނުވުމަށް ރަށްރަށަށް ފޮނުވާނީ ކޮވިޑް-19ގެ އެއްވެސް އަލާމާތެއް ނެތް މީހުންނެވެ.