މިދިއަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 75 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވުމުން މިއީ ލޮކްޑައުން އަށް ފަހ މިދިއަ ދުވަސްތަކުގައި އެންމެ މަދުން ރާއްޖެއިން މީހުން ކޮވިޑަށް ޕޮޒިޓިވްވި ދުވަސް ކަމަށް ވެއްޖެ އެވެ.
މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނީ ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 72 މީހުނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުން ކަމަށެވެ. އަނެއް ތިން މީހުނަކީ އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވް ވެފައިވާ މީހުނެވެ.
އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭ 22 ދިވެހިން ހިމެނެ އެވެ. ދެން ހިމެނެނީ 53 ބިދޭސީންނެވެ. މިދިޔަ 24 ގަޑިއިރު ޓެސްޓްކޮށްފައި ވަނީ 1،204 ސާމްޕަލެވެ.
މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ އަދަދު ވަނީ 9,724 އަރާފަ އެވެ. ރާއްޖޭގެ ނަންބަރު އިތުރުވަމުން ދިޔަނަމަވެސް މިދިޔަ މަހާ ހިލާފަށް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މި މަހު ވަނީ ބޮޑުތަނުން ދަށަށް ގޮސްފަ އެވެ. މި މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި އެއް ދުވަހެއްގައި 100 އިން މަތީގެ ނަންބަރެއް އައީ އެންމެ ދުވަހެއްގަ އެވެ. އެހެން ދުވަސްތަކުގައި ޕޮޒިޓިވް އަދަދު އުޅެނީ 100 އިން ދަށުގައެވެ.
ނަމަވެސް މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ކޮންމެ ދުވަހަކު ވެސް 100 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވި އެވެ. އެ މަހު އެކަނި ވެސް 3،900 މީހުންނަށް ބަލި ޖެހުނެވެ. އަދި އެ ބަލީގައި 12 މީހަކު މަރުވި އެވެ.
މިއަދު ކޮވިޑުން ރަނގަޅުވީ 73 މީހުންނެވެ. ރާއްޖެއިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދަކީ 8،261 އެވެ. މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،424 މީހުންނެވެ. ކޮވިޑްގައި 33 މީހަކު ވަނީ މަރުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 107 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އަތޮޅުތެރޭގެ 24 ރަށެއްގައި 50 މީހަކަށް ބަލިޖެހިފައި ވެއެވެ. އަދި 26 ރިސޯޓެއްގައި 15 ފަތުރުވެރިންނާއި 39 މުވައްޒިފުންނަށް ވެސް ބަލިޖެހިފައި ވެއެވެ.