ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮވިޑް-19 އަކީ ދެވަނަ ބޮޑުހަނގުރާމައަށްފަހު އެންމެ ބޮޑު ކާރިސާ: އދ

Apr 1, 2020
1

މިހާރު މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19 އަކީ ދެވަނަ ބޮޑުހަނގުރާމައަށްފަހު ދުނިޔެއަށް ކުރިމަތިވި އެންމެ ބޮޑު ކާރިސާގެ ގޮތުގައި އދ. އިން ސިފަކޮށްފި އެވެ.

ކޮވިޑް-19ގެ ސަބަބުން މުޅި ދުނިޔޭގެ އިޖުތިމާއީ އަދި އިގުތިސޯދަށް ކުރާނެ އަސަރާ ގުޅޭގޮތުން އދ. އިން ތައްޔާރުކުރި ރިޕޯޓު ނެރުއްވައި ދެއްވަމުން އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސް ވިދާޅުވީ، ފަހުގެ ތާރީހެއްގައި ނުދެކޭފަދަ މަޑުޖެހުމަކަށް މުޅި ދުނިޔެ ވެއްޓިފައިވާކަމަށެވެ.

މުޅި ދުނިޔޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު 860،000 އަށް ވުރެ މައްޗަށް އަރާފައިވާއިރު، އޭގެ ތެރެއިން މިހާތަނަށް 42،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

އެ ބަލި މިހާރު އެންމެ ބޮޑަށް ފެތުރެމުންދާ އެމެރިކާގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ، އެ ބަލި އެންމެ ފުރަތަމަ ފެނުނު ޗައިނާއަށް ވުރެ މައްޗަށް އަރައިފަ އެވެ.

އެމެރިކާގައި މިހާރު 3،800 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، އެ ވައިރަސް ފެތުރުން ހުއްޓުވުމަށް ސަރުކާރުން ދަނީ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރަމުންނެވެ. އެގޮތުން، ކޮންމެ ހަތަރު މީހުންގެ ތެރެއިން ތިން މީހުން، މިހާރު ކޮންމެވެސް ވަރެއްގެ ލޮކްޑައުނެއްގައި ތިބެންޖެހިފައިވާކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެ ވައިރަހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެއް ގައުމުކަމަށްވާ ސްޕެއިންގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 849 މީހަކު ވަނީ މަރުވެފަ އެވެ. މިއީ އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ މީހުން މަރުވި ރެކޯޑެވެ.

އިނގިރޭސިވިލާތުގައިވެސް އެ ބަލި މަޑުޖެހުމެއްނެތި ދަނީ ފެތުރެމުންނެވެ.

"އާ ކޮރޯނާ ވައިރަސް ދަނީ މުޖުތަމައުގެ އެންމެ ފުނަށް ހަމަލާދީ، މީހުންގެ ފުރާނައިގެ އިތުރުން އާމްދަނީ ހޯދަން ކުރާ މަސައްކަތްތައް ގެއްލުވާލަމުން،" ގުޓެރޭސް ވިދާޅުވި އެވެ.

އަދި އދ.ގެ ޖަމިއްޔާ އުފެދުނު ފަހުން، ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އިމްތިހާނުގެ ގޮތުގައި ވެސް ގުޓެރޭސް ވަނީ ސިފަކުރައްވައިފަ އެވެ.

މި ބަލު މަޑުކަމުން އަރައިގަތުމަށްޓަކައި، ބޮޑެތި ގައުމުތަކުން، ފަގީރު ގައުމުތަކަށް އެހީތެރިވުމަށް އދ. އިން ވަނީ ގޮވާލައިފަ އެވެ.

ކޮވިޑް-19 ގެ ސަބަބުން، 25 މިލިއަން މީހުންގެ ވަޒީފާ ގެއްލޭނެކަމަށް އދ. އިން ވަނީ ލަފާކޮށްފަ އެވެ.