ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ރާއްޖެއިން ބަންގްލަދޭޝާއި ނޭޕާލަށް ވެކްސިން ހަދިޔާކޮށްފި

ރާއްޖެއިން ބަންގްލަދޭޝާއި ނޭޕާލަށް ކޮވިޑް ވެކްސިން ހަދިޔާކޮށްފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް އަވަސް އަށް ވިދާޅުވީ ރާއްޖެއިން ހަދިޔާކޮށްފައިވަނީ އެސްޓްރަޒެެނެކާ ވެކްސިން ކަމަށެވެ. ބަންގްލަދޭޝާއި ނޭޕާލަށް ކޮންމެ ގައުމަކަށް ދެލައްކަ ޑޯޒް ހަދިޔާކޮށްފައިވާ ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ. ވެކްސިން ހަވާލު ކުރީ އިއްޔެ އެވެ.

މި ދެ ގައުމަށް ވެކްސިން ހަދިޔާކުރުމުން ރާއްޖޭގެ ރައްޔިތުންނަށް ޖެހޭ ވަރަށް ވެކްސިން ހުންނާނެތޯ ސުވާލު ކުރުމުން މަބްރޫކް ވިދާޅުވީ ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީއަށް ވާވަރަށް ހުންނާނެ ކަމަށެވެ. އަދި މިހާރު ވެކްސިން ޖެހޭ އާބާދީގެ ގިނަ މީހުން ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ މިދިޔަ އަހަރުން ފެށިގެން ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖެއަށް ގިނަ ގައުމުތަކަކުން އެހީވެފައިވާ ކަމަށެވެ. އެހެންކަމުން އެހެން ގައުމުތަކަށް ރާއްޖެއިން ވެސް ވެވޭނެ އެހީއެއް ފޯރުކޮށްދޭން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

އަވަސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖެއަށް ހިލޭ އެހީގެ ދަށުން ލިބިފައިވާ އެސްޓްރަޒެެނެކާ ވެކްސިންގެ މުއްދަތު ނޮވެމްބަރު މަހު ހަމަވާނެ އެވެ.

މިހާތަނަށް ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 392،773 މީހުންނެވެ. އަދި ވެކްސިން ފުރިހަމަކޮށްފައިވަނީ 343،149 މީހުންނެވެ.