ކޮވިޑް-19 އިގެ ބަލާއާފާތް ދުނިޔެއަށް ކުރިމަތިވި ފަހުން އެމެރިކާ، ސްޕެއިން އަދި އިނގިރޭސި ވިލާތަށް ވެސް އިއްޔެ އަކީ ނާމާން ދުވަހެކެވެ. އެ ތިން ގައުމުން ވެސް އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ މަރު ރިޕޯޓު ކޮށްފައި ވަނީ އިއްޔެ އެވެ.
އެމެރިކާއަކީ މިހާރު އެއް ގައުމަކުން އެ ބަލި ޖެހިފައިވާ އެންމެ ގިނަ މީހުން ފެނިފައިވާ ގައުމެވެ. އިއްޔެއާ ހަމައަށް އެމެރިކާގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު 213،000 އަށް އަރާފައިވާއިރު، އިއްޔެ އެކަނި އެ ގައުމުގައި 884 މީހުން ވަނީ މަރުވެފަ އެވެ. އެއާއެކު ޖުމްލަ މަރުގެ އަދަދު ވަނީ 5،000 އަށް ވުރެ މައްޗަށް އަރައިފަ އެވެ.
ފަރުވާދޭން ޖެހިފައިވާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެ، އެމެރިކާގައި ރައްކާތެރިކަމުގެ އާލަތްތަކާއި ބޭސް ގާތްގަނޑަކަށް އެކީގައި ހުސްވެފައިވާ ކަމަށް އެގައުމުގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.
އިނގިރޭސި ވިލާތުގައި އިއްޔެ އިތުރު 563 މީހުން މަރުވެފައިވާއިރު، އެ ގައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވެސް ވަނީ އިއްޔެއަކީ ވަރަށް ހިތާމަވެރި ދުވަހެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ.
ސްޕެއިންގައި ވެސް ބަލި ފެތުރޭ މިންވަރު ކޮންޓްރޯލް ނުވެ، ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 102،000 އަށް ވުރެ މައްޗަށް ގޮސްފަ އެވެ.
މުޅި ދުނިޔެއަށް ބަލާއިރު، ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 900،000 އަށް ވުރެ މައްޗަށް އަރާފައިވާއިރު، ކުރިއަށް އޮތް ދެ ތިން ދުވަހެއްގެ ތެރޭގައި އެ އަދަދު މިލިއަނަކަށް ވުރެ މައްޗަށް ދާނެކަމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ވަނީ ބުނެފަ އެވެ.
ދެވަނަ ބޮޑު ހަނގުރާމައަށްފަހު ދުނިޔެއަށް ކުރިމަތިވި އެންމެ ބޮޑު ކާރިސާގެ ގޮތުގައި އދ. އިން ސިފަކޮށްފައިވާ ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 44،000 އަށް ވުރެ މައްޗަށް އަރައިފަ އެވެ.