ރާއްޖެއިން އިތުރު 1،572 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 40،092 އަށް އަރާފަ އެވެ.
މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 1315 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއަދު ޕޮޒިޓިވި މީހުންގެ ތެރެއިން 242 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓްތަކުން 15 މީހަކު ޕޮޒިޓިވްވެފައިވެއެވެ.
މިއަދު ނަތީޖާ ލިބުނު ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވެފައިވާ ސާމްޕަލްތަކުގެ ތެރޭގައި މީގެ ދެތިން ހަތަރު ދުވަސްކުރިން ނެގި ސާމްޕަލްތައްވެސް ހިމެނެއެވެ. މިދިޔަ ސައުވީސް ގަޑިއިރުތެރޭ ނެގި ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވީ 884 ސާމްޕަލެވެ.
މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 12،873 މީހުންނެވެ. މިހާތަނަށް 27،123 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 263 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.
ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް މަރުވީ 87 މީހަކު މަރުވެފައިވެއެވެ. އިއްޔެވެސް ތިން މީހަކު މަރުވެފައިވެއެވެ. މިދިޔަ ހަތް ދުވަހަކީ ޕޮޒިޓިވް ކޭސްތަކާއި މަރުތަކުގައި ވެސް ރެކޯޑެކެވެ. އެއް ދުވަހު ހަތް މީހަކު މަރުވި އެވެ. އެއީ ބުރާސްފަތި ދުވަހުއެވެ. ހުކުރު ދުވަހު ހަތަރު މީހުން މަރުވިއެވެ.
ހަތް ދުވަހު ޕޮޒިޓިވް ނަންބަރު ހުރި ގޮތް
- މެއި 5 - 743 މީހަކު ޕޮޒިޓިވް
- މެއި 6 - 703 މީހަކު ޕޮޒިޓިވް
- މެއި 7 - 766 މީހަކު ޕޮޒިޓިވް
- މެއި 8 - 509 މީހަކު ޕޮޒިޓިވް
- މެއި 9 - 1091 މީހަކު ޕޮޒިޓިވް
- މެއި 10 - 1204 މީހަކު ޕޮޒިޓިވް
- މެއި 11 - 1501 މީހަކު ޕޮޒިޓިވް
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއްޔެ ބުނީ ކޮވިޑް-19 ގެ ހާލަތުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން މިއަދުން ފެށިގެން މާލެ ސަރަހައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ހަވީރު ހަތަރަކުން ފަތިހު ހަތަރަކާ ދެމެދު ބޭރަށް ނިކުމެ އުޅުން މަނާ ކޮށްފައިވާ ކަމަށެވެ. މިއީ ހަފްތާއެއްގެ މުއްދަތަށް އޮތް އެންގުމެކެވެ.
އަދި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމާއި މެއި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިން ބުއިމުގެ ހިދުމަތް ދިނުން ހުއްޓާލުމަށްވެސް އަންގާފައިވެއެވެ. ނަމަވެސް ޕޮލިސް ޕާމިޓާއެކު މެންދަމު 12 އާއި ހަމައަށް ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށެވެ. އެޗްޕީއޭއިން ބުނީ ޑައިޑްލއިންއާ ހިލާފުވާ ވިޔަފާރިތައް 24 ގަޑިއިރަށް ބަންދު ކުރާނެ ކަމަށެވެ.
ބުރާސްފަތި ދުވަހުން ފެށިގެން ދެކުނު އޭޝިޔާގެ ގައުމުތަކުގެ ޓޫރިސްޓުންނަށް ޓުއަރިސްޓް ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑާލަން ނިންމާފައިވާ ކަމަށްވެސް އެންގުމުގައި ބުނެފައިވެއެވެ.
ގައުމާ މުހާތަބު ކުރައްވާ މިރޭ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްވެސް ވަނީ ކޮވިޑްގެ ހާލަތު ގޯސްވެފައިވާތީ ފިޔަވަޅުތަކަށް ކަމޭހިތުމަށް އިލްތިމާސް ކުރައްވާފައެވެ. ރައީސް ވިދާޅުވީ މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ދިވެހި ރައްޔިތުން ރައްކާތެރިކުރުމަށްޓަކައި އެތައް ދުވަހަކު ވެރިރަށް މާލެ ފުރަބަންދުގައި ބާއްވާ ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް ފަތުރުވެރިކަން މެދުކަނޑައިލެވުުނު ކަމަށާ އޭގެ ސަބަބުން ބަލި ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ދިޔަ ކަމަށެވެ.
ނަމަވެސް އިގްތިސާދަށް ލިބުނު ގެއްލުން އިންތިހާއަށް ބޮޑުވީއިރު ކޮވިޑް-19ގެ ސަބަބުން، ނިސްބަތުން އެންމެ ބޮޑު އިގްތިސާދީ ގެއްލުމެއް ކުރިމަތިވި އެއް ގައުމަކީވެސް ރާއްޖެ ކަމަށެވެ. ހަތަރު މަސްދުވަހުގެ މެދުކެނޑުމަކަށް ފަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައި ފަތުރުވެރިކަން ފަށާފައި ވިޔަސް އަދިވެސް ރާއްޖޭގެ އިގްތިސާދުދު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށާ ބަލި މުޅިން ކޮންޓްރޯލް ނުވިޔަސް ވިޔަފާރިތައް ހުއްޓި އާމްދަނީ ހޯދޭނެ ގޮތެއް ނެތި ރައްޔިތުންގެ ދިރިއުޅުމަށް ކުރިމަތިވި ގޮންޖެހުންތަކާ ގުޅިގެން ދިން ލުއިތަކާއެކު އަނެއްކާވެސް ބަލިފެތުރުން އިތުރުވެފައިވާ ކަމަށެވެ.
"..މިހާރުގެ ހާލަތަށް ބަލާއިރު މި ބައްޔާ ދެކޮޅަށް އަޅުގަނޑުމެން އެންމެންނަށް އެކުގައި މަސައްކަތް ނުކުރެވިއްޖެނަމަ ސިއްހީ ނިޒާމަށް އޮބިނޯންނަ މިންވަރަށް ހާލަތު ގޯސްވެދާނެ. މިބައްޔަށް މިހާރު މީހުން ޕޮޒިޓިވްވާ ނިސްބަތަށް ބަލާއިރު އިތުރު ފިޔަވަޅުތަކެއް އަޅަން މިވަނީ މަޖުބޫރުވެފައި،" ރައީސް ވިދާޅުވިއެވެ.
މިއަދު އަޅަން ފަށާފައިވާ ފިޔަވަޅުތައް ފުރިހަމައަށް ތަންފީޒުކުރުމުގައި ރައްޔިތުންގެ އެއްބާރުލުން އިންތިހާއަށް ބޭނުންވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އަލަށް އެޅި ފިޔަވަޅުތަކަށް ރަނގަޅަށް އަމަލު ނުކޮށްފިނަމަ އިތުރު ފިޔަވަޅުތައް އަޅަންޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި އެފަދަ ފިޔަވަޅުތަކެއް އަޅަން ފަށައިފިއްޔާ މިހާރަށް ވުރެ މާ ގިނަ ދަތިތައް ކުރިމަތިވާނެ ކަމަށް ވިދާޅުވިއެވެ.