ޔޫރަޕްގެ ފުޓްބޯޅަ ސީޒަން، ޖޫން މަހުގެ ކުރިން ނުފެށިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް، ޔޫއެފާގެ ސީނިއާ އޮފިޝަލުން ފާހަގަ ކޮށްފި އެވެ.
މިހާރު ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ނުރައްކާ އެއް ބަރެއްގައި އެންމެ ބޮޑަށް އޮތީ ޔޫރަޕްގަ އެވެ. ޔޫއެފާއިން ކުރިން އަންދާޒާ ކޮށްފައި ވަނީ، ޔޫރަޕްގެ ލީގްތަކުގެ ސީޒަން މެއި މަހު ފެށުމަށެވެ. އެހެންނަމަވެސް ޔޫރަޕްގެ ހާލަތު އިތުރަށް ގޯސް ވަމުން ދާތީ އެ ތާރީހްގައި ސީޒަން ނުފެށޭނެ ކަން ގާތްގަނޑަކަށް ވަނީ ޔަގީންވެފަ އެވެ. ޔޫއެފާގެ މެންބަރު ގައުމުތަކުން މަސައްކަތް ކުރީ، މެއި މަހު ލީގް ފަށައި ޖުލައި މަހު ނިންމާލެވޭތޯ އެވެ.
ބައެއް ކުޅުންތެރިންގެ ކޮންޓްރެކްޓްގެ އެންމެ ފަހު ތާރީހަކީ، ޖޫން 30 އެވެ. ޔޫއެފާއިން ވަނީ އެ ޔޫނިއަންގެ 55 މެންބަރު ގައުމާއެކު ވީޑިއޯ ކޮންފަރެންސް ބައްދަލުވުމަކަށް ގޮވާލާފަ އެވެ. މިއަދު ބާއްވާ މި ބައްދަލުވުމުގައި ކުޅުންތެރިންގެ ކޮންޓްރެކްޓާ ބެހޭގޮތުން ހައްލުތަކެއް ހޯދުމަށް މަޝްވަރާ ކުރާނެ އެވެ.
މި ބައްދަލުވުމުގައި ބައިވެރިވާނެ ބައެއް އޮފިޝަލުން ވަނީ، ޖޫންގައި ސީޒަން އަލުން ފަށައި އޯގަސްޓް ގައި ސީޒަން ނިންމާލުމަށް ކުރިން ވާހަކަ ދައްކާފަ އެވެ. އާންމު އުސޫލުން ޔޫރަޕްގައި ސީޒަން ފަށަނީ އޯގަސްޓްގަ އެވެ. މިހާރު ދިމާވެފައިވާ ހާލަތުން އަންނަ ސީޒަންގެ ތައްޔާރީތަކަށް ބުރު އަރާނެ އެވެ. މިހާރު މިދާ ގޮތުން އަންނަ ސީޒަން ކުޅެން ޖެހޭނީ ޓައިޓް ޝެޑިއުލެއްގަ އެވެ. އެއީ އަންނަ އަހަރަށް ޔޫރޯ ފުޓްބޯޅަ މުބާރާތް ފަސް ކޮށްފައި ވުމުން، އެ މުބާރާތަށް ތައްޔާރުވާން ވަގުތު ދޭން ޖެހޭތީ އެވެ.