ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

ޔޫކޭން އަންނަ މީހުން ކަރަންޓީނު ކުރަން ނިންމައިފި

އިނގިރޭސިވިލާތުން ރާއްޖެ އަންނަ މީހުން ކަރަންޓީންވާން ޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ. މި ނިންމުން ނިންމާފައި ވަނީ އިނގިރޭސިވިލާތުން ފެނިގެން އުޅޭ ކޮވިޑްގެ އާ ވައްތަރާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގަ އެވެ.

އިނގިރޭސިވިލާތުގައި ބާރަށް ފެތުރެމުންދާ ކޮވިޑް-19 އިގެ އާ ވެރިއަންޓް، ގައިން ގަޔަށް ފެތުރުމުގެ ދުވެލި 70 ޕަސަންޓް އިތުރު ކަމަށް ސިއްހީ މާހިރުން ވަނީ ވިދާޅުވެފަ އެވެ. މި ބަލީގެ ވޭރިއަންޓް ކޮންޓްރޯލް ނުވާ މިންވަރަށް ފެތުރެމުންދާ ކަމަށް އެ ގައުމުގެ ހެލްތު ސެކްރެޓަރީ މެޓް ހެންކޮކް ވެސް ވިދާޅުވެފައިވާއިރު، ކޮވިޑުގެ އާ ވެރިއަންޓް ޑެންމާކް، އިޓަލީ އަދި ނެދާލަންޑަސް އިން ފެނިފައިވާ ކަމަށް އެ ގައުމު ތަކުން ވަނީ ބުނެފަ އެވެ.

ވަރަށް ގިނަ ގައުމުތަކުން މިހާރު ވަނީ ޔޫކޭއަށް ކުރާ ދަތުރުތައް ހުއްޓާލާ ޔޫކޭއަށް އެ ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށްފައެވެ. ރާއްޖޭގެ ބޯޑަރު ހުޅުވާލާ ޓޫރިޒަމް އަލުން ފަށާފައިވާއިރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރޭގައި ޔޫކޭ ހިމެނެއެވެ.

އެޗްޕީއޭއިން މިރޭ ބުނީ މާދަމާއިން ފެށިގެން ދިވެހިރާއްޖެއަށް އައުމުގެ 14 ދުވަސްކުރިން އިގިރޭސިވިލާތުގައި އުޅެފައިވާ އަދި އެ ގައުމުގައި 12 ގަޑިއިރަށްވުރެ ގިނައިރު ޓްރާންސިޓް ކޮށްފައި އަންނަ ދިވެހިންނާއި ވާކް ވިސާގައި އަންނަ މީހުން 10 ދުވަހުގެ މުއްދަތަށް ގޭގައި ކަރަންޓީނު ކުރާނެ ކަމަށެވެ. އަދި އެ މީހުން ރާއްޖެ އަންނަތާ ފަސް ދުވަހާއި 10 ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓް ހަދާނެ ކަމަށެވެ. އެ ގައުމުން ދެން ރާއްޖެ އާދެވޭނީވެސް 92 ގަޑިއިރުނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއަކާއެކުގައެވެ.

އިނގިރޭސިވިލާތުން އަލަށް ފެނިގެން އުޅޭ ކޮވިޑްގެ އާ ވައްތަރާއި ގުޅިގެން ރިސްކް އެސެސްމަންޓެއް ވަނީ ހަދާފައެވެ. އަދި ރާއްޖެއިން ބައެއް ސާމްޕަލްތައް ބޭރަށް ފޮނުވާ ޖީންސް ސީކުއެންސީން ވަނީ ހަދާފައެވެ.