ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ޔޫކޭން ކުރިން އައި 75 މީހުން ނެގެޓިވް

އިނގިރޭސިވިލާތުން މިދިޔަ މަހުގެ 14 އިން 19 އަށް ރާއްޖެ އައި ދިވެހިންނާ އެމީހުން ކޮންޓެކްޓްވި އެންމެން ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް 75 މީހަކު ޓެސްޓްކޮށްފައިވާ ކަމަށާ އެ އެންމެންގެ ނަތީޖާވެސް ނެގެޓިވް ކަމަށް ނޭސަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބުނެފި އެވެ.

އިނގިރޭސިވިލާތުން ރާއްޖެ އައި ހަތަރު ދިވެއްސަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. މި ހަތަރު މީހުން ވެސް ރާއްޖެ އައި ގޮތަށް ތިބީ ކަރަންޓީނު ފެސިލިޓީގަ އެވެ. މިހާރު ރާއްޖެއިން ބޭރުން އަންނަ ކޮންމެ ދިވެއްސަކު ވެސް 14 ދުވަހު ކަރަންޓީނަށް ދާން ޖެހެ އެވެ. އެ ނިންމުން ސަރުކާރުން ނިންމީ މިދިޔަ މަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ.

އެ ފިޔަވަޅު ސަރުކާރުން އެޅުމުގެ ކުރިން ވެސް އިނގިރޭސިވިލާތުން ރާއްޖެއަށް ދިވެހިން އައިސްފައިވެ އެވެ. އިނގިރޭސިވިލާތުން އައި ދިވެހިންތަކެއް ޕޮޒިޓިވްވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެމީހުން ވެސް ޓެސްޓް ކުރުމަށް ނިންމީ ކަމަށް ނޭސަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފައެވެ.

އެ މަސައްކަތުގެ މައުލޫމާތު ހިއްސާކުރަމުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ސަރުކާރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ މިހާތަނަށް 75 މީހުން ޓެސްޓްކޮށްފައިވާ ކަމަށާ އެ އެންމެންގެ ނަތީޖާވެސް ނެގެޓިވް ކަމަށެވެ. އެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށް މަބުރޫކް ވިދާޅުވިއެވެ.

ނަމަވެސް ބާކީ ޓެސްޓްކުރަން ތިބީ ކިހާ އަދަދެއްގެ މީހުންނެއް ކަމަށް ވިދާޅެއްނުވެއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވަނީ 19 މީހުންނެވެ. އޭގެ ތެރޭގައި ހަތަރު ދިވެހިންވެސް ހިމެނެއެވެ. އަދި ރާއްޖެއިން ޕޮޒިޓިވްވި 13 މީހަކު ވަނީ ރަނގަޅުވެފައެވެ.

ބައްޔަށް ފަރުވާ ހޯދަމުންދާ ހަތަރު ދިވެހިން މިވަގުތު ތިބީ ވެލިދޫ ރިސޯޓްގެ ކަރަންޓީން ފެސިލިޓީގައެވެ.