ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ދަތުރުކުރާ ކުޑަކުދިން ވެސް ކަރަންޓީނު ވާން ޖެހޭނެ: ޑރ. ނަޒްލާ

އުމުރުން 18 އަހަރުން ދަށުގެ ކުޑަކުދިންނަށް ކަރަންޓީނަކާ ނުލައި އަތޮޅުތެރެއަށް ދަތުރު ނުކުރެވޭނެ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމާ ގުޅޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ކަރަންޓީނުވުމެއް ނެތި އަތޮޅުތެރެއަށް ދަތުރު ކުރުމުގެ ހުއްދަ ދީފައި ވަނީ ހަމައެކަނި ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ކަމަށެވެ.

"އެއީ ވެކްސިން ފުރިހަމަކުރުމުން ކޮވިޑުން ކޮންމެވެސް ވަރެއްގެ ރައްކާތެރިކަމެއް ލިބޭތީ ނިންމާފައިވާ ގޮތެއް،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ރާއްޖޭގައި 18 އަހަރުން ދަށުގެ ކުދިންނަށް ވެކްސިން ނުޖަހާކަށް ފާހަގަކުރައްވަމުން ނަޒްލާ ވިދާޅުވީ އެކުދިންނަށް ކަރަންޓީނާ ނުލައި އަތޮޅު ތެރެއަށް ދަތުރު ނުކުރެވޭނެ ކަމަށެވެ. އެއީ އެކުދިންގެ ފަރާތުން ވެސް އެހެން މީހުންނަށް ބަލި ފެތުރުމުގެ ފުރުސަތު އޮތުމުންނެވެ.

ކޮވިޑާ ގުޅިގެން އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް މިއަދު ވަނީ ލުއި ދީފަ އެވެ. އެގޮތުން މާލޭ ސަރަހައްދުގެ ކާފިއު ވަނީ އުވާލާފަ އެވެ. އަދި ވެކްސިން ފުރިހަމަކޮށްފައި ތިބި މީހުންނަށް ކަރަންޓީނު ނުވެ ރަށަށް ދެވޭނެ ގޮތަށް އުސޫލުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.

ކެފޭ ރެސްޓޯރެންޓުތަކުން ޑައިން އިންގެ ހިދުމަތް ރޭގަނޑު 11:30 ވަންދެން ދިނުމުގެ ހުއްދަ ދީފައިވާއިރު ފިހާރަތައް ރޭނގަޑު 10:00 ވަންދެން ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ވަނީ ދީފަ އެވެ. ލުއިތައް ދީފައިވީ ނަމަވެސް އެޗްޕީއޭގެ އާންމު އުސޫލުތަކާ އެކުގައި ތަންތަނުގައި ހިދުމަތް ދިނުމަށް ވަނީ އަންގާފަ އެވެ.