ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކަރަންޓީން ކުރާ މީހުން 14 ދުވަހަށްފަހު ޓެސްޓް ކުރަނީ

ގޭގައި ކަރަންޓީންވާތާ 14 ދުވަސް ފަހުން ޓެސްޓް ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

އެޗްޕީއޭއިން އެކުލަވާލާފައިވާ އުސޫލުގައިވާ ގޮތުން މާލޭ ސިޓީގެ ލޮކްޑައުންއާ ގުޅިގެން ރަށްރަށަށް ނުދެވިފައި ތިބި މީހުން ރަށްރަށުގައި ކަރަންޓީން ވުމަށްފަހު އަދި ބޭރުން އަންނަ ބޭނުން މީހުން 24 ދުވަސް ވަންދެން ގޭގައި ކަރަންޓިންވާން ޖެހެއެވެ.

ނަމަވެސް ޓެގް ޓީމްގެ އެ ނިންމުން މިހާރު ވަނީ ބަދަލުކޮށްފައެވެ. މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ މިހާރު ހަމަޖެހިފައިވާ ގޮތުން 24 ދުވަހު ކަރަންޓީންގައި ތިބެން ނުޖެހޭނެ ކަމަށެވެ.

އަދި 14 ދުވަސް ވުމުން ޕީސީއާރު ޓެސްޓް ހަދާނެ ކަމަށާ ނަތީޖާ ނެގެޓިވްވުމުން އެމީހާ ދޫކޮށްލާނެ ކަމަށެވެ.

"މިހާރު ނިންމާފައިވަނީ 14 ދުވަސް ހަމަވުމުން ޕީސީއާރު ޓެސްޓް ހެދުމަށް. އަދި ޕީސީއާރު ނެގެޓިވްވުމުން އެމީހަކު ދޫކޮށްލުމަށް." މަބުރޫކް ވިދާޅުވިއެވެ.

މަބުރޫކް ވިދާޅުވީ ޕީސީއާރު ޓެސްޓް ހަދާނީ ކަރަންޓީން ކުރާތާ 15 ވަނަ ދުވަހުއެވެ. އަދި އުންމީދު ކުރަނީ 18 ވަނަ ދުވަހުގެ ކުރިން ނަތީޖާ ދީ، އެމީހަކު ދޫކޮށްލުމަށް ކަމަށް ވިދާޅުވިއެވެ.

ގޭގައި ކަރަންޓީނުވުމަށް ރަށްރަށަށް ފޮނުވާނީ ކޮވިޑް-19ގެ އެއްވެސް އަލާމާތެއް ނެތް މީހުންނެވެ. ކަރަންޓީނުވުމަށް އެދޭ ގޭގައި 60 އަހަރުން މަތީގެ މީހެއް، މާބަނޑު މީހެއް ނުވަތަ ކިޑްނީގެ ބަލިތައް، ނޭވާ ހިއްލުން ފަދަ ބަލިތައް ހުންނަ މީހަކު ދިރިއުޅޭ ގެއަކަށްވެގެން ނުވާނެ އެވެ. ކަރަންޓީނު ކުރާ މީހުން ބަހައްޓަން ޖެހޭނީ އެހެން މީހުންނާ ވަކިން ކޮޓަރިއެއްގަ އެވެ.

ކަރަންޓީނު ކުރާ މީހުންނަށް ވަކި ފާހަނާއެއް ވެސް ހުންނަން ޖެހެ އެވެ. އަދި ކަރަންޓީނު ކުރާ މީހުން ބޭނުން ކުރާ ސާމާނު ވެސް ބަހައްޓަން ޖެހޭނީ ވަކިންނެވެ.

މީގެއިތުރުން މީހުން ކަރަންޓީނު ކުރާ ގޭގެއަށް އެއްވެސް މީހަކު ޒިޔާރަތްކޮށްގެން ނުވާނެ އެވެ. އަދި ކަރަންޓީނު ކުރާ ގޭގައި ދިރިއުޅޭ މީހުން، ބަޔަކު ކަރަންޓީނުގައި ތިބޭ މުއްދަތުގައި އެގެއިން ނުކުމެގެން ވެސް ނުވާނެ އެވެ.